ސިޔާސީ ޕާޓީތައް ހިންގުމުގެ ނަމުގައި ގައުމަށާއި އާއިލާތަކަށް ފުރައްސާރަކޮށް މީހުންގެ ކަރާމާތަށް އިދިކޮޅުން އަރައިގަންނަމުންދާ ކަމަށް އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.
ދައުރުވަމުންދާ ޕީއެންއެފްގެ ޖަލްސާއެއްގެ ވީޑިއޯއަކާއި ގުޅިގެން ސައީދު ވިދާޅުވީ ސިޔާސީ ޕާޓީތައް ހިންގުމުގެ ނަމުގައި ބައެއް ފަރާތްތަކުން ޤައުމަށާއި އާއިލާތަކަށް ފުރައްސާރަކުރަމުންދާ ކަމަށާއި މިފަދަ ޢަމަލުތަކަކީ ކިޔަވައިގެން ތިބި ޒުވާނުންނާއި ތަހުޒީބު މުސްލިމް ރައްޔިތުން ބަލައިގަންނާނެ ކަންކަމެއް ނޫން ކަމަށެވެ.
"ސިޔާސީޕާޓީ ހިންގުމުގެ ނަމުގައި މި މީހުން މި ކުރަނީ ގައުމަށާ އާއިލާތަކަށްވެސް ފުރައްސާރަ. މިއީ ކިޔަވައިގެން ތިބި ޒުވާނުން މިހާގިނަ ތަހުޒީބު މުސްލިމް ރައްޔިތެއް ބަލައިގަންނާނެ ކަންކަމެއް ނޫން." ސައީދު ވިދާޅުވިއެވެ.
ރައީސް މުޢިއްޒަކީ މަޑުމައިތިރި، ރިވެތި އަޚްލާޤުގެ ވެރިއެއް ކަމަށާއި، އަނެކުންގެ ކަރާމާތް ހިފަހައްޓަވައި، ރައްޔިތުންނަށް ވެވަޑައިގަތް ވަޢުދުތައް ފުއްދެވުމަށް ހީވާގިކަމާއެކު މަސައްކަތް ކުރައްވާ ބޭފުޅެއް ކަމަށް ސައީދު ވިދާޅުވިއެވެ.
"ރެޔާދުވާލު ރައްޔިތުންނަށް ވެވަޑައިގަތް ވަޢުދު ފުއްދެވުމަށް ހިންމަތާއެކު އެކުރައްވާ ބުރަ މަސައްކަތް. އެކަންކަން ކާމިޔާބުވަމުން ރައީސް ޑރމުޢިއްޒަށް ރައްޔިތުންގެ ލޯބި އިތުރުވަމުން ދާތަން ފެނުމުން މިހެން ހަމައިން ނެއްޓުމަކުން ވާނެ މޮޅެއް ނޯންނާނެ." ސައީދު ވިދާޅުވިއެވެ.
ޕީޕަލްސް ނޭޝަނަލް ފްރަންޓް (ޕީއެންއެފް) ގެ ޖަލްސާއެއްގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒަށް ނިސްބަތްކޮށް ދެއްކި އިހާނެތި ވާހަކަތަކަށް ސަރުކާރުގެ ދެ ވަޒީރަކު ވަނީ ރައްދު ދެއްވާފައެވެ.
މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާބެހޭ ވަޒީރު އަޙްމަދު ޝިޔާމްވެސް މި މައްސަލައާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވައި، ސިޔާސީ ވިޔަސް ދައްކަން ހެޔޮނުވާނެ ވާހަކަތައް ހުންނާނެ ކަމަށް ވިދާޅުވިއެވެ. އަދި ވެރިކަމަކީ ހެޔޮ ނިޔަތާއެކު މަސައްކަތްކުރާ ބަޔަކަށް ﷲ ދެއްވާ އެއްޗެއް ކަމަށްވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ޕީއެންއެފްގެ ޖަލްސާގައި އިނގުރައިދޫ ދާއިރާގެ ޕީއެންސީ މެންބަރު އިބްރާހިމް ފަލާހް ވިދާޅުވީ، އެދަރަޖައަށް އަދި ބަޔަކުވެރިކަމަށް މަސްތުވެފައި ތިއްބަކަ ދެކިވަޑައިނުގަންނަވާ ކަމަށެވެ. މާޒީގައި ރާއްޖޭގައި ވެރިކަންތަށް ބަދަލުކުރަން ލައްކަގިނަ ގޮތްގޮތައްވަނީ މަސައްކަތްކޮށްފައި ކަމަށާއި މިއަދުގެ ރައީސް ވެރިކަމުން ދުރުކުރަން ސިހުރުހަދާ ވަގަށް ގޮވާ ވަގުބަދުނާމުއަޅުވާ މަލާމަތްކޮށް މިހެންގޮސް ވެރިއަކު ވެރިކަމުންދުރުރުކުރަން ކުރެވެން އޮއިތްހުރިހާ ކަމެއް ކުރަމުންދާ ކަމަށެވެ.
ކުރީގެ ރައީސް، އަބްދުالله ޔާމީން އަބްދުލްގައްޔޫމުގެ އިސް ވަކީލު އަދި ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް ވަނީ ރައީސް މުއިއްޒުއަށް ސުވަރުގެ ހަރާމްވާނެ ކަމަށް ބުނެ ފަތުވާއެއް ނެރެފައެވެ.
ޕީއެންއެފްގެ ޖަލްސާގައި ދެއްކެވި ވާހަކަތަކާ ގުޅިގެން އާންމު ރައްޔިތުންގެ ފަރާތުންވެސް ފާޑުކިޔުންތައް އަމާޒުވަމުންދާއިރު، މިއީ ސިޔާސީ ޕާޓީތަކުގެ ޒިންމާދާރު ފަރާތްތަކުން ބަލަންޖެހޭނެ މައްސަލައެއް ކަމަށް ބައެއް ފަރާތްތަކުން ދަނީ ބުނަމުންނެވެ.