މަސްވެރިން ކިރުވާ މަހަށް 48 ގަޑިއިރު ތެރޭގައި ފައިސާ ދޫކުރަން ފެށިފަހުން، މިހާތަނަށް މަސްވެރިންނަށް 470 މިލިޔަނެއްހާ ރުފިޔާ ދޫކޮށްފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ހާމަކުރައްވައިފިއެވެ.
"ރައްޔިތުންނާއެކު" ޕޮޑްކާސްޓްގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުޢިއްޒު ވިދާޅުވީ، މިދިޔަ ޑިސެމްބަރު މަހުގެ 10 ވަނަ ދުވަހުން ފެށިގެން މަސްވެރިން ކިރުވާ މަހަށް 48 ގަޑިއިރުގެ ތެރޭގައި ފައިސާ ދޫކުރަމުންދާ ކަމަށެވެ. މިއީ އެމަނިކުފާނުގެ ވަޢުދެއް ފުއްދުމުގެ ގޮތުން ފަށާފައިވާ ކަމެކެވެ.
ރައީސް މުޢިއްޒު އިތުރަށް ވިދާޅުވީ، މި ސަރުކާރުން ވެރިކަމާ ހަވާލުވިއިރު، މަސްވެރިން ކިރުވާފައިވާ މަހަށް 250 މިލިޔަން ރުފިޔާ ނުދީ އޮތް ކަމަށާއި، ނަމަވެސް އެ ފައިސާ ދައްކާ ޚަލާސްކޮށް މިހާރު ދުވަހުން ދުވަހަށް ފައިސާ ދެމުންދާ ކަމަށެވެ.
"ބަރާބަރަށް ފައިސާ ދޭންފެށުމުން އޭގެ ހެޔޮ ނަތީޖާވެސް ދަނީ ފެންނަމުން. ކުރިން ފައިސާ ނުދެވުމުގެ ސަބަބުން މަސްދޯނިތަކުން އެތައް ޒުވާނުންނެއް ފޭބި. ނަމަވެސް މިހާރު އެ ފޭބި ޒުވާނުން މަސްދޯނިތަކަށް ދަނީ އަރަމުން," ރައީސް ޑރ.މުޢިއްޒު ވިދާޅުވިއެވެ.