ރަސްމާލެއިން މިހާތަނަށް 101 ހެކްޓަރުގެ ބިން ހިއްކައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 3ސ
ރަސްމާލެއިން މިހާތަނަށް 101 ހެކްޓަރުގެ ބިން ހިއްކައިފި

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިންޤިލާބީ މަޝްރޫޢު، ރަސްމާލެ ތަރައްޤީކުރުމުގެ މަޝްރޫޢުގެ ދަށުން މިހާތަނަށް 101 ހެކްޓަރުގެ ބިން ހިއްކައި ނިމިފައިވާކަމަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން މިއަދު ހާމަކޮށްފިއެވެ.

މި މަޝްރޫޢުގެ ދަށުން ފުށިދިއްގަރު ފަޅުން ބިން ހިއްކުމުގެ މަސައްކަތް ފެށިފައިވަނީ 2023 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 18 ވަނަ ދުވަހުއެވެ. އެޗްޑީސީން ހިއްސާކުރި މަޢުލޫމާތުގައިވާ ގޮތުން، މި މަހުގެ 13 ވަނަ ދުވަހާ ހަމައަށް 101 ހެކްޓަރުގެ ބިން ވަނީ ހިއްކައި ނިމިފައެވެ.

ރަސްމާލެ ހިއްކުމުގެ މަޝްރޫޢުގެ ދަށުން ޖުމްލަ 1009 ހެކްޓަރުގެ ބިން ހިއްކުމަށް ވަނީ ރޭވިފައެވެ. މި މަސައްކަތް ކުރިއަށްދަނީ 12 ސަރަހައްދަކަށް ބަހާލައިގެންނެވެ. މި މަޝްރޫޢަކީ މާލެ ސަރަހައްދުގައި ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލެއް ހޯދުމަށް ސަރުކާރުން ކުރިއަށްގެންދާ އެންމެ ބޮޑު އެއް މަޝްރޫޢެވެ.

ސަރުކާރުގެ އަންދާޒާތަކުން ދައްކާގޮތުގައި، ރަސްމާލެ ސިޓީ ތަރައްޤީވެ ނިމުމުން މި ސަރަހައްދުގައި 240,000 އަށްވުރެ ގިނަ މީހުން ދިރިއުޅެވޭނެ ގޮތް ވާނެއެވެ.

މިއީ މާލެ ސަރަހައްދުގެ ބޯހިޔާވަހިކަމުގެ ދަތިކަމަށް ބޮޑު ލުޔެއް ލިބިގެންދާނެ ކަމެއް ކަމުގައި ބެލެވެއެވެ.

މިއަދު އޮންލައިން