ސަންލޭންޑް ނަޒީރު ނިޔާވުމާއި ގުޅިގެން ޢާއިލާއަށް ރައީސް ތަޢުޒިޔާ ދަންނަވައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 2މ 4ސ
ސަންލޭންޑް ނަޒީރު ނިޔާވުމާއި ގުޅިގެން ޢާއިލާއަށް ރައީސް ތަޢުޒިޔާ ދަންނަވައިފި

ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި ފާހަގަކޮށްލެވޭ ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ، އިނގިރޭސި ވިލާތުގައި ހުންނަ ދިވެހި ހައިކޮމިޝަންގެ ޓްރޭޑް ރެޕްރެޒެންޓެޓިވް، މުޙައްމަދު ނަޒީރު (ސަންލޭންޑް ނަޒީރު) ނިޔާވުމާއި ގުޅިގެން އެ މަރުޙޫމްގެ ޢާއިލާއަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ތަޢުޒިޔާ ދަންނަވައިފިއެވެ.

ރައީސް މުޢިއްޒު މިކަން ހާމަކުރެއްވީ އިޖްތިމާޢީ ވިއުގަތަކުގައި ކުރެއްވި ޕޯސްޓެއްގައެވެ. އެ ޕޯސްޓުގައި ރައީސް ވިދާޅުވެފައިވަނީ "އިނގިރޭސި ވިލާތުގައި ހުންނަ ދިވެހި ހައިކޮމިޝަންގެ ޓްރޭޑް ރެޕްރެޒެންޓެޓިވް، އަދި ފަތުރުވެރިކަމާއި ވިޔަފާރީގެ ދާއިރާގައި ބޮޑެތި ޚިދުމަތްތަކެއް ޤައުމަށް ކުރައްވާފައިވާ، މުޙައްމަދު ނަޒީރު (ސަންލޭންޑް ނަޒީރު) އަވަހާރަވުމުގެ ހިތާމައިގާ މަރުޙޫމްގެ ޢާއިލާއަށް ތަޢުޒިޔާ ދަންނަވަން" ކަމަށެވެ.

މީގެއިތުރުން ރައީސް ވަނީ މަރުޙޫމް މުޙައްމަދު ނަޒީރު މާތްﷲގެ ތަނަވަސް ރަޙްމަތުގައި، ސުވަރުގޭގެ ދާއިމީ ނިޢުމަތުގައި ލެއްހެއްޓެވުމަށް ދުޢާ ކުރައްވާފައެވެ.


ސ. ހުޅުދޫއަށް އުފަން ނަޒީރަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާ ކުރިއެރުވުމަށް މުހިންމު މަސައްކަތްތަކެއް ކުރެއްވި ބޭފުޅެކެވެ. 1976 ވަނަ އަހަރު، ރާއްޖެއަށް ބެކްޕެކް އަޅައިގެން ޑައިވިންއަށް ފަތުރުވެރިން އަންނަމުންދިޔަ ދުވަސްވަރު، އޭނާ ވަނީ "ސަންލޭންޑް" ނަމުގައި ޢާއިލީ ޓްރެވަލް އެޖެންސީއެއް ހުޅުވައި، ރާއްޖެ މާކެޓްކުރަން ފަށާފައެވެ.

ނަޒީރަކީ ސަންލޭންޑް ހޮޓެލްސްގެ "ކޮކޯ ކަލެކްޝަން ރިޒޯޓް ބްރޭންޑްސް"ގެ ޑިރެކްޓަރުކަން ކުރައްވާފައިވާ، މާކެޓިންގެ ދާއިރާއިންވެސް ތަޖުރިބާކާރު ބޭފުޅެކެވެ. އަދި އިނގިރޭސި ވިލާތަށް ރާއްޖެއިން ކަނޑައަޅާފައިވާ ޓްރޭޑް އެމްބެސެޑަރުގެ މަޤާމުވެސް އަދާކުރައްވާފައިވެއެވެ.

ނަޒީރުގެ ނިޔާވުމާއެކު، ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާއަށް ލިބުނު ބޮޑު ގެއްލުމެއްގެ ގޮތުގައި ގިނަ ފަރާތްތަކުން ފާހަގަކުރަމުންދާކަން ފާހަގަކުރެވެއެވެ.

މިއަދު އޮންލައިން