މުލަކަތޮޅު މުލީ އެއަރޕޯޓާއެކު އިތުރު ފަސޭހަތައްލިބި، އިޤުތިޞާދީ ގޮތުންވެސް ބޮޑެތި ކުރިއެރުންތަކެއް ލިބޭނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް، ދިއްގަރު ދާއިރާގެ މެންބަރު އަޙްމަދު ނާޒިމް ވިދާޅުވެއްޖެއެވެ.
މުލީ އެއަރޕޯޓު ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ނާޒިމް ވިދާޅުވީ، މ. އަތޮޅުގައި އެއަރޕޯޓެއް ނެތުމުގެ ސަބަބުން ދަތުރުފަތުރުގެ ދާއިރާއިން އަތޮޅުގެ ރައްޔިތުންނަށް ދަތިތަކެއް ކުރިމަތިވެފައިވީ ނަމަވެސް، އެއަރޕޯޓު ހުޅުވުމާއެކު އެ ދަތިތަކަށް ޙައްލު ލިބިގެންދާނެ ކަމަށެވެ.
"މީހަކު ބަލިވެގެން އިތުރު ފަރުވާއަށް މާލެ ގެންދަންޖެހިއްޖެނަމަ ޖެހެނީ ލޯންޗުގައި ގެންދަން. އެހެންވީމަ އެކަމަށްވެސް ލުޔެއް ލިބޭނެ އެއަރޕޯޓާއެކީ. ދެން މި އަތޮޅުގައި މިހާރު އެއް ފަޅެއްގައި އެބައޮވޭ މިތާ ކައިރީ 2 ރިސޯޓު. އަދިވެސް އެއް ރިސޯޓު ތަރައްޤީކުރަމުންދަނީ. އެހެންވީމަ އިޤުތިޞާދީ ގޮތުންވެސް ގިނަ ދޮރުތަކެއް ހުޅުވިގެންދާނެ،" ނާޒިމް ވިދާޅުވިއެވެ.
އެއަރޕޯޓުގެ އިތުރުންވެސް މި ސަރަހައްދުގައި ތަރައްޤީގެ ގިނަ މަޝްރޫޢުތަކެއްގެ މަސައްކަތް ކުރިއަށްދާ ކަމަށާއި، ރައީސް މުޢިއްޒުގެ މި 5 އަހަރުގެ ތެރޭގައި މ. އަތޮޅަށް ބޮޑެތި ކުރިއެރުންތަކެއް އަންނާނެކަމަށް އުންމީދުކުރައްވާ ކަމަށްވެސް ނާޒިމް ވިދާޅުވިއެވެ.
ހުއްޓިފައިއޮތް އެއަރޕޯޓުގެ މަސައްކަތް އަލުން ފެށުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދެއްވި އަހަންމިއްޔަތުކަން ފާހަގަކުރައްވަމުން، އެއަރޕޯޓަށް ބޭނުންވާ ވަޞީލަތްތައް ހޯދުމުގައި ދިމާވި ދަތިތައް ހައްލުކޮށްދެއްވުމަށް ރައީސް ގިނަ މަސައްކަތްތަކެއް ކުރެއްވިކަންވެސް ނާޒިމް ފާހަގަކުރެއްވިއެވެ.