މެލޭޝިއާއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގެ ސަބަބުން ވަރަށް ގިނަ ދާއިރާތަކަކުން ދެ ޤައުމުގެ ގުޅުން ބަދަހިކުރެވިފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މުޢިއްޒު މިހެން ވިދާޅުވެފައިވަނީ މެލޭޝިއާއަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ސޯޝަލް މީޑިއާގައި ޙިއްސާކުރެއްވި ޕޯސްޓެއްގައެވެ. މި ޕޯސްޓުގައި ރައީސް ވަނީ މެލޭޝިއާގެ ބޮޑުވަޒީރު އަންވަރު އިބްރާހީމާއި އެ ޤައުމުގެ ސަރުކާރުން ދެއްވި ހޫނު މަރުޙަބާއާއި ބެހެއްޓެވި ގާތްކަމަށް ޝުކުރު އަދާކުރައްވާފައެވެ.
ރައީސް މުޢިއްޒު ފާހަގަކުރެއްވި ގޮތުގައި މި ދަތުރުފުޅުގެ ތެރެއިން ތަޢުލީމީ، ޞިއްޙީ، އިޤްތިޞާދީ ތަރައްޤީ، ޑިޖިޓަލައިޒޭޝަން އަދި މޫސުމީ ބަދަލުތަކަށް ވިލުންތެރިވުމުގެ ދާއިރާތަކުން ދެ ޤައުމުގެ ގުޅުން ވަނީ ބަދަހިވެފައެވެ. މީގެ އިތުރުން ސަރަހައްދީ އަދި ބައިނަލްއަޤްވާމީ މައިދާނުގައި ގުޅިގެން މަސައްކަތްކުރުމަށްވެސް ވަނީ އެއްބަސްވެވިފައެވެ.
ދަތުރުފުޅުގެ ތެރޭގައި ދެ ޤައުމުގެ މެދުގައި ތަޢުލީމާއި ޞިއްޙަތާއި ކުޅިވަރާއި ޚާރިޖީ ގުޅުންތަކުގެ ދާއިރާއާއި ޑިޕްލޮމެޓުން ތަމްރީންކުރުމާ ގުޅޭ އެއްބަސްވުންތައް ވަނީ ބަދަލުކުރެވިފައެވެ. އަދި ރާއްޖޭގައި އިންވެސްޓްކުރެވެން ހުރި ފުރުޞަތުތައް ހިމެނޭ ކާމިޔާބު ރާއްޖެ-މެލޭޝިއާ ބިޒްނަސް ފޯރަމެއްވެސް ވަނީ ބޭއްވިފައެވެ.
ރައީސް މުޢިއްޒު ވިދާޅުވި ގޮތުގައި މި ދަތުރުފުޅަކީ ރާއްޖެ-މެލޭޝިއާ ގުޅުމުގެ އައު ބާބެއްގެ ފެށުމެކެވެ. އަދި ބިޒްނަސް ފޯރަމަށް މެލޭޝިއާގެ ބޮޑުވަޒީރު ވަޑައިގެންނެވި ކަމަށްޓަކައި ރައީސް ވަނީ ޚާއްޞަ ޝުކުރެއް އަދާކުރައްވާފައެވެ.