ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް ތަރައްޤީކުރުމުގެ މަޝްރޫޢަށް ސަޢޫދީ ފަންޑް ފޮރ ޑިވެލޮޕްމަންޓުން 63.75 މިލިއަން ސަޢޫދީ ރިޔާލްގެ އިތުރު ލޯނެއް ދިނުމަށް އެއްބަސްވެއްޖެއެވެ. މި އެއްބަސްވުމުގައި ސޮއިކުރެވުނީ މިއަދު ހެނދުނު ރައީސް އޮފީހުގައި ބޭއްވުނު ޚާއްޞަ ރަސްމިއްޔާތެއްގައެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ހާޒިރުގައި ދިވެހި ސަރުކާރުގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ މިނިސްޓަރ އޮފް ފިނޭންސް އެންޑް ޕްލޭނިންގ، މޫސާ ޒަމީރެވެ. ސަޢޫދީ ފަންޑުގެ ފަރާތުން ސޮއިކުރެއްވީ އެ ފަންޑުގެ ޗީފް އެގްޒެކެޓިވް އޮފިސަރ، ސުލްޠާން ބިން ޢަބްދުއްރަޙްމާން އަލްމުރްޝިދެވެ.
މި އެއްބަސްވުމަކީ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް ތަރައްޤީކުރުމުގެ މަޝްރޫޢުގެ ދެވަނަ އެޑިޝަނަލް ލޯނުގެ އެއްބަސްވުމެވެ. މި އިތުރު މާލީ އެހީގެ ސަބަބުން މަޝްރޫޢުގޫޢުގެ މަސައްކަތް އަވަސްވެ، އަވަހަށް ނިންމުމަށް މަގުފަހިވެގެންދާނެ ކަމަށް ބެލެވެއެވެ.
މި މަޝްރޫޢު ނިމުމުން ރާއްޖެއަށް އިޤްތިޞާދީ ގޮތުން ގިނަގުނަ ފައިދާތަކެއް ލިބިގެންދާނެ ކަމަށް ބެލެވެއެވެ. އޭގެ ތެރޭގައި ފަތުރުވެރިންނަށާއި އިތުރު އެއަރލައިންތަކަށް ޖާގަ ލިބި، ފަތުރުވެރިކަމާއި، ވިޔަފާރި އަދި ދަތުރުފަތުރުފަދަ އިޤްތިޞާދީ ތަރައްޤީއާ ގުޅުންހުރި ދާއިރާތަކަށް އިތުރު ކުރިއެރުން ލިބިގެންދިއުން ހިމެނެއެވެ. މީގެ އިތުރުން، ޤައުމީ އުފެއްދުންތެރިކަމުގައި އެންމެ އިސްދައުރެއް އަދާކުރާ ފަތުރުވެރިކަމުގެ ސިނާޢަތަށް ބޮޑެތި ކުރިއެރުންތަކެއް ލިބިގެންދާނެ ކަމަށްވެސް ލަފާކުރެވެއެވެ.
މި އެއްބަސްވުމަކީ ދިވެހިރާއްޖެއާއި ސަޢޫދީ ޢަރަބިއްޔާއާ ދެމެދު އޮންނަ ރަޙްމަތްތެރިކަމުގެ ގުޅުން އިތުރަށް ބަދަހިވެގެންދާނެ ކަމެއްގެ ގޮތުގައިވެސް ފާހަގަކުރެވެއެވެ.