ހ. ފެންޓެނޯއީގޭ ނުވަވަނަ ފަންގިފިލާއިން ވެއްޓުނު ހައްވާ ޔުމްނާ ރަޝީދުގެ މައްސަލަ ބަލައި ނިންމުމަށް މާ ގިނަ މުއްދަތެއް ނުނަގާނެ ކަމަށާއި އެ މައްސަލައިގެ ތުހުމަތުގައި ފުލުހުންގެ އިހުމާލެއްވާނަމަ އެކަންތައްތައް ބަލައި އިހުމާލުވި ފަރާތްތަކާމެދު ފިޔަވަޅު އަޅާނެ ކަމަށް އެ މައްސަލަ ބެލުމަށް އުފައްދާފައިވާ ކޮމިޝަނުގެ ރައީސް، ކުރީގެ ބަންޑާރަ ނައިބު ޑރ. މުޙައްމަދު މުނައްވަރު މިއަދު ވިދާޅުވެއްޖެއެވެ.
މި މަހުގެ 18 ވަނަ ދުވަހު ހިނގި މި ހާދިސާއާ ގުޅިގެން ރައީސް ޑރ. މުޙައްމަދު މުޢިއްޒު އުފެއްދެވި ޚާއްޞަ ކޮމިޝަނުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މުނައްވަރު ވާހަކަ ދެއްކެވިއެވެ.
އޭނާ ވިދާޅުވީ މިއީ އާންމު ރައްޔިތުންގެ ކަންބޮޑުވުން ހުރި ވަރަށް ޙައްސާސް މައްސަލައެއް ކަމަށާއި އމި މައްސަލައިގައި ބަލަންޖެހޭ ކަންކަން ބަލައި، ލަފާ އަރުވަން މާ ގިނަ ދުވަސްތަކެއް ނުނަގާނެ ކަމަށެވެ.
"އުންމީދެއް ނުކުރަން މާ ގިނަ ދުވަސްތަކެއް މިކަމުގައި ހޭދަވެގެންދާނެ ކަމަށް. ބަލަންޖެހޭ ކަންކަން ބަލައި ކަނޑައަޅަން ޖެހޭ ކަންކަން ކަނޑައަޅައި ލަފާ އަރުންޖެހޭ ފަރާތްތަކަށް ލަފާއެރުވުމަށް މާގިނަ މުހްލަތުތަކެއް ބޭނުންވާނެ ކަމަށް ނުވަތަ ހޭދަވާނެ ކަމަށް ގަބޫލެއް ނުކުރަން." މުނައްވަރު ވިދާޅުވިއެވެ.
ކޮމިޝަނުގެ މަސައްކަތް ފަށާފައިވާ ކަން އިޢުލާނުކުރުމަށް މުނައްވަރު ވިދާޅުވީ އެ މައްސަލަ ކުރިއަށްދާއިރު ޖިނާއީ ކުށެއްކުރި ކަމުގެ ތުހުމަތުގައި ކުރެވޭ ތަހުގީގަކަށްވާތީ ބައެއް ކަންކަން ހާމަކުރެވޭނީ ތަހުގީގު ފުރިހަމަވުމުން ކަމަށާއި ނަމަވެސް އެހެން ހުރިހާ މައުލޫމާތެއް ހާމަކުރަމުންދާނެ ކަމަށެވެ.
މި ކޮމިޝަނުގައި ހިމެނިވަޑައިގަންނަވަނީ މުނައްވަރުގެ އިތުރުން، ކުރީގެ ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއަރ ޖެނެރަލް (ރިޓަޔަރޑް) އަޙްމަދު މުޙައްމަދު، ޑރ. މޫސާ މުރާދު، ޖަބީން މުޙައްމަދު އަދި އާމިނަތު އީނާސްއެވެ.