ދުންފަތުގެ އިސްތިއުމާލު ކުރާ ތަންތަން ބެލުމަށް އެޗްޕީއޭއިން ހާއްސަ އިންސްޕެކްޝަންތަކެއް ފަށައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 40ސ
ދުންފަތުގެ އިސްތިއުމާލު ކުރާ ތަންތަން ބެލުމަށް އެޗްޕީއޭއިން ހާއްސަ އިންސްޕެކްޝަންތަކެއް ފަށައިފި

ދުންފަތް ކޮންޓްރޯލްކުރުމާ ބެހޭ ގަވާއިދުތައް ތަންފީޒުކުރުމަށްޓަކައި، ދުންފަތުގެ އިސްތިއުމާލު ކުރާ ތަންތަން ބަލާ ފާސްކުރުމާއި މިންގަނޑުތަކަށް ފެތޭތޯ ބެލުމަށް ހާއްސަ އިންސްޕެކްޝަންތަކެއް ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ވަނީ ފަށައިފައެވެ.

މި އިންސްޕެކްޝަންތައް ކުރިއަށް ގެންދަނީ ފުލުހުންނާއި މޯލްޑިވްސް ކަސްޓަމްސް ސަރވިސްއާއި ޞިއްޙީ ވުޒާރާ ގުޅިގެންނެވެ.

އެޗްޕީއޭއިން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި މި އިންސްޕެކްޝަންތައް އަމާޒުކޮށްފައިވަނީ ފިހާރަތަކާއި ކެފޭ ރެސްޓޯރަންޓުތަކާއި ލައުންޖުތަކަށެވެ. މި މަސައްކަތުގެ ތެރެއިން ދުންފަތުގެ އިސްތިއުމާލު ކުރާ ބާވަތްތަކުގައި ލޭބަލް ޖަހާފައިވާ ގޮތާއި، ވަކިން ސިނގިރޭޓު ވިއްކުމާއި ޕެކެޓްކޮށްގެން ވިއްކާ ދުންފަތުގެ ބާވަތްތަކުގެ ޕެކިން ހުރީ ރަނގަޅަށްތޯ ބަލާ ޗެކްކުރެވިގެންދާނެއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުގެ މުހިންމު އެއް ސިޔާސަތަކީ ރާއްޖޭގައި ދުންފަތުގެ އިސްތިއުމާލުކުރުން ހުއްޓުވުމެވެ. މިކަމާ ގުޅޭގޮތުން ރައީސް މުޢިއްޒު ވިދާޅުވެފައިވަނީ "ޖީލުތަކެއް އެ ވަބާގެ ތެރެއަށް ގެއްލިގެން ދާ މަންޒަރު ބަލަން ސަރުކާރަކުން ތިބެންވާނެކަމަށް ޤަބޫލުފުޅު ނުކުރައްވާ" ކަމަށެވެ.

އެޗްޕީއޭއިން އިތުރަށް ފާހަގަކުރެއްވި ގޮތުގައި މި އިންސްޕެކްޝަންތަކުގެ ތެރެއިން މީހުންނަށް ފެންނަގޮތަށް ދުންފަތުގެ ބާވަތްތައް ބަހައްޓާފައިވޭތޯއާއި ވޭޕް ބޭނުންކުރުމާއި ވިއްކުންފަދا ކަންކަންވެސް ބެލިގެންދާނެއެވެ. އަދި އޭސީކޮށްފައި ހުންނަ ތަންތަނުގައި ދުންފަތުގެ އިސްތިއުމާލު ކުރާނަމަ އެތަންތަން ދެނެގަނެ ފިޔަވަޅު އެޅިގެންދާނެކަމަށްވެސް އެޗްޕީއޭއިން ވަނީ ހާމަކުރައްވާފައެވެ.

މި އިންސްޕެކްޝަންތައް މި މަހުގެ 20 ވަނަ ދުވަހު ފެށިފައިވާއިރު، މި މަސައްކަތުގައި ހަރަކާތްތެރިވާ ޓީމުތަކަށް އެއްބާރުލުން ދިނުމަށް އެޗްޕީއޭއިން ވަނީ އާންމުންނަށް ގޮވާލާފައެވެ.

މިއަދު އޮންލައިން