މަސްތުވާތަކެތީގެ ވިޔަފާރި ކުރާ ފަރާތްތަކަށް އެކަން ހުއްޓާލުމަށް އިންޒާރުދެއްވަމުން، އެކަން ހުއްޓާނުލާނަމަ ހިފާ ހައްޔަރުކޮށް ރާއްޖެ ސާފުކުރާނެ ކަމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާބެހޭ ވަޒީރު އަލީ އިޙްސާން މިއަދު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގައި މެންބަރުންގެ ސުވާލުތަކަށް ޖަވާބުދެއްވަމުން ވަޒީރު ވިދާޅުވީ، މަސްތުވާތަކެތީގެ މައްސަލަ ހައްލުކުރުމަށް އެންމެ ފުރަތަމަ ޓާގެޓް ކުރަނީ އެތަކެތީގެ ވިޔަފާރިކުރާ މީހުންނަށް ކަމަށެވެ. މިގޮތުން އެކި ސަރަހައްދުތަކުގައި މަސްތުވާތަކެތީގެ ވިޔަފާރި ކުރާ މީހުންނަށް ފާރަލައި، ތަހުގީގުކޮށް، ހައްޔަރުކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.
"އަޅުގަނޑުމެން ވާނެ ސެކްޓޯރަލްކޮށް ބަހާފަ ބަލާފައި އެތަންތަނުގައި ތިބި ވިޔަފާރިކުރާ މީހުން ހިފާ ހައްޔަރުކޮށް ޤާނޫނު ކުރިމައްޗަށް އެ މީހުން ގެނައުމުގެ މަސައްކަތް ފަށާފައި،" ވަޒީރު ވިދާޅުވިއެވެ.
މި މަސައްކަތަށް ފުރިހަމަ ބާރު ލިބިގެންދާނީ މިހާރު ހުށަހަޅާފައިވާ މަސްތުވާތަކެތީގެ ޤާނޫނު މަޖިލީހުން ފާސްވުމުން ކަމަށް ވަޒީރު ވިދާޅުވިއެވެ. އެހެންނަމަވެސް މިހާރު ލިބިފައިވާ ޤާނޫނީ ބާރުގެ ދަށުން ވެސް މަސައްކަތްތަކެއް ކުރަމުންދާކަން ފާހަގަކުރައްވައި، ފުވައްމުލަކުގައި ހުރި އެންމެ ބޮޑެތި މަސްތުވާތަކެތީގެ ނެޓްވޯކުތައް ނަގައި ހައްޔަރުކޮށްފައިވާ ކަމަށް ވިދާޅުވިއެވެ.
"މަސްތުވާތެކީގެ ވިޔަފާރި ކުރާ މީހުންނަށް އަޅުގަނޑު އިންޒާރުދެން އެކަންކަން ހުއްޓާލަން. ހުއްޓާނުލާނަމަ ހިފާ ހައްޔަރުކޮށް މި ރާއްޖެ ސާފުކުރާނަން. އަދި ރައްޔިތުންނަށް އެ ފަރާތްތަކުން ދެމުންދާ ގެއްލުމަށް ޒިންމާ ކުރުވާނަން،" ދާޚިލީ ވަޒީރު އިޙްސާން ވިދާޅުވިއެވެ.