2024: އިސްލާމީ ނޫރާއި ދީނީ އަޤީދާ ދާއިރާއިން ބޮޑެތި ކާމިޔާބީތަކެއް ހޯދުނު ރަން އަހަރެއް!

މިއަދު
ކިޔުމަށް ހޭދަވާނީ 10މ 45ސ
2024: އިސްލާމީ ނޫރާއި ދީނީ އަޤީދާ ދާއިރާއިން ބޮޑެތި ކާމިޔާބީތަކެއް ހޯދުނު ރަން އަހަރެއް!

ރައީސުލްޖުމުޙޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުގެ ފުރަތަމަ އަހަރު، 2024 ވަނަ އަހަރަކީ އިސްލާމީ ނޫރާއި ދީނީ އަޤީދާ ދާއިރާއިން ވަނީ ވަރަށް ގިނަ ކާމިޔާބީތަކެއް ޚާސިލްކުރެވުނު އަހަރެކެވެ. ރައީސުލްޖުމުޙޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ މެނިފެސްޓޯގައި އިސްލާމީ ނޫރާއި ދީނީ އަޤީދާގެ ދާއިރާއަށް މުހިއްމު އިސްކަމެއް ދެއްވާފައިވާއިރު، މިކަންކަން ތަންފީޒުކުރެއްވުމަށް އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާއިން ވަނީ ގިނަ މަސައްކަތްތަކެއް ކުރައްވާފައެވެ. ވުޒާރާއިން މި މަހުގެ ތެރޭގައި ނެރުނު އަހަރީ ރިޕޯޓުގައި ޙާސިލްކުރެވުނު މުހިއްމު އެތައް ކާމިޔާބީއެއް ވަނީ ފާހަގަކޮށްފައެވެ. މި ރިޕޯޓުގައި އަލިއަޅުވާ މިލަނީ މިގޮތުން ޚާސިލްކުރެވުނު ބައެއް ބޮޑެތި ކާމިޔާބީތަކަށެވެ.

100 އިމާމުން އިތުރު ތަމްރީނަށް ރާއްޖެއިން ބޭރަށް! 

2024 ވަނަ އަހަރަކީ އިމާމުންނަށް އިތުރު ތަމްރީނާއި ފުުރުސަތުތައް ފަހިކޮށްދިނުމުގައި މިހާތަނަށް ވުޒާރާއިން އެންމެ ގިނަ މަސައްކަތްތަކެއް ކުރެވުނު އަހަރުކަން ފާހަގަކޮށްލެވެއެވެ. މިގޮތުން 2024 ވަނަ އަހަރު 100 އަށްވުރެ ގިނަ އިމާމުންނަށް ރާއްޖެއިން ބޭރުން ތަމްރީނާއި ތަޖުރިބާ ހޯދުމުގެ ފުރުސަތު ވުޒާރާއިން ވަނީ ފަހިކޮށްދީފައެވެ. އެގޮތުން ފާއިތުވެދިޔަ އަހަރުގެ ތެރޭގައި އިމާމުންގެ ދެ ބެޗެއް ސަޢުދީ ޢަރަބިއްޔާއަށް ފޮނުވުނު އިރު، އިންޑޮނޭޝިޔާ، ބުރުނާއި އަދި މެލޭޝިޔާއަށްވެސް އިމާމުން ތަމްރީނަށް ގޮސްފައިވާކަން ފާހަގަކޮށްލެވެއެވެ. މީގެ ގިނަ ދަތުރުތަކަކީ އެ ޤައުމުތަކުން ބޮޑު އެހީތެރިކަމެއް ދީގެން ކުރިއަށް ގެންދެވުނު ދަތުރުތަކެއްކަން ފާހަގަކޮށްލެވެއެވެ.

މީގެ އިތުރުން ފާއިތުވެދިޔަ އަހަރު ތެރޭ ރާއްޖޭގެ ހުރިހާ އިމާމުން ތާޒާ ކުރުމަށް ބޮޑު މަޝްރޫޢުއެއް ފަށާ، އަހަރު ނިމުނު އިރު ރާއްޖޭގެ ހުރިހާ އިމާމުން ވަނީ ތާޒާކުރުމުގެ ޕްރޮގުރާމު ފުރިހަމަކޮށްފައެވެ.

ޒަކާތުގެ ކަންކަން ހަރުދަނާ ކުރުމަށް ގިނަ މަސައްކަތްތަކެއް: ފުރަތަމަ ފަހަރަށް މުދަލު ޒަކާތުގެ ގޮތުގައި 100 މިލިއަނަށްވުރެ ގިނަ ރުފިޔާ! 

ޒަކާތުގެ ކަންކަން ހަރުދަނާ ކުރުމަށް ރައީސުލްޖުމުހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅާއި އެއްގޮތަށް 2023 ވަނަ އަހަރު އެމަނިކުފާނު ޒަކާތު ހައުސް އުފެއްދުން ވެގެން ގޮސްފައިވަނީ ދިވެހިރާއްޖޭގެ ޒަކާތުގެ ނިޒާމަށް ބޮޑު ކުރިއެރުމެއް ލިބިގެންދިޔަ ކަމަކަށެވެ. އެގޮތުން ދިވެހިންގެ މެދުގައި ޒަކާތަށް ހޭލުންތެރިކަން އިތުރު ކުރުމަށް ޒަކާތު ހައުސްގެ ފަރާތުން ވަނީ 2024 ވަނަ އަހަރު ގިނަ ޕްރޮގުރާމުތަކެއް ކުރިއަށް ގެންގޮސްފައެވެ. އެގޮތުން ޒަކާތު ހައުސްގެ ޓީމުތަކުން އަތޮޅުތެރޭގެ ރަށްރަށަށް ޚާއްސަ ދަތުރުތައްކޮށް އާއްމުންނާއި ގާތުން ޒަކާތަށް ހޭލުންތެރިކަން އިތުރުކުރުމަށް ގިނަ މަސައްކަތްތަކެއް ކޮށްފައިވެއެވެ. މިކަމުގެ ނަތީޖާއެއްގެ ގޮތުން މިދިޔަ އަހަރަކީ މުދަލު ޒަކާތުގެ ގޮތުގައި ފުރަތަމަ ފަހަރަށް 100 މިލިއަނަށްވުރެ ގިނަ ރުފިޔާ ލިބިގެންދިޔަ އަހަރެއްކަން ފާހަގަކޮށްލެވެއެވެ.

ޒަކާތު ހައުސް ހުޅުމާލޭގައި ބިނާކުރުމަށް މިހާރު ވަނީ ބިމެއް ހަމަޖެހިފައެވެ. 2025 ވަނަ އަހަރު އެއިމާރާތުގެ އަމަލީ މަސައްކަތް ފެށިގެންދާނެއެވެ.

1445 ވަނަ އަހަރު ފިޠުރު ޒަކާތުގެ ގޮތުގައި މާލެއާއި އަތޮޅުތަކުން މިނިސްޓްރީއަށް ދައްކާފައިވާ ފައިސާއާއި ފަޤީރުން ނެތް ރަށްރަށުން ބަލައިގަނެ މިނިސްޓްރީއަށް ޖަމާކުރި ފައިސާ ހިމެނޭހެން މިނިސްޓްރީއަށް ވަނީ 9,744,824.00 ރުފިޔާ ލިބިފައެވެ. މިގޮތުން، 5023 ފަޤީރުންނާއި މިސްކީނުންނަށް ޖުމްލަ 9,283,612.57 ވަނީ ބަހާފައެވެ. އަދި ބާކީ 461,211.43 ރުފިޔާ ވަނީ ފިޔަވަތިއަށާއި، ކުޑަކުދިންގެ ހިޔާ އަދި ކ. ގުރައިދޫގައި ހުންނަ ޚާއްސަ އެހީއަށް ބޭނުންވާ މަރުކަޒަށް ހަދިޔާކޮށްފައެވެ.

ޒަކާތު ބޭސްފަރުވާ ވަން ގަވްއަށް ބަދަލުކުރުން ރަސްމީކޮށް 4 ނޮވެންބަރު 2024 ގައި އިފްތިތާޙްކުރެވި، މުވައްޒަފުންނަށް ތަމްރީން ޕްރޮގްރާމް 26 އޮކްޓޫބަރު 2024 ގައި ބޭއްވުން. ދިވެހިރާއްޖޭގެ ޒަކާތު ހައުސް އަދި ޓްރޭޑް ނެޓް މޯލްޑިވްސް ކޯޕަރޭޝަން ލިމިޓެޑް ގުޅިގެން އިން 04 ނޮވެންބަރ 2024 ވާ ހޯމަ ދުވަހުގެ ހެނދުނު 10:00 ން 11:00 އަށް އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި ދިވެހިރާއްޖޭގެ ޒަކާތު ހައުސް އިން ދެމުންގެންދާ ބޭސްފަރުވާގެ އެޙީއަށް އެދުމުގެ ހިދުމަތް ( (OneGovޕްލެޓްފޯމްއާއި ގުޅިގެން ޑިޖިޓަލް ކުރުން ލޮންޗްކޮށްފައިވެއެވެ.

މިސްކިތްތަކުގެ ޙާލަތު މެދުނުކެނޑި ދެނެގަނެވޭނެ ނިޒާމެއް ޤާއިމުކޮށް، މިސްކިތްތައް އާބާތުރަ ފިލުވައި، ރީތިކޮށް ބެލެހެއްޓުމަށްޓަކައި ކޮންމެ އަހަރެއްގެ ބަޖެޓުން އެކަމަށް ކުރެވޭ ޚަރަދު މިހާރަށްވުރެ ތިންގުނައަށް އިތުރުކުރުން.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ މެނިފެސްޓޯގެ 6.3 ގައި ބަޔާންކޮށްފައިވާ ގޮތުގެމަތީން، މިސްކިތްތަކުގެ ޙާލަތު މެދުކެނޑުމެއްނެތި ދެނެގަނެވޭނެ ނިޒާމެއް ޤާއިމުކުރުމުގެ ގޮތުން، "މަސްޖިދު ޕޯޓަލް"ގެ ނަމުގައި ޕޯޓަލެއް ވަނީ 22 ފެބްރުއަރީ 2024 ވަނަ ދުވަހު ލޯންޗުކުރެވިފައެވެ. މި ޕޯޓަލްގެ ޒަރިއްޔާއިން މިސްކިތުގައި ދުވަހުން ދުވަހަށް ކުރަންޖެހޭ މަރާމާތުގެ މަސައްކަތްތަކާއި، މިސްކިތުގެ އިމާމުންނާއި ބެހޭގޮތުން އެކިއެކި ފަރާތްތަކުން ޕޯޓަލް މެދުވެރިކޮށް ހުށަހަޅާ މައްސަލަތަކާއި ޝަކުވާތަކަށް ޖަވާބުދާރީ ވަމުންދާނެއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ މެނިފެސްޓޯގެ 6.3 ގައި ބަޔާންކޮށްފައިވާ ގޮތުގެމަތީން، މިސްކިތްތަކުގެ އާބާތުރަފިލުވުމުގެ ގޮތުން، ރާއްޖޭގެ މިސްކިތްތައް މަރާމާތުކުރުމަށް ދައުލަތުގެ ބަޖެޓުން  15,000,000 ރުފިޔާއާއި، މިސްކިތްތަކަށް އެހީވާ ވަޤްފު ފަންޑުން 4,500,000 ރުފިޔާއާއެކު ޖުމްލަ 19,500,000 ރުފިޔާ ޚަރަދުކުރުމަށް ކަނޑައަޅާފައިވާކަން ފާހަގަކޮށްލެވެއެވެ.

ވަޤުފު މަޝްރޫޢުތައް ފެށުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ބާރު ދުވެލީގައި ކުރިއަށް!

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ މެނިފެސްޓޯގެ 6.5 ގައި ރާއްޖޭގައި ހުރި ވަޤްފު އިތުރުކޮށް، ލިބޭ އާމްދަނީން ދީނީ ކަންކަމަށް ކުރެވޭ ހޭދަ އިތުރުކުރުމާއި، ނިކަމެތި ޢާއިލާތަކަށް އެހީވުމާއި ތަޢުލީމީ އަދި ސިއްޙީ ކަންކަމަށް އެފައިސާއިން ޚަރަދުކުރުމުގެ ސިޔާސަތު ތަންފީޛުކުރުމުގެ މަޤްޞަދުގައި، މާލެއާއި، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ވަޤްފު މަޝްރޫޢުތައް އިތުރުކުރުމުގެ މަސައްކަތްތައް ވުޒާރާއިން ކުރަން ފަށާފައިވާކަން ފާހަގަކޮށްލެވެއެވެ.

ހުޅުމާލެ ފޭސް 1 (ލޮޓް ނަންބަރު: 11646)ގައި އިސްލާމީ ވަޤްފު ޢިމާރާތެއް "ދާރުއްސަލާމް އިސްލާމިކް ކޮމްޕްލެކްސް" ގެ ނަމުގައި ޤާއިމުކުރުމަށްޓަކައި ބިން ރަޖިސްޓްރީ ކުރެވި، ކޮންސެޕްޓް އަދި ޑީޓެއިލް ޑްރޮވިންގ ތައްޔާރުކުރެވިފައިވާއިރު މި މަސައްކަތް މި ދައުރުގެ ތެރޭގައި ކުރިއަށް ގެންދިއުމަށް ވުޒާރާއިން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

މާލެ ސިޓީގައި އައު ވަޤުފް ޢިމާރާތެއް "ދާރުލްއަރްޤަމް"ގެ ނަމުގައި ޢިމާރާތްކުރުމަށްޓަކައި، ބްލޮކް ނަންބަރު: 64، އިން 2000 އަކަފޫޓުގެ ބިމެއް ވަނީ 08 ސެޕްޓެމްބަރު 2024 ގައި މި މިނިސްޓްރީއަށް މާލެ ސިޓީ ކައުންސިލުން ޙަވާލުކޮށްދެއްވާފައެވެ. އަދި ޑިވެލޮޕްމަންޓް ކޮންޓްރޯލް ހޯދުމަށްފަހު، މި އިމާރާތުގެ މަސައްކަތްވެސް ފެށުމަށް ކުރަން ޖެހޭ މަސައްކަތްތައް މިހާރު ކުރިއަށް ގެންދާކަން ފާހަގަކޮށްލެވެއެވެ.

ކިރިތި ޤުރުއާނަށް ޚާއްސަ ވަޤުފު އިމާރާތެއް: މި އިމާރާތް ބިނާ ކުރުުމަށް މިހާރު މާލޭގެ ރަސްފަންނު ސަރަހައްދުން 10،000 އަކަފޫޓުގެ ބިމެއް މިހާރު ހަމަޖައްސާފައިވާކަން ފާހަގަކޮށްލެވެއެވެ. މިއީ ކީރިތި ޤުރުއާނުގެ ދާއިރާއިން ލިބިގެންދާނެ ބޮޑު ކުރިއެރުމެއްކަން ފާހަގަކޮށްލެވެއެވެ.

ރާއްޖޭގެ އަތޮޅުތަކުގައި އިސްލާމީ ވަޤުފް ޕްރޮޖެކްޓުތަކެއް ކުރިޔަށްގެންގޮސް، ވަޤުފް ޢިމާރާތް ކުއްޔަށްދީގެން ލިބޭ އާމްދަނީއިން އަތޮޅުތެރޭގައި ހުރި ރަށްރަށުގެ މިސްކިތްތައް މަރާމާތު ކުރުމަށާއި، އަލަށް މިސްކިތް ޢިމާރާތްކުރުމަށާއި، އަދި އަތޮޅުތެރޭގައި އިސްލާމީ ޙަރަކާތްތައް ފުޅާދާއިރާއެއްގައި ހިންގުމުގެ މަޤްޞަދުގައި، "އަތޮޅު ވަޤްފު" އަދި "ސިޓީ ވަޤްފު"ގެ ނަމުގައި މަޝްރޫޢުއެއް ވަނީ 04 ޖަނަވަރީ 2024 ގައި އިފްތިތާޙްކޮށްފައެވެ. މިގޮތުން، މިހާތަނަށް 10 ސިޓީ/އަތޮޅު ކައުންސިލުންނާއި، އަދި 14 ރަށު ކައުންސިލަކުން ވަޤުފް ޢިމާރާތް ޤާއިމުކުރުމަށް މި ވުޒާރާއަށް ޕްރޮޕޯސަލް ވަނީ ހުށަހަޅާފައެވެ. މީގެ ތެރެއިން، އައްޑޫ ސިޓީގެ ވަޤުފް މަޝްރޫޢުއާއި، އެހެނިހެން ޕްރޮޕޯސަލްތަކުގެ ފީސިބިލިޓީ ސްޓަޑީ ހެދުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.

ކީރިތި ޤުރުއާން ކިޔަވަން ދަސްކޮށްދޭ ހިލޭ ކްލާސްތައް ބޮޑުތަނުން އިތުރުކޮށް، ފުޅާކުރުން.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ މެނިފެސްޓޯގެ 6.4 ގައި ބަޔާންކޮށްފައިވާ ގޮތުގެމަތީން، ކީރިތި ޤުރްއާން ކިޔަވަން ދަސްކޮށްދޭ ހިލޭ ކްލާސްތައް ބޮޑުތަނުން އިތުރުކޮށް ފުޅާކުރުމުގެ ޢަމަލީ މަސައްކަތް ވަނީ ފަށާފައެވެ. އެގޮތުން މިވުޒާރާއިން ހިލޭ ޤުރްއާން ކިޔަވައިދޭނެ ފަރާތްތަށް ހޯދުމަށް ކުރި އިއުލާންއަށް އިޖާބަދީ 29 ފަރާތަކުން ވަނީ ކުރިމަތިލާފައެވެ. އެހެންކަމުން "މިސްކިތު ޤުރްއާން ކުލާސް"ގެ ނަމުގައި 09 އޮކްޓޯބަރ 2024 ގައި ފެށި މި ކިލާސްތައް ރާއްޖޭގެ 14 އަތޮޅެއްގެ އިތުރުން މާލެއާއި ވިލިމާލެ އަދި ހުޅުމާލޭގައި ވަނީ ފަށާފައެވެ. މި ޕްރޮގުރާމްގެ ދަށުން ހިންގާ ހުރިހާ ކިލާސްތަކެއްވެސް ހިންގަނީ ހިލޭ ސާބަހަށެވެ.

ފަޤީރުންނަށް ދައުލަތުން ހިލޭ ޙައްޖު އަދާކުރާނެ ސްކީމެއް ތަޢާރަފުކޮށް، 5 އަހަރުގެ ތެރޭގައި ޖުމްލަ 1000 ފަޤީރުން ދައުލަތުގެ ޚަރަދުގައި ޙައްޖުވުމުގެ ފުރުޞަތު ތަނަވަސްކޮށްދިނުން.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ މެނިފެސްޓޯގެ 6.1 ގައި ބަޔާންކޮށްފައިވާ ގޮތުގެމަތީން، ދައުލަތުގެ ބެލުމުގެ ދަށުން، ފުދުންތެރިކަން ނެތް 1000 މީހުން ހިލޭ ފަރުޟު ޙައްޖަށް 5 އަހަރުގެ ތެރޭގައި ގެންދިޔުމުގެ މަސައްކަތް ތަންފީޒުކުރުމަށްޓަކައި، 1445 ވަނަ އަހަރު ވަނީ 50 ފަޤީރުން ފަރުޟު ޙައްޖުގެ މަތިވެރިއަޅުކަން އަދާކުރުމަށް ފުރުޞަތު ދީފައެވެ. މިގޮތުން، މިފަރާތްތައް ހޮވާފައިވަނީ، "ފަޤީރުންނާއި މިސްކީނުންގެ ދަފްތަރު"ގައި ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކުގެ ތެރެއިންނެވެ. މި މަސައްކަތް އެގޮތުގައި 1446 ވަނަ އަހަރުގެ ޙައްޖުގައިވެސް ކުރިއަށްދާކަން ފާހަގަކޮށްލެވެއެވެ. އެގޮތުން މިއަހަރުވެސް ދަޢުލަތުގެ ޚަރަދުގައި 50 ފަޤީރުން ޙައްޖުގެ މަތިވެރި އަޅުކަމަށް ދާ ގޮތަށް ވަނީ ހަމަޖެހިފައެވެ.

މިސްކިތްތަކާ ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާއަށް ލަފާއަރުވާ ޚާއްޞަ ކޮމިޓީއެއް، ޢިލްމުވެރިންގެ މައްޗަށް އެކުލެވޭގޮތަށް، ޤާއިމުކުރުން.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ މެނިފެސްޓޯގެ 6.10 ގައި ބަޔާންކޮށްފައިވާ މިސްކިތްތަކާ ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާއަށް ލަފާއަރުވާ ޚާއްސަ ކޮމެޓީއެއް، ޢިލްމުވެރިންގެ މައްޗަށް އެކުލެވޭގޮތަށް ޤާއިމުކުރުމަށާއި، އެ ކޮމެޓީގެ ބެލުމުގެ ދަށުން މިސްކިތްތަކުގެ ޙާލަތު މެދުނުކެނޑި ދެނެގަނެވޭނެ ނިޒާމެއް ޤާއިމުކުރުމަށްޓަކައި، މިސްކިތްތަކާބެހޭ ޤައުމީ މަޖިލިސް ވަނީ 28 ޑިސެންބަރު 2023 ވަނަ ދުވަހު އިފްޠިތާޙްކޮށްފައެވެ. މިގޮތުން، މިސްކިތްތަކާބެހޭ ޤައުމީ މަޖިލިސް ވަނީ 25 ފެބުރުވަރީ 2024 ގައި އެކުލަވާލާފައެވެ. އަދި މިސްކިތްތަކާބެހޭ ޤައުމީ މަޖިލީހުގެ ޤަވާޢިދު ވަނީ 01 އޮގަސްޓް 2024 ވަނަ ދުވަހު ޢާންމުކޮށްފައެވެ.

އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއަށް ޒަމާނީ ބަދަލުތަކެއް ގެނެސް އިދާރީ ހިންގުން ރަނގަޅު ކުރުމަށް އޮނިގަނޑަށް ބަދަލުތަކެއް

އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއަށް ޒަމާނީ ބަދަލުތަކެއް ގެނެސް އިދާރީ ހިންގުން ރަނގަޅު ކުރުމަށް އޮނިގަނޑަށް ބަދަލުތަކެއް 2024 ވަނަ އަހަރު ގެނެސްފައިވާކަން ފާހަގަކޮށްލެވެއެވެ.

އެގޮތުން ކޯޕަރޭޓް އެފެއާޒް ޑިޕާޓްމަންޓުގެ ހިއުމަން ރިސޯސް ސެކްޝަންގެ ދަށުން ޓްރެއިނިންގ އަދި ޕާފޯމަންސް މެނޭޖްމަންޓަށް ޙާއްސަ ޔުނިޓެއް އުފައްދާފައިވާއިރު މިނިސްޓަރސް ސެކްރެޓޭރިއެޓް ސެކްޝަން އުފައްދާ އެ ސެކްޝަންގެ ދަށުން ސެކްރެޓޭރިއެޓް ޔުނިޓް، ފޮރިން ރިލޭޝަންސް ޔުނިޓް، މީޑިއާ ޔުނިޓް އަދި ޕޮލިސީ އެންޑް ސްޓެރެޖިކް ޕްލޭނިންގ ޔުނިޓު އުފެއްދުމާއި ވަޒީރާއި ޕާމަނަންޓް ސެކްރެޓަރީގެ ސީދާ ބެއްލެވުމުގެ ދަށުން މި ސެކްޝަން ހިންގާ ގޮތަށް ވަނީ ހަމަޖެހިފައެވެ.

މީގެ އިތުރުން އިސްލާމިކް އެފެއާޒް ޑިޕާޓްމަންޓުގެ މޮސްކް އެފެއާޒް ޑިވިޜަންގެ ނަން އައުޤާފް އެންޑް އިސްލާމިކް ޑިވެލޮޕްމެންޓް ޑިވިޜަންއަށް ބަދަލުކޮށް މި ޑިވިޜަންގެ ދަށުގައި އޮތް އައުޤާފް އެންޑް އިންފްރާސްޓްރަކްޗަރ ޑިވެލޮޕްމެންޓް ސެކްޝަން ދެ ސެކްޝަނަކަށް ބަދަލުކޮށް އައުޤާފް ސެކްޝަނާއި އިންފްރާސްޓްރަކްޗަރ ޑިވެލޮޕްމެންޓް ސެކްޝަން ވަކިން މަސައްކަތް ކުރާ ގޮތަށްވެސް ވަނީ ބަދަލުކޮށްފައެވެ.

އަދި އައުޤާފް ސެކްޝަންގެ ދަށުން އައުޤާފް އެޑްމިނިސްޓްރޭޝަން ޔުނިޓާއި ފަންޑް މެނޭޖްމަންޓު ޔުނިޓް އުފެއްދުމާއި، މޮސްކް މެނޭޖްމެންޓް ސެކްޝަންގެ ދަށުން ގްރޭޓާ މާލެ މޮސްކްސް ޔުނިޓާއި، ނޮދަން މޮސްކިސް ޔުނިޓް އަދި ސަދަން މޮސްކްސް ޔުނިޓު އުފެއްދުމަށް ވަނީ ހަމަޖެހިފައެވެ.

ވުޒާރާގެ އޮނިގަނޑަށް މި ގެނައި ބަދަލުތަކާއިއެކު ވުޒާރާގެ ހިންގުމަށް ޒަމާނީ ބޮޑެތި ބަދަލުތަކެއް އައުމާއެކު، ވުޒާރާގެ ޙިދުމަތް ހޯދާ ފަރާތްތަކަށްވެސް ބޮޑެތި ފަސޭހަތަކެއް ލިބިގެންދާނެއެވެ. މީގެ އިތުރުން ވުޒާރާގެ ހިދުމަތް އިތުރަށް ފުޅާކޮށް، ރާއްޖޭގެ ހުރިހާ ހިސާބަކަށް ވުޒާރާގެ މަސައްކަތްތަށް ކުރިއަށްވުރެ ބޮޑަށް ފޯރުކޮށްދިނުމަށްވެސް މި ބަދަލުތަކާއެކު މަގު ފަހިވެގެންދާނެކަން ފާހަގަކޮށްލެވެއެވެ.

މިހުރިހާކަމެއްގެ އިތުރުންވެސް 2024 ވަނަ އަހަރުގެ ތެރޭގައި އިސްލާމީ ދާއިރާއިން ގިނަ މަސައްކަތްތަކެއް ފާއިތުވެދިޔަ އަހަރުގެ ތެރޭގައި ކުރިއަށް ގެންދިވިފައިވާކަން ފާހަގަކޮށްލެވެއެވެ.

 

 

ހަބަރު: ސަރުކާރު

މިއަދު އޮންލައިން