އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ މިނިސްޓްރީން ވަނީ ހިޔާވަހި ފައިނޭންސިންގ ޕްރޮގްރާމަށް އެދި ހުށަހެޅުމުގެ މުއްދަތު 2025 މެއި މަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށް އިތުރުކޮށްފައެވެ.
މި ނިންމުން ނިންމާފައިވަނީ ޕްރޮގްރާމަށް ހުށަހަޅަންޖެހޭ ލިޔެކިޔުންތައް ތައްޔާރުކުރުމަށް އިތުރު ވަގުތު ބޭނުންވާކަމަށް ގިނަ ފަރާތްތަކުން އެދެމުން ދިޔުމާ ގުޅިގެންނެވެ.
މިކަމާ ގުޅޭގޮތުން އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބު ވިދާޅުވީ، މި ޕްރޮގްރާމްގެ 3 ސްކީމަށް އެދި ހުށަހެޅުމުގައި ކުރެހުމާއި ބީ.އޯ.ކިއު ހުށަހަޅަންޖެހޭތީ، އެކަމަކީ ވަގުތު ނަގާ ކަމެއްކަމަށްވާތީ މުއްދަތު އިތުރުކުރުމަށް ނިންމާފައިވާ ކަމަށެވެ.
ހިޔާވަހި ފައިނޭންސިންގ ޕްރޮގްރާމަކީ 2024 ނޮވެންބަރު 8 ވަނަ ދުވަހު ފެށިފައިވާ، އިސްލާމީ ޝަރީޢާގެ އުސޫލުތަކާ އެއްގޮތަށް ކުރިއަށްގެންދާ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމް ކުރިއަށްގެންދަނީ ރާއްޖޭގެ 3 ބޭންކަކާ ގުޅިގެން 5 ޕަސެންޓްގެ ފައިދާގައެވެ.
މި ޕްރޮގްރާމްގައި ހިމެނެނީ ރަށްވެހި ފައިނޭންސިންގ ސްކީމް، ސަހަރު ފައިނޭންސިންގ ސްކީމް އަދި ފަހިމާލެ ފައިނޭންސިން ސްކީމެވެ. ރަށްވެހި ފައިނޭންސިންގ ސްކީމްގެ ދަށުން އަތޮޅުތަކުގެ ރަށްރަށުން ހުށަހަޅާ ފަރާތްތަކަށް 1 މިލިއަން ރުފިޔާއާ ހަމައަށް، އަރބަން ސެންޓަރތަކަށް ޚާއްސަ ސަހަރު ފައިނޭންސިންގ ސްކީމުން 3 މިލިއަން ރުފިޔާއާ ހަމައަށް، އަދި މާލެ ސަރަހައްދަށް ޚާއްސަ ފަހިމާލެ ފައިނޭންސިން ސްކީމުން 6 މިލިއަން ރުފިޔާއާ ހަމައަށް ފައިނޭންސް ކުރެވޭނެއެވެ.
އަދި މާލެ ސަރަހައްދުގައި ގޭގެ ބެހެނިވެރިންނާއެކު އެކުވެގެން ހުށަހަޅާ ފަރާތްތަކަށް 6 މިލިއަން ރުފިޔާއިން ފެށިގެން 10 މިލިއަން ރުފިޔާއާ ހަމައަށް ފައިނޭންސް ކުރުމުގެ ފުރުސަތު ވެސް މި ޕްރޮގްރާމްގެ ދަށުން ލިބިގެންދާނެއެވެ.