މުޖުތަމަޢުގައި އުޅޭ ތަފާތު މިޒާޖުގެ މީހުންނަކީ ޤައުމުގެ ކުރިއެރުމަށް ލިބޭ ބާރެއްކަމަށް ދެކެންޖެހޭ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ބައިނަލްއަޤުވާމީ މުޖުތަމަޢުއާއި ގުޅިގެން ސުލްޙައާއި އަމާންކަމާއެކު ދިރިއުޅުމުގެ ދުވަހާ ގުޅިގެން މީސްމީޑިޔާގައި ޙިއްސާކުރެއްވި ޕޯސްޓެއްގައި ރައީސް ޑރ.މުޢިއްޒު ވިދާޅުވެފައިވަނީ، ދިވެހި މުޖުތަމަޢުގައި އުޅޭ ތަފާތު މިޒާޖުގެ މީހުންނަކީ ޤައުމުގެ ކުރިއެރުމަށް ލިބޭ ބާރެއްކަމަށް ދެކެންޖެހޭ ކަމަށެވެ.
"ކުރިއަށްވުރެ މިހާރު އެންމެން ގުޅިގެން ސަމާހަތްތެރިކަމާއެކު މުޖުތަމަޢުގައި އެންމެންވެސް ޝާމިލުކުރުމުގެ ސަގާފަތެއް ޤާއިމުކޮށް، އަމާންކަމާއެކު ކުރިއެރުމުގެ މަގު ފަހިކުރަންޖެހޭ" ކަމަށް ރައީސް ވިދާޅުވިއެވެ.
މި ދުވަހަކީ ބައިނަލްއަޤުވާމީ މުޖުތަމަޢުގައި ސުލްޙަވެރިކަމާއި އެކުވެރިކަން އިތުރުކުރުމަށް ފާހަގަކުރާ މުހިންމު ދުވަހެކެވެ. އަދި މި ދުވަހުގެ މަޤްޞަދަކީ އެކި މުޖުތަމަޢުތަކުގައި ދިރިއުޅޭ މީހުންގެ މެދުގައި އޮންނަ ގުޅުން ބަދަހިކޮށް، އެކުވެރިކަމާއެކު ދިރިއުޅުމުގެ މުހިންމުކަން ހާމަކުރުމެވެ.
ރައީސް ޑރ.މުޢިއްޒުގެ މި ބަސްފުޅުތަކުން ފާހަގަކޮށްލެވެނީ، މުޖުތަމަޢުގެ ތަރައްޤީއާއި ކުރިއެރުމަށް ތަފާތު ވިސްނުންތަކާއި ޚިޔާލުތައް ބޭނުންތެރިކަމާއި، އެއީ ޤައުމީ ކުރިއެރުމަށް މަގުފަހިކޮށްދޭނެ ކަމެއްކަމުގައި ދެކެވަޑައިގަންނަވާކަމެވެ.