ބީއެމްއެލް އިން މަސްވެރިކަމުގެ ދަފުތަރުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކަށް ލޯނުލިބޭ އިންތިޒާމް ހަމަޖައްސައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 21ސ
ބީއެމްއެލް އިން މަސްވެރިކަމުގެ ދަފުތަރުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކަށް ލޯނުލިބޭ އިންތިޒާމް ހަމަޖައްސައިފި

މަސްވެރިކަމުގެ ޤައުމީ ދަފުތަރުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކަށް މާލީ އެހީތެރިކަން ލިބޭނެ އިންތިޒާމް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން މިއަދު ހަމަޖައްސައިފިއެވެ. މިކަން ހަމަޖެހިގެން ދިޔައީ މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއާއި ބީއެމްއެލްއާ ދެމެދު ވެވުނު އެއްބަސްވުމެއްގެ ދަށުންނެވެ.

މި އެއްބަސްވުމުގެ ދަށުން މަސްވެރިންގެ ޤައުމީ ދަފުތަރުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކަށް އެފަރާތްތަކުގެ އާމްދަނީއަށް ބެލުމަށްފަހު ޕަރސަނަލް ފައިނޭންސިންގް، ކްރެޑިޓް ކާޑު އަދި ގެދޮރު ގަތުމާއި އިމާރާތްކުރުމާއި މަރާމާތު ކުރުންފަދަ އެކި ބޭނުންތަކަށް ކްރެޑިޓް ފެސިލިޓީ ލިބޭނެއެވެ.

ބީއެމްއެލްއިން ހާމަކުރި ގޮތުގައި، ޝަރުތު ހަމަވާ މަސްވެރިންނަށް ރަހުނަކާ ނުލައި އަދި އިކުއިޓީއެއް ނުލައި 300,000 ރުފިޔާއާ ހަމައަށް ޕަރސަނަލް ފައިނޭންސިންގް ނެގުމުގެ ފުރުސަތު ލިބިގެންދާނެއެވެ. އަދި މަސްވެރިކަމުގެ މޫސުމަށް އަންނަ ބަދަލުތަކާއެކު އާމްދަނީއަށް ރިޢާޔަތްކޮށް އަނބުރާ ފައިސާ ދެއްކުމަށް ލުއިފަސޭހަ ގޮތްތަކެއްވެސް ހަމަޖައްސައިދޭނެއެވެ.

މީގެއިތުރުން، ބީއެމްއެލް އިންޓަރނެޓް ބޭންކިންގ ނުވަތަ މޮބައިލް ބޭންކިންގ އެޕް މެދުވެރިކޮށް ކޮންމެ ތަނަކުން ވެސް ޕަރސަނަލް ފައިނޭންސިންގ އާއި ލުއި ލޯނަށް އެދި ހުށަހެޅުމުގެ ފުރުސަތު ލިބިގެންދާނެކަން ބޭންކުން ފާހަގަކޮށްފައިވެއެވެ.

މި އެއްބަސްވުމަކީ ދިވެހިރާއްޖޭގެ މަސްވެރިކަން ސިންދަފާތުކޮށް މި ސިނާޢަތް އިތުރަށް ކުރިއެރުވުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން މަސްވެރިންނަށް ފަސޭހަކަމާއެކު މާލީ އެހީތެރިކަން ލިބޭނެ މަގު ތަނަވަސްކޮށްދިނުމަށް އެޅުނު މުހިންމު ފިޔަވަޅެކެވެ.

މިއަދު އޮންލައިން