ތެލެސީމިއާ ސެންޓަރު ހުޅުމާލެއަށް ބަދަލުކުރުމުގެ މަސައްކަތަށް ރައީސް ސިފައިންނަށް ޝުކުރު އަދާކުރައްވައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 55ސ
ތެލެސީމިއާ ސެންޓަރު ހުޅުމާލެއަށް ބަދަލުކުރުމުގެ މަސައްކަތަށް ރައީސް ސިފައިންނަށް ޝުކުރު އަދާކުރައްވައިފި

ކަނޑައެޅި މުއްދަތަށް ތެލެސީމިއާ ސެންޓަރު ހުޅުމާލެއަށް ބަދަލުކުރުމަށް ސިފައިން ކުރެއްވި މަސައްކަތަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ޝުކުރު އަދާކުރައްވައިފިއެވެ.



ރައީސުލްޖުމްހޫރިއްޔާ މި މަސައްކަތް ސިފައިންނާ ހަވާލުކުރެއްވުމާ ގުޅިގެން، މި މަސައްކަތް ސިފައިން ފަށާފައިވަނީ މާރިޗު މަހުގެ 28 ވަނަ ދުވަހުގައެވެ. އަދި ކުރީގެ ޑިޒައިނަށް ބައެއް ބަދަލު ގެނެސް ކުޑަކުދިން ގަޔާވާފަދަ ގޮތަކަށް ބަދަލުތަކެއް ގެނެސްފައިވާކަން ސިފައިންވަނީ ފާހަގަކޮށްފައެވެ.

ތެލެސީމިއާ ކުދިންނަށް ކުރިމަތިވެފައިވާ މައްސަލަ ޙައްލުކުރުމަށް ހުޅުމާލޭގައި އޮރެންޖް ހިޔާ ޤާއިމުކުރުމުގެ މަސައްކަތް ސަރުކާރުން ބަޔަކާއި ހަވާލުކޮށްގެން އެ މަސައްކަތް އެކަށީގެންވާ ހަލުވި ދުވެއްޔެއްގައި ކުރިއަށްނުދާތީ، އެ މަސައްކަތް ޤައުމީ މަސައްކަތެއްގެ ގޮތުގައި ޤައުމީ ދިފާޢީ ބާރާއި ހަވާލުކުރެއްވީ މިދިޔަ މާރިޗު މަހުގެ 27 ވަނަ ދުވަހުގައެވެ.

މި މަސައްކަތް ނިމުމާއެކު، ތެލެސީމިއާ ކުދިންނަށް ބޭނުންވާ ފަރުވާ ދިނުމަށް މިހާރަށްވުރެ ފަސޭހަ އަދި ރަނގަޅު މާހައުލެއް ޤާއިމުވެގެންދާނެ ކަމަށް ސަރުކާރުން އުންމީދުކުރައްވާ ކަމަށް ރައީސް އޮފީހުގެ ބަޔާނުގައި ބުނެފައިވެއެވެ.

މިއަދު އޮންލައިން