ސަޢުދީ ފަންޑު ފޮރ ޑިވެލޮޕްމަންޓް (ސަޢުދީ ފަންޑު)ގެ 25 މިލިއަން ޑޮލަރުގެ ލޯނު އެހީގައި ހިންގާ "400 އެފޯޑަބަލް ހައުސިންގ ސްކީމް ޕްރޮޖެކްޓް" އިފްތިތާހުކޮށްފިއެވެ.
ހުޅުމާލޭ ދެވަނަ ފިޔަވަހީގައި މިއަދު ކުރިއަށްގެންދިޔަ ޚާއްސަ ރަސްމިއްޔާތެއްގައި މި މަޝްރޫޢު އިފްތިތާޙްކޮށްދެއްވީ ސަޢުދީ ފަންޑުގެ ޗީފް އެގްޒެކެޓިވް އޮފިސަރ (ސީ.އީ.އޯ)، ހިޒް އެކްސެލެންސީ ސުލްޠާން ބިން ޢަބްދުއްރަޙްމާން އަލް-މަރްޝަދު އާއި މިނިސްޓަރ އޮފް ފިނޭންސް އެންޑް ޕްލޭނިންގ އަލްފާޟިލް މޫސާ ޒަމީރެވެ.
މި މަޝްރޫޢުގެ ދަށުން ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި، 400 ސޯޝަލް ހައުސިންގ ޔުނިޓު ޢިމާރާތް ކުރުމަށްވަނީ ހަމަޖެހިފައެވެ. ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން ގިނަ ބަޔަކަށް ގެދޮރުވެރިކަމާއި ބޯހިޔާވަހިކަން ފަހިކޮށްދިނުމަށް މި މަޝްރޫޢުގެ ސަބަބުން މަގުފަހިވެގެންދާނެއެވެ.
މި ރަސްމިއްޔާތު މި ބޭއްވެނީ ސަޢުދީ ފަންޑުގެ ސީ.އީ.އޯ ހިޒް އެކްސެލެންސީ ސުލްޠާން ބިން ޢަބްދުއްރަޙްމާން އަލް-މަރްޝަދާއި އެ މަނިކުފާނުގެ އަރިހުގައި ރާއްޖެ ވަޑައިގެންނެވި ސަޢުދީ ފަންޑުގެ މަތީ ފަންތީގެ ވަފުދު ރާއްޖެއަށް ކުރައްވާ 3 ދުވަހުގެ ރަސްމީ ދަތުރުފުޅުގެ ތެރޭގައެވެ.
ސަޢޫދީ ފަންޑު ފޮރ ޑިވެލޮޕްމަންޓް (އެސްއެފްޑީ) އަކީ 1974 ވަނަ އަހަރު ސައޫދީ އަރަބިއްޔާގެ ސަރުކާރުން އުފައްދާފައިވާ ފަންޑެކެވެ. މި ފަންޑު އުފައްދާފައިވަނީ ތަރައްޤީވަމުން އަންނަ ޤައުމުތަކުގައި ތަރައްޤީގެ މަޝްރޫޢުތަކަށް މާލީ އެހީތެރިކަމާއި އެއްބާރުލުން ފޯރުކޮށްދިނުމަށްޓަކައެވެ. މި ފަންޑުގެ މަޤްޞަދަކީ ލުއި ލޯނުތަކާއި ހިލޭ އެހީގެ ޒަރީޢާއިން ދެމެހެއްޓެނިވި ތަރައްޤީ ކުރިއެރުވުމެވެ. މި ގޮތުން މައިގަނޑު ގޮތެއްގައި އަމާޒުކުރަނީ އަސާސީ ވަސީލަތްތަކާއި، ޞިއްޙަތާއި، ތަޢުލީމާއި، އަދި ހަކަތައިގެ ދާއިރާތަކަށެވެ.
ހަބަރު: ސަރުކާރު