ސަޢޫދީ ފަންޑް ފޮރ ޑިވެލޮޕްމަންޓް (އެސް.އެފް.ޑީ) ގެ ޗީފް އެގްޒެކެޓިވް އޮފިސަރ، ހިޒް އެކްސެލެންސީ ސުލްޠާން ބިން ޢަބްދުއްރަޙްމާން އަލް މަރްޝަދު ރަސްމީ ދަތުރުފުޅެއްގައި ދިވެހިރާއްޖެއަށް ވަޑައިގެންފިއެވެ.
އެޕްރިލް މަހުގެ 13 އިން 15 ގެ ނިޔަލަށް ސައުދީ ފަންޑުގެ މަތީފަންތީގެ ވަފުދަކާއެކު ސިއީއޯ ސުލްޠާން ބިން ޢަބްދުއްރަޙްމާން އަލް މަރްޝަދު ރާއްޖެއަށް ކުރައްވާ ދަތުރުފުޅުގައި ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް ތަރައްޤީކުރުމަށް ބޭނުންވާ އިތުރު ފައިނޭންސިންގ އެއްބަސްވުންތަކުގެ ސޮއިކުރުމަށް ވަނީ ހަމަޖެހިފައެވެ. އޭގެ އިތުރުން، އެސްޑީއެފްގެ އެހީގައި ކުރިއަށްގެންދާ އެފޯޑަބަލް ހައުސިންގ މަޝްރޫޢުގެ އެއްބަސްވުމުގައި ސޮއިކުރުމަށްވެސް ވަނީ ހަމަޖެހިފައެވެ.
ސަޢޫދީ ފަންޑު ފޯރ ޑިވެލޮޕްމަންޓް (އެސްއެފްޑީ) އަކީ ދިވެހިރާއްޖޭގެ ތަރައްޤީގެ ދަތުރުގައި ވަރަށް މުހިންމު ބައިވެރިއެކެވެ. އެސްއެފްޑީ އިން ވަނީ ދަތުރުފަތުރާއި، ޞިއްޙަތާއި، ބޯހިޔާވަހިކަމާއި އަދި މަސްވެރިކަން ފަދަ އެކި ދާއިރާތަކަށް 470 މިލިއަން ޑޮލަރަށް ވުރެ ގިނަ އަދަދެއްގެ އެހީ ފޯރުކޮށްދީފައެވެ. ޚާއްޞަކޮށް، 2024 ވަނަ އަހަރުގެ މޭ މަހު، އެސްއެފްޑީ އިން ވަނީ ދެ މުހިންމު މަޝްރޫޢުއަކަށް 150 މިލިއަން ޑޮލަރުގެ ލޯނު ދޫކޮށްފައެވެ. އޭގެ ތެރެއިން 100 މިލިއަން ޑޮލަރު ދޫކޮށްފައިވަނީ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް ތަރައްޤީކުރުމަށެވެ. މީގެ މަޤްޞަދަކީ ފަތުރުވެރިކަމާއި އިޤްތިޞާދީ ކުރިއެރުން އިތުރުކުރުމެވެ. އަދި 50 މިލިއަން ޑޮލަރު ދޫކޮށްފައިވަނީ ޞިއްޙީ ދާއިރާ ތަރައްޤީކުރުމުގެ މަޝްރޫޢުއަށެވެ. މި މަޝްރޫޢުގެ ދަށުން ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ތިން ހޮސްޕިޓަލެއް އިމާރާތްކޮށް، ޞިއްޙީ ޚިދުމަތްތައް ފުޅާކުރެވޭނެއެވެ.
ސަޢޫދީ ފަންޑު ފޮރ ޑިވެލޮޕްމަންޓް (އެސްއެފްޑީ) އަކީ 1974 ވަނަ އަހަރު ސައޫދީ އަރަބިއްޔާގެ ސަރުކާރުން އުފައްދާފައިވާ ފަންޑެކެވެ. މި ފަންޑު އުފައްދާފައިވަނީ ތަރައްޤީވަމުން އަންނަ ޤައުމުތަކުގައި ތަރައްޤީގެ މަޝްރޫޢުތަކަށް މާލީ އެހީތެރިކަމާއި އެއްބާރުލުން ފޯރުކޮށްދިނުމަށްޓަކައެވެ. މި ފަންޑުގެ މަޤްޞަދަކީ ލުއި ލޯނުތަކާއި ހިލޭ އެހީގެ ޒަރީޢާއިން ދެމެހެއްޓެނިވި ތަރައްޤީ ކުރިއެރުވުމެވެ. މި ގޮތުން މައިގަނޑު ގޮތެއްގައި އަމާޒުކުރަނީ އަސާސީ ވަސީލަތްތަކާއި، ޞިއްޙަތާއި، ތަޢުލީމާއި، އަދި ހަކަތައިގެ ދާއިރާތަކަށެވެ.
ހަބަރު: ސަރުކާރުު