ސަޢޫދީ ފަންޑުން މިހާތަނަށް 488 މިލިޔަން ޑޮލަރުގެ ލޯނު އެހީ ރާއްޖޭގެ ތަރައްޤީގެ މަޝްރޫޢުތަކަށް ދީފައިވާކަމަށް އެ ފަންޑުގެ ޗީފް އެގްޒެކެޓިވް އޮފިސަރ، ސީއީއޯ ސުލްޠާން ބިން ޢަބްދުއްރަޙްމާން އަލް މުރްޝިދު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވުނު ރަސްމިއްޔާތެއްގައި ސަޢޫދީ ފަންޑުގެ ސީއީއޯ މިހެން ވިދާޅުވީ، ސަޢޫދީ ފަންޑުން ރާއްޖެއަށް އެންމެ ފުރަތަމަ ދިން ލޯނަކީ 1978 ވަނަ އަހަރު މާލޭ ވައިގެ ބަނދަރު ތަރައްޤީކުރުމަށް ދިން ލޯނެކެވެ. އަދި އެހިނދުން ފެށިގެން މިއަދާ ހަމައަށް ސަޢޫދީ ފަންޑުން ރާއްޖެއަށް 17 ލޯނެއް ދޫކޮށްފައިވެއެވެ.
"1978ކުން ފެށިގެން މިހާތަނަށް 14 މަޝްރީޢެއް ކުރިއަށްގެންދިއުމަށް 17 ލޯނެއް ވާނީ ދޫކޮށްފަ. މި ލޯނުތައް 488 މިލިޔަން އެމެރިކާ ޑޮލަރަށް އަރާ" ސީއީއޯ އަލް މުރްޝިދް ވިދާޅުވިއެވެ.
އަލް މުރްޝިދު އިތުރަށް ވިދާޅުވި ގޮތުގައި، މި ލޯނުތަކަކީ ތަފާތު އެކި މަޝްރޫޢުތައް ކުރިއަށްގެންދިއުމަށް ދޫކޮށްފައިވާ ލޯނުތަކެކެވެ. މީގެ ތެރޭގައި ރާއްޖޭގެ އެއަރޕޯޓުތައް ތަރައްޤީކުރުމާއި، ފެނާއި ނަރުދަމާގެ މަޝްރޫޢުތައް ޤާއިމްކުރުމުގެ އިތުރުން ޞިއްޙީ ޚިދުމަތްތައް އިތުރަށތުރަށް ފުޅާކުރުމާއި އަސާސީ ވަސީލަތްތައް ފޯރުކޮށްދިނުން ފަދަ މުހިންމު ދާއިރާތަށް ހިމެނެއެވެ.
މިކަމުން ދައްކުވައިދެނީ ރާއްޖޭގެ ތަރައްޤީގެ މަސައްކަތްތަކުގައި ސަޢޫދީ ފަންޑުން އަދާކުރަމުންދާ މުހިންމު ދައުރެވެ. އަދި ދެ ޤައުމުގެ ދެމެދުގައި އޮތް ގާތް ގުޅުމުގެ ސަބަބުން ރާއްޖެއަށް ލިބެމުންދާ މާލީ އެހީތެރިކަމުގެ މިންވަރެވެ. މި ފަދަ ލޯނުތަކުން ރާއްޖޭގެ އިޤްތިޞާދީ އަދި އިޖްތިމާޢީ ތަރައްޤީއަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެ ކަމަށް ބެލެވެއެވެ.