ދެތިން ހަފްތާ އެނދުގަ އޮންނަންޖެހޭނެކަމަށް ޑޮކްޓަރުން ބުނި މީހަކަށް އެންމެ 5 ދުވަހުން ޝިފާ ލިބުނު ގޮތުގެ ވާހަކަ-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 35ސ
ދެތިން ހަފްތާ އެނދުގަ އޮންނަންޖެހޭނެކަމަށް ޑޮކްޓަރުން ބުނި މީހަކަށް އެންމެ 5 ދުވަހުން ޝިފާ ލިބުނު ގޮތުގެ ވާހަކަ-

އަހަރެންގެ ވާހަކަކޮޅު ތަފާތުވެދާނެއެވެ. ނަމަވެސް ވިސްނައިފި މީހަކަށް ފައިދާކުރާނެކަން ޔަޤީނެވެ. 

ފާއިތުވި 4 ދުވަހު އަހަރެން އުޅުނީ ވަރަށް ބޮޑު ވޭނެއްގައެވެ. މައިބަދައިގައި ރިއްސާތީއެވެ. ބައެއް ފަހަރު ޙަރަކާތްކޮށްލަން އުނދަގޫވާވަރަށްވެސް ތަދުވިއެވެ. އެހެންވެ ބޭސްވެސް އުނގުޅީމެވެ. އެއީ ބަލިވުމުން ފަރުވާ ހޯދުމަކީ ކުރަން އޮތް ކަމަކަށްވާތީއެވެ. 

ދެވަނަ ދުވަހު ޑޮކްޓަރަށްވެސް ދެއްކީމެވެ. އެކްސްރޭ ނަގައި ބެލުމަށްފަހު ބުނީ ވަރަށް ބޮޑަށް އަރާމުކުރަންޖެހޭނެ ކަމަށެވެ. މައިބަދައަށް ކޮންމެވެސް ކަމެއްވެފައިވާ ކަމަށެވެ. ބޭސް ބޭނުންކުރި ނަމަވެސް ތަދުފިލައިގެންދާން 2،3 ހަފްތާ ނަގާނެ ކަމަށެވެ. 

ބޭސް އުނގުޅާއިރުވެސް ހިތަށް އަރުވަމެވެ. މިއީ ހަމަ އިމްތިޙާން ކުރެއްވެވުމެކެވެ. ކެތްތެރިވާން މަސައްކަތްކުރާނަމެވެ. ނަމާދުވަގުތުޖެހުމުން ފުރަތަމަވެސް ސުވާލުކުރެވެނީ ނަމާދުކުރެވިދާނެ ކަމާއިމެދުގައެވެ. ސުވާލުކުރަމުންވެސް ވަގުތުޖެހުމާއިއެކު ނަމާދުކުރަމެވެ. އެންމެ ނަމާދެއްވެސް ނުކޮށް ދޫކޮށެއް ނުލަމެވެ. 

ހަމައެއާއިއެކު އަސްތްޣްފާރުކުރުމާއި ދުޢާކުރުން ހުއްޓައިވެސް ނުލަމެވެ. ﷲ ތަޢާލާގެ ރަޙްމަތުން އުންމީދުކަނޑައެއް ނުލަމެވެ. ހުރީ ޝިފާ ދެއްވަވާނެ ކަމުގެ ޔަޤީންކަމުގައެވެ. 

މިއަދަކީ 5 ވަނަ ދުވަހެވެ. ނިދައި ހޭލެވުނުއިރު ތަދުގެ ކަންފުޅެއްވެސް ނެތެވެ. ފާއިތުވި 4 ދުވަހު އުޅެންޖެހުނު ޙާލު މުޅިންމިވަނީ ފިލައިގެން ގޮސްފައެވެ. ޑޮކްޓަރު ބުނި 2،3 ހަފްތާ ވާނީ އެންމެ ހަފްތާއެއްވެސް ވެގެން ނޫންހެއްޔެވެ؟ ޑޮކްޓަރު ކުށްވެރިކުޜާކަށް ނެތީމެވެ. އޭނާ އެބުނީ އޭނާއަށް އެނގޭ މިންވަރުންނެވެ. އޭނާއަށް އެނގުނު ގޮތަށެވެ. 

އަހަރެންގެ ނަޞޭޙަތަކީ ޑޮކްޓަރަކު އެއްޗެއް ބުނާއިރަށް ކަންބޮޑުވެ ތެޅިފޮޅި ނުގަތުމެވެ. ޑޮކްޓަރުންނަށްވުރެ މާމަތީ ފަރާތެއްވާކަމާއި ހުރިހާ ބާރުތަކެއް ވަނީ އެފަރާތުގައިކަން ޤަބޫލުކުރުމެވެ. އެފަރާތަކީ ﷲ ތަޢާލާކަމާއި އަކަލާނގެ ޙަޟްރަތުގައި އާދޭސް ދެންނެވުމުން ހިންމަވައިދެއްވަވާނެކަމުގެ ޔަޤީންކަމުގައި ހުރުމެވެ! އަހުރެން އަމަލުކުރީ މިކަންކަމަށެވެ. އިން ޝާ ﷲ 

- މިއަދުނޫހުގެ ކިޔުންތެރިއެއް 

- ޢިބްރަތްތެރި ވާހަކަ-

 

މިއަދު އޮންލައިން