ބޭރު ފައިސާއާ ބެހޭ ގާނޫނުގެ ދަށުން އެމްއެމްއޭއަށް ނަގާ ޑޮލަރުގެ އަދަދު 90 ޕަސެންޓަށް ބަދަލުކުރަން ނިންމައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 11ސ
ބޭރު ފައިސާއާ ބެހޭ ގާނޫނުގެ ދަށުން އެމްއެމްއޭއަށް ނަގާ ޑޮލަރުގެ އަދަދު 90 ޕަސެންޓަށް ބަދަލުކުރަން ނިންމައިފި

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން މިއަދު ނިންމައިފައިވާ ގޮތުގައި، ބޭރު ފައިސާއާބެހޭ ޤާނޫނުގެ ދަށުން ބޭންކުތަކުން އޮތޯރިޓީއަށް ވިއްކަންޖެހޭ ބޭރު ފައިސާގެ އިންސައްތަ 1 ޖޫން 2025 ވަނަ ދުވަހުން ފެށިގެން އިތުރުކުރުމަށް ނިންމައިފިއެވެ.

ބޭރު ފައިސާއާބެހޭ ޤާނޫނު (ޤާނޫނު ނަންބަރު: 32/2024) ގެ 13 ވަނަ މާއްދާގެ (ހ) ގެ ދަށުން، ބޭރު ފައިސާއިން އާމްދަނީ ލިބޭ ފަރާތްތަކުން ބޭންކުތަކަށް މާރުކުރާ ފައިސާގެ ތެރެއިން، މިހާރު އޮތޯރިޓީއަށް ވިއްކަންޖެހޭ 60 ޕަސެންޓް، 90 ޕަސެންޓަށް އިތުރުކުރުމަށް ވަނީ ނިންމާފައެވެ.

އެމްއެމްއޭއިން މި ބަދަލު ގެނެސްފައިވަނީ، އޮތޯރިޓީން ބޭންކުތަކަށް ކޮންމެ ހަފްތާއަކު ވިއްކާ ބޭރު ފައިސާ މެދުވެރިކޮށް، މިހާރަށްވުރެ ހަރުދަނާ ގޮތެއްގައި، ވިޔަފާރިތަކަށް ބޭނުންވާ ބޭރު ފައިސާ ބޭންކުތަކުން ހަމަޖައްސައިދިނުމަށް މަގުފަހިކުރުމުގެ ގޮތުންނެވެ.

މި ނިންމުމާ ގުޅިގެން، ބޭންކުތަކުން ކޮންމެ ހަފްތާއަކު އެމްއެމްއޭއަށް ވިއްކަންޖެހޭ ބޭރު ފައިސާގެ މިންވަރު އިތުރުވެގެންދާނެއެވެ. މިއީ ރާއްޖޭގެ ބޭރު ފައިސާގެ ރިޒާވް އިތުރުކޮށް، ފައިސާގެ ބާޒާރު އިތުރަށް ހަރުދަނާކުރުމަށް އެޅޭ މުހިންމު ފިޔަވަޅެއް ކަމުގައި ބެލެވެއެވެ.

އައު ބަދަލާއެކު، ބޭރު ފައިސާގެ މުޢާމަލާތްތައް އިތުރަށް ހަރުދަނާވެ، ވިޔަފާރިތަކަށް ބޭނުންވާ ބޭރު ފައިސާ ލިބުމުގައި ދިމާވާ ދަތިތައް ކުޑަވެގެންދާނެ ކަމަށް އެމްއެމްއޭއިން އުންމީދުކުރެއެވެ.

މިއަދު އޮންލައިން