ގަސް ހެއްދުމަށް ޚާއްސަ ނާސަރީއެއް ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ތަރައްޤީކުރަނީ

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 15ސ
ގަސް ހެއްދުމަށް ޚާއްސަ ނާސަރީއެއް ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ތަރައްޤީކުރަނީ

ފަސް މިލިޔަން ގަސް ހެއްދުމުގެ ޕްރޮގްރާމްގެ ދަށުން، ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ގަސް ހެއްދުމަށް ޚާއްސަ ނާސަރީއެއް ތަރައްޤީކުރުމަށް ފަތުރުވެރިކަމާއި ތިމާވެއްޓާއި ބެހޭ ވުޒާރާއިން ނިންމައިފިއެވެ.

މި ނާސަރީ އެޅުމަށް ހަމަޖެހިފައިވާ ސަރަހައްދަކީ 55،000 އަކަފޫޓަށް ވުރެ ބޮޑު ބިމެކެވެ. އަދި މި ނާސަރީގައި މީޓިން ރޫމަކާއި ލެބޯޓަރީއެއް ޤާއިމްކުރެވޭނެ ކަމަށް އެ ވުޒާރާއިން މަޢުލޫމާތު ދެއްވާފައިވެއެވެ.

ފަސް މިލިޔަން ގަސް އިންދުމުގެ ޕްރޮގުރާމަކީ ރާއްޖެއިން ނެތެމުންދާ ގަސްތައް އަލުން އާލާކުރުމާއި ފެހިކަން އިތުރުކޮށް މާހައުލީ ނިޒާމު ދެމެހެއްޓުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިޢުލާންކުރެއްވި ޕްރޮގުރާމެކެވެ. މި ޕްރޮގުރާމް ފެށިފައިވަނީ 2023 ވަނަ އަހަރުގެ ޖޫން މަހުގެ 5 ވަނަ ދުވަހު، ދުނިޔޭގެ ތިމާވެށީގެ ދުވަހުގައެވެ.

މި މަޝްރޫޢުގެ ތަފްސީލީ މަޢުލޫމާތު ހޯދުމަށް ފަތުރުވެރިކަމާއި ތިމާވެއްޓާއި ބެހޭ ވުޒާރާގެ ޓީމެއް ވަނީ ޗައިނާއަށް ޒިޔާރަތްކޮށްފައެވެ. މި ދަތުރުގައި ނާސަރީގެ ޑިޒައިންގެ އިތުރުން، އިންދާނެ ގަސްތަކާއި، ފަސް މިލިޔަން ޕްރޮގްރާމަށް އެންމެ ބޭނުންތެރި ގަސް ހައްދަން ކުރަންޖެހޭ ކަންތައްތަކާ ގުޅޭގޮތުން މަޝްވަރާކުރެވުނެވެ.

މި ނާސަރީއަކީ ރާއްޖޭގައި ގަސް ހެއްދުމުގެ މަސައްކަތް ހަލުވިކޮށް، ފުޅާ ކުރުމަށް އެޅޭ މުހިންމު ފިޔަވަޅެއްކަމަށް އެ ވުޒާރާއިން ފާހަގަކުރައްވައެވެ. އަދި މިއީ ޗައިނާ ސަރުކާރުގެ އެހީގައި ރާއްޖޭގައި ޤާއިމްކުރެވޭ އެންމެ ފަހުގެ މޮޑަން ނާސަރީ ކަމަށްވެސް އެ ވުޒާރާއިން ވިދާޅުވެފައިވެއެވެ.

މިއަދު އޮންލައިން