ރާއްޖޭގެ ދެކުނުގެ ކަނޑުގެ ސަރަހައްދުން ބައެއް ގެއްލިގެން ދިޔައީ ކުރީގެ ސަރުކާރުން އެކަށީގެންވާ ފިޔަވަޅުތައް ނޭޅުމުގެ ސަބަބުން ކަމަށް ޑރ. މުހައްމަދު މުނައްވަރު ވިދާޅުވެއްޖެއެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން، ރާއްޖޭގެ ދެކުނުގެ ކަނޑުގެ އިޤްތިޞާދީ ސަރަހައްދު އެހެން ދައުލަތެއްގެ އިޤްތިޞާދީ ސަރަހައްދާ ފުށުއަރާ މައްސަލަ އިންޓަރނޭޝަނަލް ޓްރައިބިއުނަލް އޮން ލޯ އޮފް ދަ ސީއަށް ހުށަހެޅުނު އިރު، އެއީ ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލައި، ދައުލަތުގެ ކަމާބެހޭ ފަރާތްތަކުގެ މަޝްވަރާއާއެކު ކުރިއަށް ގެންދިއުމަށް އޭރުގެ ސަރުކާރަށް އިލްތިމާސް ކުރެއްވި ކަމަށް ވިދާޅުވިއެވެ.
"ދެންވެސް ދެންނެވިން މި މައްސަލައަށް ސަމާލުކަން ދެއްވާށޭ. ކީއްވެގެންތޯއޭ މިކަން ނުކުރައްވާ ތި ތިއްބަވަނީ," ޑރ. މުނައްވަރު ވިދާޅުވިއެވެ.
ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދާ ބެހޭ ޤާނޫނު ޑްރާފްޓް ކުރެއްވި ފަރާތެއްގެ ހައިސިއްޔަތުން، އެ ސަރަހައްދަކީ އެއްވެސް ބަޔަކާ ހަމަހަމަކޮށް ބައިކުރަންޖެހޭ ތަނެއް ނޫންކަމަށާއި، ރާއްޖެއަށް 200 މޭލު ފުރިހަމައަށް ލިބެންވާނެ ކަމަށް ޑރ. މުނައްވަރު ވިދާޅުވިއެވެ.
މި މައްސަލައިގައި އިންޓަރނޭޝަނަލް ޓްރައިބިއުނަލުން ނިންމާފައިވަނީ ދެ ޤައުމުގެ ދެމެދުގައި އޮތް ސަރަހައްދު ދެފަރާތަށް ހަމަހަމަވާ ގޮތަށް ބައިކުރުމަށެވެ. އެހެންނަމަވެސް މައްސަލަ ނިމެން ކައިރިވީ އިރުވެސް ދިވެހި ދައުލަތުން ނަގަންޖެހޭ ޕޮޒިޝަން ނުނަގާ ކަމަށް ޑރ. މުނައްވަރު ފާހަގަކުރެއްވިއެވެ.