ރާއްޖެއިން އޯއައިސީއަށް ކަނޑައެޅުއްވި ދާއިމީ މަންދޫބު އަހުމަދު ސަރީރު މަޤާމުގެ ފަތްކޮޅު އަރުވައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 13ސ
ރާއްޖެއިން އޯއައިސީއަށް ކަނޑައެޅުއްވި ދާއިމީ މަންދޫބު އަހުމަދު ސަރީރު މަޤާމުގެ ފަތްކޮޅު އަރުވައިފި

އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ) އަށް ރާއްޖެއިން ކަނޑައެޅުއްވި ދާއިމީ މަންދޫބު އަހުމަދު ސަރީރުގެ މަޤާމުގެ ފަތްކޮޅު، މިއަދު އޯއައިސީގެ ސެކްރެޓަރީ ޖެނެރަލް ހިސެއިން އިބްރާހިމް ތާހާއަށް އަރުވައިފިއެވެ.

ސަޢުދީ އަރަބިއްޔާގެ ޖިއްދާގައި ހުންނަ އޯއައިސީގެ މައި މަރުކަޒުގައި ބޭއްވުނު ރަސްމިއްޔާތުގައި، ސަރީރުވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ފަރާތްޕުޅުން ތަހުނިޔާ އަރިސްކުރައްވާފައެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ސަރީރު ވަނީ، އޯއައިސީގެ ޗާޓަރުގައި ބަޔާންކޮށްފައިވާ ގޮތަށް އޯއައިސީގެ އުސޫލުތައް ކުރިއެރުވުމަށް ރާއްޖެއިން ކުރަމުން އަންނަ މަސައްކަތްތައް ހިއްސާކުރައްވާފައެވެ. އަދި އިސްލާމީ އުއްމަތަށް ކުރިމަތިވެފައިވާ މައްސަލަތައް ހައްލުކުރުމަށާއި އޯއައިސީގެ މެމްބަރު ގައުމުތައް އެއްބައިވަންތަކުރުމުގައި ސެކްރެޓަރީ ޖެނެރަލް އަދާކުރައްވަމުން ގެންދަވާ ދައުރަށް ޝުކުރު އަދާކުރެއްވިއެވެ.

މީގެއިތުރުން، "ފަލަސްޠީނަށް ކުރިމަތިވެފައިވާ މައްސަލަތައް ހައްލުކުރުމަށް އޯއައިސީއާއި މެމްބަރު ޤައުމުތަކުން ކުރަމުންދާ މަސައްކަތުގައި ގާތުން މަސައްކަތްކުރުމުގައި ދެމިތިބޭނެ" ކަމުގެ ޔަގީންކަން ސަރީރު ދެއްވިއެވެ.

އޯއައިސީއަކީ އިސްލާމީ އުއްމަތުގެ މަސްލަހަތު ހިމާޔަތްކުރުމަށް މަސައްކަތްކުރާ މުހިންމު ބައިނަލްއަޤްވާމީ ޖަމްޢިއްޔާއެކެވެ. ރާއްޖެއަކީ އޯއައިސީގެ ޙަރަކާތްތެރި މެމްބަރެއްގެ ގޮތުގައި ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތްކުރަމުން އަންނަ ޤައުމެކެވެ.

މިއަދު އޮންލައިން