15 ގަޑިއިރުގެ ދިގު ނޫސްވެރިންގެ ބައްދަލުވުމާއެކު ރައީސް މުއިއްޒު ދުނިޔޭގެ ރިކޯޑު ހައްދަވައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 5މ 3ސ
15 ގަޑިއިރުގެ ދިގު ނޫސްވެރިންގެ ބައްދަލުވުމާއެކު ރައީސް މުއިއްޒު ދުނިޔޭގެ ރިކޯޑު ހައްދަވައިފި

ދިވެހިރާއްޖޭގެ ތާރީޚުގައި ފާހަގަކޮށްލެވޭ ދުވަހަކަށް އިއްޔެ ވެގެން ދިޔައެވެ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހާ ގުޅިގެން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ރާއްޖޭގެ ތާރީޚުގައި އެއްވެސް ރައީސަކު ބޭއްވި އެންމެ ދިގު އަދި ކޮޅަށް ހުންނަވައިގެން ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވާފައެވެ. މި ބައްދަލުވުން ކުރިއަށް ގެންދެވީ 15 ގަޑިއިރު ވަންދެނެވެ. މިއީ ދުނިޔޭގައިވެސް ދެވަނައަށް އެންމެ ދިގު ނޫސް ކޮންފަރެންސް ބޭއްވި ރައީސްގެ މަޤާމު ހޯއްދެވި ރައީސެވެ.

ބައްދަލުވުން ފެށުނީ އިއްޔެ ހެނދުނު 10:00 ގައެވެ. އަދި ނިމުނީ ރޭ 12:00 ޖެހި ފަހުންނެވެ. މި މުއްދަތުގެ ތެރޭގައި ކޮންމެ ނަމާދު ވަގުތަކަށް 15 މިނެޓުގެ ހުސްވަގުތުކޮޅެއް ނެންގެވި ނަމަވެސް، ރައީސް މުޢިއްޒު ނޫސްވެރިންގެ ސުވާލުތަކަށް ޖަވާބު ދެއްވަން ބައްދަލުވުން ނިމެންދެން ހުންނެވީ ކޮޅަށެވެ. މިއީ ރައީސްގެ ކެތްތެރިކަމާއި ޒިންމާދާރުކަން ދައްކުވައިދޭ ކަމެކެވެ.

ދުނިޔޭގައި އެންމެ ދިގު ނޫސް ކޮންފަރެންސް ބޭއްވި ރެކޯޑު އަދިވެސް ހިފަހައްޓަވާފައިވަނީ ޔުކްރެއިންގެ ރައީސް ވޮލޮޑިމީރް ޒެލެންސްކީއެވެ. ޒެލެންސްކީ ވަނީ 2019 ވަނަ އަހަރު 14 ގަޑިއިރު ވަންދެން ނޫސްވެރިންނާ ބައްދަލުކުރައްވާ ނޫސްވެރިންގެ ސުވާލުތަކަށް ޖަވާބު ދެއްވާފައެވެ. ނަމަވެސް އެ ކޮންފަރެންސްގައި ޒެލެންސްކީ ޖަވާބުދެއްވީ އިށީނދެ އިނދެގެންނެވެ. ރައީސް މުޢިއްޒުގެ ބައްދަލުވުމުގެ ޚާއްޞަކަމަކީ މުޅި ވަގުތު ކޮޅަށް ހުންނަވައިގެން ޖަވާބުދެއްވި ކަމެވެ.

މި ބައްދަލުވުމަކީ ނޫސްވެރިންގެ ދުވަހާ ގުޅުވައިގެން ބޭއްވުނު ޚާއްޞަ ބައްދަލުވުމެކެވެ. ރާއްޖޭގެ ހުރިހާ މީޑިއާތަކަށް ދަޢުވަތު ދެވުނު މި ބައްދަލުވުމުގައި، އާންމު އުސޫލާ ޚިލާފަށް، އިދިކޮޅު ނޫސްތަކަށްވެސް ރައީސްއާ ސުވާލުކުރުމުގެ ފުރުޞަތު ދެވުނެވެ. ރައީސް މުޢިއްޒު ވަނީ ނޫސްވެރިންގެ ހުރިހާ ސުވާލަކަށް ވަރަށް ތަފްޞީލުކޮށް ޖަވާބު ދެއްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ޤައުމު ތަރައްޤީގެ ކަންކަން ކުރިއަށްގެންދާއިރު އެންމެ އިސްކަމެއް ދެއްވާނީ އިސްލާމްދީނުގެ ހަމަތަކާއެއްގޮތަށް ކަންކަން ކުރިއަށްގެންދިއުމަށްކަމަށާއި، ސަރުކާރުގެ ޚާރިޖީ ސިޔާސަތުގެ އަސާސަކަށްވާނީ ހުރިހާ ހާލަތެއްގައިވެސް ދިވެހީންގެ މަޞްލަޙަތު އިސްކޮށް ދިވެހީންގެ މިނިވަންކަމާއި، ސިޔާދަތީ ބާރު ޙިމާޔަތްކޮށް ދެމެހެއްޓުމަށްކަމުގައި އެމަނިކުފާނު ވިދާޅުވި އެވެ. އަދި މިކަންކަމަށް ބެއްލެވުމާއެކު، ހުރިހާ ޤައުމުތަކާއެކު ގާތްގުޅުން ބޭއްވުމަށް މަސައްކަތްކުރައްވާނެކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ރައީސް ޑރ.މުޢިއްޒު ވަނީ އެކި ދާއިރާތަކުން ކުރައްވާ މަސައްކަތްތަކުގެ ތަފްޞީލީ މައުލޫމާތު ޙިއްޞާކުރައްވާފައެވެ. އަދި އެއަށްފަހު އެމަނިކުފާނު ވަނީ ނޫސްވެރިންގެ ސުވާލުތަކަށްވެސް ޖަވާބުދެއްވާފައެވެ. މިގޮތުން ނޫސްވެރިންގެ ސުވާލުތަކަށް ޖަވާބު ދެއްވަމުން އެމަނިކުފާނު ވިދާޅުވީ، ސަރުކާރުގެ ހުރިހާވެސް އަމާޒަކީ، ނަތީޖާ ނެރުންކަމަށެވެ. އަދި ނަތީޖާއަށް ދިއުމުގައި ހުރަސްތަކެއް ދިމާވާނަމަ، އެކަންކަމުން އެންމެ ގެއްލުން ކުޑަ ޙައްލެއް، އަވަހަށް ހޯދައިގެން އެ އަމާޒަށް ވާސިލުވުމަށް މަސައްކަތްކުރައްވާކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް މުޢިއްޒު ވަނީ މިނިވަން ނޫސްވެރިކަމެއް މި ސަރުކާރުގައި ޤާއިމުކުރެވިފައިވާ ކަމަށް ވިދާޅުވެފައެވެ. އަދި ޝަރުޢީ ދާއިރާއަށް އެމަނިކުފާނުގެ ނުފޫޒު ނުފޯރުވާނެ ކަމަށާއި އަތް ނުބާނާނެ ކަމުގެ ޔަޤީންކަން ދެއްވާފައެވެ. އަދި ހަމައެއާއެކު ގިނަ މަޝްރޫއުތައް މި ސަރުކާރުން ކުރިޔަށް ގެންދާކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ ރައްޔިތުންނަށްވި ވައުދު ރަނުން ރަނަށް ފުއްދައިދޭނެ ކަމަށެވެ. ދެފުށް ފެންނަ ވެރިކަމެއް ރާއްޖޭގައި ޤާއިމުކުރާނެ ކަމަށެވެ.

މި ދިގު ބައްދަލުވުމަކީ ރާއްޖޭގެ ނޫސްވެރިކަމުގެ ތާރީޚުގައި ފާހަގަކޮށްލެވޭ މުހިންމު ހާދިސާއެކެވެ. އާންމުކޮށް ރާއްޖޭގައި އަދި ރައީސް އޮފީހުގައިވެސް ނޫސްވެރިންގެ ބައްދަލުވުން ބާއްވަނީ 1 ނުވަތަ 2 ގަޑިއިރަށެވެ. ނަމަވެސް މިފަހަރު ރައީސް މުޢިއްޒު ވަނީ ދިގު ބައްދަލުވުމެއް ބާއްވައި، ނޫސްވެރިންނަށް ފުރިހަމަ ފުރުޞަތު ދެއްވާފައެވެ.

މި ބައްދަލުވުމުގެ ސަބަބުން ރައީސް މުޢިއްޒުގެ ވެރިކަމުގެ ހާމަކަން ބޮޑުކަން ވަނީ ސާބިތުވެފައެވެ. އިދިކޮޅު ނޫސްތަކަށްވެސް ސުވާލުކުރުމުގެ ފުރުޞަތު ދެއްވައި، ހުރިހާ ސުވާލަކަށް ތަފްޞީލުކޮށް ޖަވާބުދެއްވުމަކީ މިނިވަން ނޫސްވެރިކަމަށް ދެއްވާ އަހައްމިއްޔަތުކަމުގެ ހެއްކެކެވެ. އަދި މިފަދަ ދިގު ބައްދަލުވުމެއް ބޭއްވުމަކީ ރައްޔިތުންނަށް މަޢުލޫމާތު ފޯރުކޮށްދިނުމަށް ރައީސް ކުރައްވާ މަސައްކަތުގެ ނިޝާނެކެވެ.

ރައީސް މުޢިއްޒުގެ މި ފިޔަވަޅަކީ ހާމަކަން ބޮޑު، ޒިންމާދާރު ވެރިކަމެއްގެ ނިޝާނެއް ކަމުގައި ގިނަ ބަޔަކު ދަނީ މީސްމީޑިއާގައި ހިޔާޅު ފާޅުކޮށް އެމަނިކުފާނަށް ތައުރީފް ކުރައްވަމުންނެވެ. އާންމު ރައްޔިތުންގެ ތެރެއިން ގިނަ ބަޔަކު ވަނީ ރައީސްގެ ކެތްތެރިކަމާއި ޒިންމާދާރުކަމަށް ތަޢުރީފުކޮށްފައެވެ.

ވަޒީރުންގެ ކެބިނެޓުންވެސް މި ވަނީ ރައީސްގެ ކެތްތެރިކަމަށް ތައުރީފްކޮށްފައެވެ. މިނިސްޓަރ އޮފް އިކޮނޮމިކް އެންޑް ޓްރޭޑް، މުޙައްމަދު ސައީދު ވިދާޅުވީ މިއީ ވަރަށް ތާރީޚީ ޕްރެސް ކޮންފަރެންސްއެއް ކަމަށެވެ. ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވީ މިއީ މިނިވަން ނޫސްވެރިކަމަށް ދެފުށް ފެންނަ، ޖަވާބުދާރީ ކުރުވުމާއި އިހުތިރާމް ކުރުމުގެ ބާރުގަދަ މަންޒަރެއް ކަމަށެވެ.

ރައީސް މުޢިއްޒުގެ މި ދިގު ނޫސްވެރިންގެ ބައްދަލުވުމަކީ ރާއްޖޭގެ ސިޔާސީ މަޝްރަޙުގައި އާ ސަފުހާއެއް ފެށިގެން ދިޔަ ކަމުގެ ނިޝާނެކެވެ. މި ފަދަ ބައްދަލުވުންތައް ޤަވައިދުން ބޭއްވުމަކީ ދިވެހި ޑިމޮކްރަސީ އިތުރަށް ވަރުގަދަވެ، ރައްޔިތުންގެ އަޑު އިތުރަށް އުފުލި، ހަރުދަނާ ވެރިކަމެއް ޤާއިމުވެގެން ދިއުމުގެ ފެށުމެއް ކަމުގައި ވެގެންދާނެއެވެ.

މި ބައްދަލުވުމަކީ ހަމައެކަނި ނޫސްވެރިކަމުގެ ދާއިރާއަށް އެކަންޏެއް ނޫނެވެ. މުޅި ޤައުމަށް، ވެރިކަމާއި ރައްޔިތުންނާ ދެމެދު އޮންނަ ގުޅުން ބަދަހިކޮށް، އިތުބާރު އުފެއްދުމަށް އެޅުއްވި މުހިންމު ފިޔަވަޅެކެވެ. މިފަދަ ހާމަކަން ބޮޑު، ޒިންމާދާރު ވެރިކަމެއްގެ ސަބަބުން ރައްޔިތުންގެ އަޑު އިތުރަށް އުފުލި، ސަރުކާރުގެ ޖަވާބުދާރީވުން އިތުރުވެގެންދާނެ ކަމީ ޝައްކެއް އޮތް ކަމެއް ނޫނެވެ.

މިއަދު އޮންލައިން