މިދިޔަ ހަފްތާގައި މަސްވެރިންނަށް 14.6 މިލިޔަން ރުފިޔާ ދޫކޮށްފި

މިއަދު
ކިޔުމަށް ހޭދަވާނީ 58ސ
މިދިޔަ ހަފްތާގައި މަސްވެރިންނަށް 14.6 މިލިޔަން ރުފިޔާ ދޫކޮށްފި

މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) އިން ހާމަކުރި ތަފާސްހިސާބުތަކުން ދައްކާގޮތުގައި މިދިޔަ ހަފްތާގައި މަސްވެރިން ކިރުވި މަހަށް 14.6 މިލިޔަން ރުފިޔާ ދޫކޮށްފައިވެއެވެ. މިއީ ކުރީ ހަފްތާގައި މަސްވެރިންނަށް ދޫކޮށްފައިވާ 12.8 މިލިޔަން ރުފިޔާއާ އަޅާބަލާއިރު 14 އިންސައްތައިގެ އިތުރުވުމެކެވެ.

މިފްކޯގެ ތަފާސްހިސާބުތަކުން އިތުރަށް ހާމަވާގޮތުގައި މިދިޔަ ހަފްތާގައި މަސްވެރިކަމަށް ނުކުތް ދޯނިތަކުގެ އަދަދުވެސް ވަނީ އިތުރުވެފައެވެ. ކުރީ ހަފްތާގައި 243 ދޯންޏަކުން މިފްކޯއަށް މަސް ކިރުވާފައިވާއިރު، މިދިޔަ ހަފްތާގައި މިފްކޯއަށް މަސް ކިރުވާފައިވަނީ 254 ދޯންޏަކުންނެވެ. މިދިޔަ ހަފްތާގެ ތެރޭގައި އެންމެ ގިނައިން މަސް ކިރުވާފައިވަނީ އޭޕްރީލް 19 ވަނަ ދުވަހުއެވެ. އެދުވަހު 45 ދޯންޏަކުން ކިރުވި މަހަށް މިފްކޯއިން ވަނީ 3.8 މިލިޔަން ރުފިޔާ ދޫކޮށްފައެވެ.

މިފްކޯގެ މި ތަފާސްހިސާބުތަކުން ދައްކާގޮތުގައި ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތަށް ކުރިއެރުންތަކެއް ލިބެމުންދާކަން ފާހަގަކުރެވެއެވެ.

މިކަމަކީ ގައުމުގެ އިގްތިސާދަށް އިތުރު ފައިދާތަކެއް ލިބިގެންދާނެ ކަމެއްކަމަށް އިގްތިސާދީ މާހިރުން ދެކެއެވެ. އަދި މަސްވެރިކަމުގެ ދާއިރާ ކުރިއެރުވުމަށް ސަރުކާރުން ގިނަގުނަ މަސައްކަތްތަކެއް ކުރަމުންދާކަން ފާހަގަކުރެވެއެވެ. 

މިއަދު އޮންލައިން