ހަމަހަމަ ގޮތެއްގައި ހައްޖާއި ޢުމްރާގެ އަޅުކަން އަދާކުރެވޭނެ މަގު ތަނަވަސްކުރުމަށް ސަޢޫދީ ސަރުކާރުން "ނުސުކް" ކާޑު ތަޢާރަފްކޮށްފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 14ސ
ހަމަހަމަ ގޮތެއްގައި ހައްޖާއި ޢުމްރާގެ އަޅުކަން އަދާކުރެވޭނެ މަގު ތަނަވަސްކުރުމަށް ސަޢޫދީ ސަރުކާރުން "ނުސުކް" ކާޑު ތަޢާރަފްކޮށްފި

ސަޢޫދީ ޢަރަބިއްޔާގެ ސަރުކާރުން ޙައްޖާއި ޢުމްރާގެ އިންތިޒާމުތައް ހަރުދަނާކޮށް، ޒަމާނީ ޓެކްނޮލޮޖީއާ އެއްގޮތަށް ތަރައްޤީކުރުމުގެ މަސައްކަތް ކުރިއަށް ގެންދާ ގޮތުގެ ތެރެއިން، "ނުސުކް" ނަމަކަށް ކިޔާ އައު ނިޒާމެއް ތަޢާރަފްކޮށްފިއެވެ.

މި އައު ނިޒާމަކީ ދުނިޔޭގެ ހުރިހާ ކަންކޮޅުތަކުން ޙައްޖާއި ޢުމްރާގެ އަޅުކަން އަދާކުރުމަށް ވަޑައިގަންނަވާ މުސްލިމުންނަށް ހަމަހަމަ ގޮތެއްގައި ޚިދުމަތް ފޯރުކޮށްދިނުމަށް ޤާއިމްކޮށްފައިވާ ނިޒާމެކެވެ. މި ނިޒާމުގެ ދަށުން ކޮންމެ ޙާޖީއަކަށްވެސް ދޫކުރެވޭ "ނުސުކް" ކާޑަކީ ޙައްޖުގެ މަނާސިކުތައް އަދާކުރުމަށް އެއްތަނުން އަނެއްތަނަށް ދަތުރުކުރުމުގައި ކޮންމެހެން ބޭނުންވާ ރަސްމީ ފާހެކެވެ.

ސަޢޫދީ ސަރުކާރުން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި، މި ނިޒާމުގެ މައިގަނޑު މަޤްޞަދަކީ ޙައްޖުގެ އަޅުކަން އަދާކުރުމަށް ބޭނުންވާ ހުއްދަތައް ހޯދުމަށާއި، ޙާޖީންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމެވެ. އަދި މި ކާޑު ހުރިހާ ވަގުތެއްގައިވެސް ޙާޖީންގެ އަތުގައި އޮތުމަކީ ލާޒިމު ކަމެއްގެ ގޮތުގައި ވަނީ ކަނޑައަޅާފައެވެ.

އަދި މި ނިޒާމާ ގުޅިގެން، ހުއްދަ ނުހޯދާ ޙައްޖަށް ދާ ފަރާތްތަކަށް ޖޫރިމަނާގެ ގޮތުގައި 20,000 ރިޔާލު (ގާތްގަނޑަކަށް 83,000 ދިވެހި ރުފިޔާ) ދައްކަން ޖެހޭނެކަމަށް ސަޢޫދީ ސަރުކާރުން ވަނީ އިޢުލާނުކޮށްފައެވެ.

މި އައު ނިޒާމުގެ ސަބަބުން ޙައްޖާއި ޢުމްރާގެ އަޅުކަން އަދާކުރުމަށް ވަޑައިގަންނަވާ ފަރާތްތަކަށް ލިބިވަޑައިގަންނަވާ ޚިދުމަތްތައް އިތުރަށް ހަރުދަނާވެ، ޙާޖީންގެ ސަލާމަތާއި ރައްކާތެރިކަން އިތުރަށް ކަށަވަރުވެގެންދާނެ ކަމަށް ބެލެވެއެވެ.

މިއަދު އޮންލައިން