މަތީ ތައުލީމާ ބެހޭ ވުޒާރާގެ އޮންލައިން ޕޯޓަލް އޮކްޓޫބަރުގައި ތަޢާރަފުކުރަނީ

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 24ސ
މަތީ ތައުލީމާ ބެހޭ ވުޒާރާގެ އޮންލައިން ޕޯޓަލް އޮކްޓޫބަރުގައި ތަޢާރަފުކުރަނީ

މަތީ ތައުލީމު ހާސިލުކުރަމުންދާ ދަރިވަރުންގެ މައުލޫމާތު ބެލެހެއްޓުމަށާއި، ދަރިވަރުންގެ ރިކުއެސްޓުތަކަށް އަވަސް ޚިދުމަތެއް ފޯރުކޮށްދިނުމަށް މަތީ ތައުލީމާ ބެހޭ ވުޒާރާއިން ތައްޔާރުކުރަމުންދާ އޮންލައިން ޕޯޓަލް އޮކްޓޫބަރު މަހު ތަޢާރަފުކުރާނެ ކަމަށް އެ ވުޒާރާގެ ވަޒީރު ޑރ. އަލީ ހައިދަރު އަޙްމަދު ވިދާޅުވެއްޖެއެވެ.

ވަޒީރު މިހެން ވިދާޅުވެފައިވަނީ، ވުޒާރާއަށް ދަރިވަރުން ފޮނުވާ އީމެއިލްތަކާއި ސިޓީތަކަށް ޖަވާބު ދިނުން ލަސްވަމުންދާތީ، ކަންބޮޑުވުން ފާޅުކޮށް ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ މެދު ދާއިރާގެ މެންބަރު އަޙްމަދު އަޒާން ކުރެއްވި ސުވާލަށް ދެއްވި ޖަވާބުގައެވެ. ވަޒީރުގެ ވާހަކަފުޅުގައި ފާހަގަކުރެއްވި ގޮތުގައި، ސަރުކާރުގެ ޚަރަދުގައި ކިޔަވާ ދަރިވަރުންނާ ގުޅޭ ސެކްޝަންތަކަށް ދުވާލެއްގެ މައްޗަށް 600 އަށްވުރެ ގިނަ އީމެއިލާއި ސިޓީ ލިބެމުންދެއެވެ.

"މިހާރު އަޅުގަނޑުމެން މަސައްކަތް ކުރަމުން މިގެންދަނީ ލިބޭ ސިޓީތަކާއި އީމެއިލްތަކަށް ތިން ދުވަހުގެ ތެރޭގައި ޖަވާބު ދިނުމަށް. އެންމެ ގިނަވެގެން ހަތް ދުވަހުގެ ތެރޭގައި ޖަވާބު ދެވޭތޯ ބަލަމުން ގެންދަނީ،" ވަޒީރު ވިދާޅުވިއެވެ.

އައު ޕޯޓަލް ތަޢާރަފުކުރުމާއެކު، ދަރިވަރުންގެ ރިކުއެސްޓުތަކަށް ޖަވާބު ދިނުމުގެ މަސައްކަތް ވަރަށް ބޮޑަށް ހަލުވިވެގެންދާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ. މި ޕޯޓަލްގެ ޒަރީއާއިން ދަރިވަރުންގެ މައުލޫމާތުތައް ފަސޭހައިން ބެލެހެއްޓުމުގެ އިތުރުން، ދަރިވަރުންނަށް ދެވޭ ޚިދުމަތްތައް އަވަސްވެގެންދާނެ ކަމަށްވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މި ޕޯޓަލަކީ ސަރުކާރުގެ ޚަރަދުގައި ލޯނު ސްކީމާއި ސްކޮލަރޝިޕްގެ ދަށުން ބޭރުގައި ކިޔަވަމުންދާ ދަރިވަރުންނާއި، ހިލޭ ޑިގްރީ ސްކީމްގެ ދަށުން ކިޔަވާ ދަރިވަރުންގެ ކަންކަން ހަރުދަނާކޮށް ބެލެހެއްޓުމަށް އެހީތެރިވެދޭނެ ވަސީލަތެއް ކަމަށް ވުޒާރާއިން ބުނެފައިވެއެވެ.

މިއަދު އޮންލައިން