ކެންސަރު ޖެހުމުން ފަރުވާކުރާއިރު ކެއުމުގަ މިކަންކަމަށް ސަމާލުކަން ދިނުމަކީ ޝިފާލިބެން މަގުފަހިވާކަމެއް!- އިން ޝާ ﷲ

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 12ސ
ކެންސަރު ޖެހުމުން ފަރުވާކުރާއިރު ކެއުމުގަ މިކަންކަމަށް ސަމާލުކަން ދިނުމަކީ ޝިފާލިބެން މަގުފަހިވާކަމެއް!- އިން ޝާ ﷲ

މީހަކަށް (ގިނަ ބައަކަށް) ކެންސަރު ޖެހިފައިވާކަން އެނގޭ ހިސާބުން ހިތްވަރު އެލި ކެއުމާއި ދުރުހެލިވާން ފަށައެވެ. ފަރުވާއަށް ފެށުމުން ކުރިމަތިވާ އުނދަގޫތައް ބޮޑުވުމުން ކެއުމާއި އިތުރަށް ދުރުހެލިވެއެވެ. 

އެއިރުން މިވަނީ ކިހިނެއްޔެވެ؟ ބަލީގެ ސަބަބުން ހަށިގަނޑަށް ލިބޭ ގެއްލުމަށްވުރެ ނުކެއުމުގެ ސަބަބުން ލިބޭ ގެއްލުން ބޮޑުވެގެންދަނީއެވެ. އެއިރުން ކުރާ ބޭހުން ނުވަތަ ދޭ ފަރުވާއިން ލިބެންޖެހޭވަރަށް ޝިފާލިބުމަށް ހުރަސްތައް ކުރިމަތިވެއެވެ. ގިނަ ފަހަރު ޙާލަތު ނުރައްކަލުގެ ތެރެއަށް ވެއްޓިގެންދިއުމުގެ ފުރުޞަތު ބޮޑުވެގެންދެއެވެ. 

އަހުރެން ފަރުވާކުރަނީ އުރަމަތީގެ ކެންސަރަށްކަމަށްވާތީ ބުނަމެވެ. ފަރުވާއިން ލުއިލިބުން ލަސްވެގެންދާ އެންމެ ބޮޑު އެއް ސަބަބަކީ ހަމަ ރަނގަޅަށް ނުކެއުމެވެ. އަހެންވެ ޕޭޝަންޓުންގެ ގާތުގައި ބުނަމެވެ. "އުނދަގޫވާނަމަ އެއްފަހަރާ ގިނައިން ކާން މަސައްކަތްނުކުރާށެވެ. އަވަސް އަވަހަށް ކުދިކުދި އެތިކޮޅުން ނަމަވެސް ކައިބަނޑުފުރާށެވެ! އަދި ފައިދާހުރި އެއްޗެތި ކެއުމަށް ސަމާލުކަންދޭށެވެ!" 

ބައެއް ބާވަތުގެ ކެންސަރަކީ އެއިގެ ޒާތުންވެސް މީހާއަށް ބަނޑުހައިވާކަން އަންގައިދޭން ހުރަސް އަޅާ ބަލިތަކެވެ. ވީމާ ބަނޑުހައިވެގެން ހުންނަތާ އެތައްއިރެއްވާއިރުވެސް އެކަން އިޙްޞާޞްނުކުރެވި ހިނގައިޑާނެއެވެ. އެކަމަށް އޮތް ޙައްލަކީ ބަނޑުހައި ނުވިނަމަވެސް ޢާންމުކޮށް ކައިއުޅޭ ގަޑިތަކުގައި ކޮންމެވެސް މިންވަރަކަށް ކެއުމެވެ. އަދި ކުރިން މިބުނިފަދައިން އިރުއިރުކޮޅުން ކޮންމެވެސް އެއްޗެއް ކަމުން ގެންދިއުމެވެ. 

މިކަންކަމަށް ސަމާލުކަންދީފިނަމަ ބަލިން އަރައިގަތުމަށް އިތުރަށް މަގުފަހިވެގެންދާނެއެވެ. (އިން ޝާ ﷲ)

 

- މަޢުލޫމާތު: ޞިއްޙީ ޚަބަރު

މިއަދު އޮންލައިން