ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަށް ނުފޫޒު ފޯރުވުމަށް އެއްވެސް މަސައްކަތެއް ކޮށްފައިނުވާނެ: ބަންޑާރަ ނައިބު

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 11ސ
ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަށް ނުފޫޒު ފޯރުވުމަށް އެއްވެސް މަސައްކަތެއް ކޮށްފައިނުވާނެ: ބަންޑާރަ ނައިބު

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަށް ނުފޫޒު ފޯރުވުމަށް އެއްވެސް މަސައްކަތެއް ކޮށްފައިނުވާނެ ކަމަށް ބަންޑާރަ ނައިބު އަޙްމަދު އުޝާމް ވިދާޅުވެއްޖެއެވެ. އަހާ ފޯރަމްގައި ވާހަކަފުޅު ދައްކަވަމުން ބަންޑާރަ ނައިބު މިހެން ވިދާޅުވީ، ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު ހުސްނުސުޢޫދާއި ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރު ކުރައްވާފައިވާ ތުހުމަތުތަކާ ގުޅޭގޮތުންނެވެ.

ބަންޑާރަ ނައިބު ފާހަގަކުރެއްވި ގޮތުގައި، ހުސްނުސުޢޫދަކީ ސިޔާސީ ގޮތުން މަސައްކަތްކުރައްވާ ބޭފުޅެއް ކަމަށާއި، މި ސަރުކާރު އައުމަށްފަހު ރައީސުލްޖުމްހޫރިއްޔާއަށް ފޮނުވާފައިވާ މެސެޖުތަކާއި އެކި ތަންތަނުން ބައްދަލުވެ ދައްކާފައިވާ ވާހަކަތަކަށް ބަލާއިރު، ނުފޫޒު ފޯރުވަން މަސައްކަތްކޮށްފައިވަނީ ހުސްނުސުޢޫދު ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ޑރ. އަޒްމިރަލްދާ ކުރައްވާފައިވާ އިންޒާރުގެ ތުހުމަތާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ބަންޑާރަ ނައިބު ވިދާޅުވީ، "އެއީ އެމަނިކުފާނުގެ ރައްޓެހިއަކާއެކު ދެކެވުނު ވާހަކައެއްގެ އަސްލު އޮޅުވާލައިގެން ކުރެވޭ ތުހުމަތެއް" ކަމަށެވެ. އަދި އެ ވާހަކަ ދެކެވުނީ ސުޕްރީމް ކޯޓުގައި މައްސަލައިގެ އަޑުއެހުންތައް ފެށުމުގެ ކުރިން ކަމަށްވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ބަންޑާރަ ނައިބު އިތުރަށް ވިދާޅުވި ގޮތުގައި، މި ތުހުމަތުތައް ކުރަން ފެށީ ފަނޑިޔާރުންގެ ސުލޫކީ މައްސަލައެއް ބަލަން ފެށުމަށްފަހުގައެވެ. އަދި މި ތުހުމަތުތަކަކީ ހަގީގަތެއް ނެތް ތުހުމަތުތަކެއް ކަމަށްވެސް ބަންޑާރަ ނައިބު ވަނީ ވިދާޅުވެފައެވެ.

މިއަދު އޮންލައިން