ކާޑެއްދޫ އެއަރޕޯޓް ބައިނަލްއަޤްވާމީ ފެންވަރަށް ތަރައްޤީކުރުމަށް ވިލާއެއަރއާއެކު މަޝްވަރާތައް ކުރިއަށްދާ ކަމަށް ދަތުރުފަތުރާއި މަދަނީ އުދުހުންތަކާބެހޭ ވަޒީރު މުޙައްމަދު އަމީން މިއަދު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ތިނަދޫ އުތުރު ދާއިރާގެ މެންބަރު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ވަޒީރު އަމީން ވިދާޅުވީ، މުހިންމީ ވަކި ފަރާތަކުން އެއަރޕޯޓް ހިންގުން ނޫން ކަމަށާއި، އެތަން ޒަމާނީ އެއަރޕޯޓެއްގެ ގޮތުގައި ތަރައްޤީކޮށް، ރައްޔިތުންނަށް އެކަށީގެންވާ ޚިދުމަތެއް ފޯރުކޮށްދިނުން ކަމަށެވެ.
"ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ނިންމެވުމާ އެއްގޮތަށް، ކާޑެއްދޫ އެއަރޕޯޓް ތަރައްޤީކުރުމަށް އެކަށައަޅާފައިވާ ޕްލޭނާ އެއްގޮތަށް މިހާރު މަސައްކަތައްކަތްތައް ފަށާފައިވާ," ވަޒީރު ވިދާޅުވިއެވެ.
ވަޒީރު އިތުރަށް ހާމަކުރެއްވި ގޮތުގައި، ރައީސުލްޖުމްހޫރިއްޔާ މިހާރު ނިންމަވާފައިވަނީ ގދ. ތިނަދޫއާއި ކާޑެއްދޫ ބްރިޖަކުން ގުޅާލައި، ކާޑެއްދޫގައި މުޅިން އާ އެއަރޕޯޓެއް ބައިނަލްއަޤްވާމީ ފެންވަރަށް ތަރައްޤީކުރެއްވުމަށެވެ. މިއީ ކުރިން ތިނަދޫގައި ބައިނަލްއަޤްވާމީ އެއަރޕޯޓެއް ތަރައްޤީކުރުމަށް ރޭވިފައިވާ ޕްލޭނާ ތަފާތު ގޮތެކެވެ.
ކުރިން ސަރުކާރުން ނިންމާފައިވަނީ ތައިލެންޑްގެ ކުންފުންޏަކާ ހަވާލުކޮށް ތިނަދޫގައި ބައިނަލްއަޤްވާމީ ވައިގެ ބަނދަރެއް ތަރައްޤީކުރުމަށެވެ. ނަމަވެސް މިހާރު ވަނީ އެ ޕްލޭން ބަދަލުކޮށް، ކާޑެއްދޫ އެއަރޕޯޓް ބައިނަލްއަޤްވާމީ ފެންވަރަށް ތަރައްޤީކުރުމަށް ނިންމާފައެވެ.
"މިކަމުގެ މަޝްވަރާތައް، ކާޑެއްދޫ އެއަރޕޯޓާއި ހަވާލުވެފައިވާ ފަރާތާއެކު މިހާރު ކުރިއަށްދޭ," ވަޒީރު އަމީން ވިދާޅުވިއެވެ.
މި މަޝްރޫޢު ފުރިހަމަވުމުން، ހުވަދު އަތޮޅުގެ ރައްޔިތުންނަށް ބައިނަލްއަޤްވާމީ ފެންވަރުގެ ވައިގެ ބަނދަރެއްގެ ޚިދުމަތް ލިބި، އެ ސަރަޙައްދުގެ ދަތުރުފަތުރާއި އިޤްތިޞާދަށް ބޮޑު ކުރިއެރުމެއް ލިބޭނެ ކަމަށް އުއްމީދުކުރެވެއެވެ.