މިއަދު ގެޒެޓްކުރެވުނު ލައިސަންސް ދޫކުރުމާބެހޭ ގަވާއިދުގެ 02 ވަނަ އިސްލާހުގެ ދަށުން މިހާރު ދޫކުރާ ވަގުތީ އަދި ދާއިމީ ލައިސަންސް ކަނޑައަޅާފައިވާ އިމްތިހާންތައް ފުރިހަމަކޮށްގެން ނެގުމަށް 18 އަހަރުން މަތީގެ އެއްވެސް އުމުރު ފުރައެއްގެ އެއްވެސް ފަރާތަކަށް ހުރަހެއް ނެތެވެ.
އެގޮތުން އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް ދޫކުރުމުގެ ގަވާއިދުގެ ދަށުން ދޫކުރާ ވަގުތީ ލައިސަންސާއި، ދާއިމީ ލައިސަންސް ދޫކުރާނީ މިނިސްޓްރީން ކަނޑައަޅާ އިމްތިހާންތައް ފުރިހަމަ ކުރުމުންނެވެ. މި ދެ ބާވަތުގެ ލައިސަންސްގެ އިތުރުން، މި އިމްތިހާނުތައް ފުރިހަމަ ކުރުމުގެ ބަދަލުގައި، 04 ގަޑިއިރުގެ ތަމްރީން ޕްރޮގްރާމެއް ފުރިހަމަކޮށްގެން، 60 ސީސީ އިން ދަށުގެ ސައިކަލާއި، ރަށު ޕިކަޕް ދުއްވުމަށް އިސް ރައްވެހިންނަށް ޚާއްސަ ލައިސަންސެއް ދޫކުރުމުގެ އިޚުތިޔާރު މިއަދު ގެޒެޓްކުރެވުނު ލައިސަންސް ދޫކުރުމާބެހޭ ގަވާއިދުގެ 02 ވަނަ އިސްލާހުގެ ދަށުން ރަށްރަށުގެ ކައުންސިލްތަކަށް ލިބިގެންދެއެވެ. މި ލައިސަންސް ބޭނުންކޮށްގެން ދުއްވޭނީ ހަމައެކަނި އެ ލައިސަންސެއް ދޫކުރި ކައުންސިލް ހުންނަ ރަށެއްގައެވެ.
- މުޙައްމަދު އަމީން/ މިނިސްޓަރ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން