ދިވެހިބަހާއި ސަގާފަތާއި ތަރިކައާބެހޭ ވުޒާރާ އާއި ގުޅިގެން އަޟްޙާ ޢީދު ފާހަގަކުރުމަށް ޝައުގުވެރިވާ ރަށްރަށަށް ފުރުސަތު ހުޅުވާލައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 19ސ
ދިވެހިބަހާއި ސަގާފަތާއި ތަރިކައާބެހޭ ވުޒާރާ އާއި ގުޅިގެން އަޟްޙާ ޢީދު ފާހަގަކުރުމަށް ޝައުގުވެރިވާ ރަށްރަށަށް ފުރުސަތު ހުޅުވާލައިފި

ދިވެހިބަހާއި ސަގާފަތާއި ތަރިކައާބެހޭ ވުޒާރާ އާއި ގުޅިގެންމި އަހަރުގެ އަޟްޙާ ޢީދު ފާހަގަކުރުމަށް ޝައުގުވެރިވާ ރަށްރަށަށް އެ ފުރުސަތު ހުޅުވާލައިފިއެވެ.

ދިވެހިބަހާއި ސަގާފަތާއި ތަރިކައާބެހޭ ވުޒާރާއިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ރަށްރަށުން ހުށަހަޅާ ޕްރޮޕޯސަލްތަކުގެ ތެރެއިން އަޟްޙާ ޢީދު ފާހަގަކުރާނެ ރަށެއް ކަނޑައެޅުމުގައި ބަލާނީ "ޤައުމީ ފެންވަރުގައި އަޟްޙާ ޢީދު ފާހަގަކުރާ ރަށްތައް ކަނޑައެޅުމުގައި ޢަމަލުކުރާނެގޮތުގެ އުޞޫލު" އާ އެއްގޮތަށް އެންމެ ރަނގަޅު ޕްރޮޕޯސަލް ހުށަހަޅުއްވާ ފަރާތެކެވެ.

ގަވާއިދުގައިވާ ގޮތުން، ރަށްރަށުގެ ފަރާތުން ޕްރޮޕޯސަލްތައް ހުށަހަޅަންޖެހޭނީ އެ ރަށެއްގެ ކައުންސިލުންނެވެ. އަމިއްލަ ފަރުދުންނާއި، ރަށުގެ ކްލަބްތަކާއި ޖަމުޢިއްޔާތަކަށްވެސް ޕްރޮޕޯސަލް ހުށަހެޅޭނީ ކައުންސިލްތައް މެދުވެރިކޮށެވެ.

ޕްރޮޕޯސަލްތައް ހުށަހަޅާ ރަށްރަށުން މަދުވެގެން ޢީދުގެ ހަތަރު ދުވަހަށް ބަހާލައިގެން ކުޅިވަރުތައް ރާވަންޖެހޭނެއެވެ. އަދި ކޮންމެ ދުވަހަކު ވެސް އަދި ކޮންމެ ރެޔަކު ވެސް ކުރިއަށް ގެންދާނެ ޙަރަކާތްތަކުގެ ތެރޭގައި ދިވެހީންގެ ސަގާފަތް ދިރުވައި އާލާކުރުމާއި، އަންނަންއޮތް ޖީލުތަކަށް ދިވެހީންގެ ސަގާފަތް ވާސިލު ކުރުމަށްޓަކައި ދިވެހި ސަޤާފަތް ދައްކުވައިދޭ، ޒަމާނުއްސުރެ ދިވެހީން ޢީދުގައި ކުޅެއުޅުނު ކުޅިވަރުތަކުގެ ތެރެއިން ކުޅިވަރެއް ހިމަނަންޖެހޭނެ ކަމަށްވެސް ގަވާއިދުގައިވަނީ ބަޔާންކޮށްފައެވެ.

މި ފުރުސަތު ހުޅުވާލުމުގެ މަޤްޞަދަކީ ދިވެހި ސަގާފަތާއި އާދަކާދަތައް ދިރުވައި އާލާކުރުމާއި، ރަށްރަށުގެ މެދުގައި ވާދަވެރި ރޫހެއް އުފެއްދުމެވެ. މި ކަމާ ގުޅޭ އިތުރު މަޢުލޫމާތު ހޯދުމަށް ޝައުގުވެރިވާ ފަރާތްތަކަށް ދިވެހިބަހާއި ސަގާފަތާއި ތަރިކައާބެހޭ ވުޒާރާއާ ގުޅުމަށް އެ ވުޒާރާއިން އިލްތިމާސްކޮށްފައިވެއެވެ.

މިއަދު އޮންލައިން