ގިނަބައަކަށް ޑިޕްރެޝަން މައްސަލަ ބޮޑުވެ ގޮތްހުސްވާ އެންމެ ބޮޑު މައްސަލައެއްގެ ގޮތުގައި ފާހަގަކުރެވެނީ މައްސަލައަށް އަމާން ދިނުމެވެ. ތިމާ ޢާންމުކޮށްކުރަމުން އަންނަ ކަންކަން ކުރުން ހުއްޓާލުމުންނެވެ. މިސާލަކަށް ވަޒީފާއަދާކުރުން އަދި ގޭތެރޭގައި ކުރަމުން އަންނަ މަސައްކަތްތައް ކުރުން ހުއްޓައިލުމުންނެވެ.
އެހެން ނުހަދާށެވެ! ކިތަންމެ ބޮޑަށް ހިތްވަރުލާން ޖެހުނަސް ހިތްވަރުނެރޭށެވެ! ހިތްވަރުލިބިގަންނާށެވެ. ތިމާ ޢާންމުކޮށް ކުރަމުން އަންނަ ކަންކަން ކުރުން ހުއްޓައިނުލާށެވެ! ނޫންނަމަ ތިމާގެ މައްޗަށް ގަދަވެގަތުމުގެ ފުރުޞަތު ޑިޕްރެޝަނަށް ބޮޑުތަނުން އިތުރަށް ލިބި މަގުފަހިވާނެއެވެ!
ޑިޕްރެޝަނަށް ދެވޭނެ ސީދާ ފަރުވާއެއް ނެތް ނަމަވެސް، ރަނގަޅުވުމަށް އެހީތެރިވެދޭނެ ފައިދާހުރި ފަރުވާތަކެއް އެބަހުއްޓެވެ. އަވަހަށް ފަރުވާ ފެށުނު ވަރަކަށް ކާމިޔާބު ވެދާނެ އެވެ. ބައެއް މީހުންނަށް ޑިޕްރެޝަންގެ މުއްދަތެއް ކުރިމަތިވެ، ދެން ދުވަހަކުވެސް އެކަން ތަޖުރިބާ ނުކުރެވިދާނެއެވެ. އަނެއް ބަޔަކަށް ނުފިލައި ހުރެދާނެއެވެ. ކުޑަވެލާފައި މަތިވެސްވެދާނެއެވެ.
ޑިޕްރެޝަނަށް ފަރުވާކުރާ ގިނަ މީހުންނަށް ފަރުވާގެ ޕްލޭނަކަށް އަމަލުކޮށްގެން ރަނގަޅުވެވޭނެ އެވެ. ނަމަވެސް ފައިދާހުރި ފަރުވާއެއް ދީގެން ވެސް ރިލެޕްސް އެއް ދިމާވެދާނެ އެވެ.
ޑިޕްރެޝަނަށް ލިބިގަންނަ ފަރުވާއެއް ހުއްތާލަންވާނީ އެކަމަށް ޑޮކްޓަރުން ބުނުމުންނެވެ. އެކަމުގައި އަމިއްލައަށް ގޮތް ނިންމައި ކާމިޔާބުހޯދާ މީހުންވެސް އުޅެއެވެ. ނަމަވެސް އެމީހުންނަކީ ވަރަށް ޢަޒުމް ވަރުގަދަ އަދި ހިތްވަރުގަދަ މީހުންނެވެ.
- މަޢުލޫމާތު: ޞިއްޙީ ޚަބަރު
މިއީ ޞިއްޙީ މާހިރުންގެ ވިސްނުމެވެ. އަހުރެމެން މުސްލިމުން އެންމެ ބޮޑަށް ވިސްނަންޖެހޭ އެއްކަމަކީ ޑިޕްރެޝަން މައްސަލަ ކުރިމަތިވިޔަސް ފަރުޟު ނަމާދުތަކަށް ރައްކައުތެރިވުމެވެ. ތިމާ ޢާންމުކޮށް ކުރަމުން އަންނަ ކަންކަން ކުރުން ހުއްޓާނުލަން މާހިރުން އެވަނީ ލަފާދީފައެވެ. މުސްލިމުންނަށް ޢާންމުކޮށް ކުރާ ކަންކަމުގެ ތެރެއިން އެންމެ ބޮޑަށް ރައްކައުތެރިވާންޖެހޭ ކަމަކީ ފަރުޟު ނަމާދުތަކަށް ރައްކައުތެރިވުމެވެ.
ގިނަ ބައެއްގެ ޔަޖުރިބާއަށް ބަލައި ވަރަށް ޔަޤީންކަމާއިއެކު ބުނަމެވެ. ފަރުޟްނަމާދުތަކަށާއި އެމީހަކު ކުރަމުން އަންނަ ސުންނަތް ނަމާދުތަކަށް އަދި ކިޔަމުން އަންނަ ޛިކުރުތައް ކިޔުމުގައި ދޫނުދީ ހިފަހައްޓާނަމަ ޑިޕްރެޝަނުގެ މައްސަލަތަކަށް އެމީހެއްގެ މައްޗަށް ބާރުފޯރުވޭ މިންވަރު ބޮދުތަނުން ކުޑަވެގެންދެއެވެ.