ދައުލަތުގެ މާލިއްޔަތުގެ ގަވާއިދަށް އަހުލުވެރިކުރުމުގެ ޕުރޮގުރާމެއް ކުޅުދުއްފުށި ސިޓީގައި ހިންގައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 18ސ
ދައުލަތުގެ މާލިއްޔަތުގެ ގަވާއިދަށް އަހުލުވެރިކުރުމުގެ ޕުރޮގުރާމެއް ކުޅުދުއްފުށި ސިޓީގައި ހިންގައިފި

މާލީ ކަންކަމާއި ތަރައްޤީގެ ރޭވުންތެރިކަމާ ބެހޭ ވުޒާރާގެ ޕަބްލިކް ފައިނޭންސް އިންސްޓިޓިއުޓް (ޕީ.އެފް.އައި) އާއި ކުޅުދުއްފުށީ ސިޓީ ކައުންސިލާ ގުޅިގެން، ދައުލަތުގެ މާލިއްޔަތުގެ ގަވާއިދަށް އަހުލުވެރިކުރުމުގެ ޕުރޮގުރާމެއް ކުރިއަށްގެންގޮސްފިއެވެ.

މި އެޕްރީލް މަހުގެ 17 އިން 19 އަށް ކުޅުދުއްފުށި ސިޓީގައި ބޭއްވި މި ޕުރޮގުރާމުގައި އެ ސަރަހައްދުގެ 19 އިދާރާއަކުން ޖުމުލަ 130 ފަރާތަކުން ވަނީ ބައިވެރިވެފައެވެ.

މިއީ ދައުލަތުގެ މުވައްޒަފުން ދައުލަތުގެ މާލިއްޔަތުގެ ގަވާއިދަށް އަހުލުވެރިކުރުމުގެ ގޮތުން، މާލިއްޔަތުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ މުހިންމު ބައިތައް ހިމެނޭހެން ސިލްސިލާކޮށް ޕީ.އެފް.އައި އިން ކުރިއަށްގެންދާ ތަމްރީނުތަކުގެ ތެރެއިން ކުރިއަށްގެންދެވުނު ޕުރޮގުރާމެކެވެ.

މި ޕުރޮގުރާމުގެ ބައިވެރިންނަށް އަޚުލާޤާއި ނަޒާހަތްތެރިކަމާ ބެހޭގޮތުންނާއި، ދައުލަތުގެ ބަޖެޓާއި، ދައުލަތުގެ ފައިސާއާއި، ފައިސާ ހޯދުމާއި ބަލައިގަނެ ބެލެހެއްޓުމާއި، ދައުލަތުގެ މުދާ ސްޓޮކް އަދި ނީލަން ޕޯޓަލާ ގުޅޭ މަޢުލޫމާތު ދީފައިވެއެވެ.

މީގެ އިތުރުން، މުވައްޒަފުންގެ މާލީ ޒިންމާ އަދި މަސްއޫލިއްޔަތުތަކާއި، މުސާރައާއި އިނާޔަތްތަކާއި، ޓްރަސްޓްފަންޑާއި، ދައުލަތުގެ ފައިސާ ޚަރަދުކުރުމާއި ހިސާބު ބެލެހެއްޓުމުގެ އިތުރުން ދައުލަތުގެ ޕްރޮކިއުމަންޓް ނިޒާމާ ގުޅޭ ސެޝަންތައްވެސް ވަނީ ކުރިއަށްގެންގޮސްފައެވެ.

މި ޕުރޮގުރާމު އިންތިޒާމުކޮށް ހިންގުމުގެ ކުޅުދުއްފުށި ސިޓީ ކައުންސިލްގެ ފަރާތުން ލިބުނު އެއްބާރުލުން ފާހަގަކޮށް، ސިޓީ ކައުންސިލަށް ވަނީ ހަނދާނީ ފިލައެއްވެސް އަރުވައިފައެވެ.

 

 

ހަބަރު: ސަރުކާރު

މިއަދު އޮންލައިން