އައިއެމްއޯއަށް ރާއްޖެއިން ކަނޑައެޅުއްވި ދާއިމީ މަންދޫބު، މަޤާމުގެ ފަތްކޮޅު އަރުވައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 29ސ
އައިއެމްއޯއަށް ރާއްޖެއިން ކަނޑައެޅުއްވި ދާއިމީ މަންދޫބު، މަޤާމުގެ ފަތްކޮޅު އަރުވައިފި

އިންޓަރނޭޝަނަލް މެރިޓައިމް އޯގަނައިޒޭޝަން (އައިއެމްއޯ) އަށް ދިވެހިރާއްޖެއިން އަލަށް ކަނޑައެޅުއްވި ދާއިމީ މަންދޫބު، ޑރ. އިރުތިޝާމް އާދަމް، މިއަދު އެޖަމްޢިއްޔާގެ މައި މަރުކަޒުގައި ބޭއްވުނު ޚާއްސަ ރަސްމިއްޔާތެއްގައި މަޤާމުގެ ފަތްކޮޅު އެޖަމްޢިއްޔާގެ ސެކްރެޓަރީ ޖެނެރަލް އަރސެނިއޯ އަންޓޯނިއޯ ޑޮމިންގޭޒް ވެލަސްކޯއަށް އަރުވައިފިއެވެ.

ޑރ. އިރުތިޝާމް އާދަމަކީ މިހާރުވެސް ރާއްޖެއިން ފްރާންސަށާއި އިނގިރޭސިވިލާތަށް ކަނޑައަޅުއްވާފައި ހުންނެވި ސަފީރެވެ. އައިއެމްއޯގެ މައި މަރުކަޒު ހުންނަ ލަންޑަންގައި ބޭއްވުނު މި ރަސްމިއްޔާތަކީ ރާއްޖެއާއި އައިއެމްއޯއާ ދެމެދު އޮންނަ ގުޅުމަށް އިތުރު ބާރެއް ލިބިގެންދިޔަ މުހިންމު ރަސްމިއްޔާތެކެވެ.

މިބައްދަލުވުމުގައި، ޑރ. އިރުތިޝާމް ވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއާއި ދިވެހި ސަރުކާރުގެ ފަރާތުން އައިއެމްއޯގެ އިސްވެރިންނަށް ހެޔޮ އެދުންތައް އަރިސްކުރައްވާފައެވެ. އަދި އައިއެމްއޯއާއެކު އޮންނަ ގުޅުން އިތުރަށް ބަދަހިކުރުމަށް ރާއްޖެއިން ގެންގުޅޭ ވިސްނުން ހާމަކުރައްވާފައިވެއެވެ.

ޑރ. އިރުތިޝާމް ވަނީ އައިއެމްއޯގެ އިސްނެންގެވުންތަކުގައި ރާއްޖެއިން ޢަމަލީގޮތުން ބައިވެރިވެ، އެ މަސައްކަތްތަކުގައި އެއްބާރުލުން ދެމުން ގެންދާނެކަމުގެ ޔަޤީންކަން ދެއްވާފައެވެ. އަދި ކަނޑުދަތުރުފަތުރުގެ ސިނާޢަތް ކުރިއެރުވުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ މަޢުލޫމާތުވެސް ހިއްސާކުރައްވާފައިވެއެވެ.

އައިއެމްއޯއަކީ ކަނޑުދަތުރުފަތުރާ ގުޅޭ ބައިނަލްއަޤްވާމީ މިންގަނޑުތައް ކަނޑައެޅުމާއި، ކަނޑުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް މަސައްކަތްކުރާ އދ. ގެ ޚާއްސަ އޭޖެންސީއެކެވެ. ރާއްޖެއިން މި ޖަމްޢިއްޔާއަށް ދާއިމީ މަންދޫބަކު ކަނޑައެޅުމަކީ ކަނޑުދަތުރުފަތުރުގެ ދާއިރާގައި ރާއްޖެއިން އަދާކުރާ ދައުރު އިތުރަށް ފުޅާވެގެންދާނެ ކަމެއް ކަމުގައި ބެލެވެއެވެ.

މިއަދު އޮންލައިން