ޣައްޒާއަށް ދެމުންދާ ޙަމަލާތައް ވަގުތުން ހުއްޓާލާ ޞިއްޙީ ފަރުވާ ފޯރުކޮށްދިނުމަށް ރާއްޖެއިން ގޮވާލައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 36ސ
ޣައްޒާއަށް ދެމުންދާ ޙަމަލާތައް ވަގުތުން ހުއްޓާލާ ޞިއްޙީ ފަރުވާ ފޯރުކޮށްދިނުމަށް ރާއްޖެއިން ގޮވާލައިފި

އިސްރާއީލުން ޣައްޒާއަށް ދެމުންދާ ޙަމަލާތައް ވަގުތުން ހުއްޓާލާ، ރައްކާތެރި ޞިއްޙީ ފަރުވާ ފޯރުކޮށްދެވޭކަން ކަށަވަރުކުރުމަށް ރާއްޖޭގެ ޞިއްޙީ ވަޒީރު ޢަބްދުﷲ ނާޛިމް އިބްރާހީމް ގޮވާލައްވައިފިއެވެ.

78 ވަނަ "ވޯލްޑް ހެލްތު އެސެމްބްލީ"ގައި ތަޤުރީރުކުރައްވަމުން ވަޒީރު ނާޛިމް ވިދާޅުވީ، ޣައްޒާގެ ޞިއްޙީ ނިޒާމު ސުންނާފަތިކޮށްލައި، އެތައް ހާސްބައެއްގެ ގެދޮރު ނެތިކޮށްލައި، ޞިއްޙީ ފަރުވާދޭ ތަންތަނަށާއި ޞިއްޙީ އެހީތެރިންނަށް އަމާޒުކޮށް ދެމުންދާ ހަމަލާތަކާއި، އިންސާނީ އެހީ ފޯރުކޮށްދިނުމަށް އަޅަމުންދާ ހުރަސްތަކާމެދު ރާއްޖެއިން ކަންބޮޑުވާ ކަމަށެވެ. އަދި މިކަންކަމުގެ ނަތީޖާއެއްގެ ގޮތުން ދިރިހުރުމަށް ބޭނުންވާ އެންމެ އަސާސީ ހައްގުތަކުން ޣައްޒާގެ ރައްޔިތުން މަހުރޫމްވެފައިވާކަން ވަޒީރު ފާހަގަކުރެއްވިއެވެ.

ވަޒީރު ނާޛިމް ވަނީ އިސްރާއީލުން ޣައްޒާގެ ނަސްލު ނައްތާލުމަށް ދެމުންދާ ޙަމަލާތައް އެންމެ ހަރުކަށި ޢިބާރާތުން ކުށްވެރިކުރައްވާފައެވެ. އަދި ވަގުތުން ވަގުތަށް އިންސާނީ އެހީ ފޯރުކޮށްދެވޭނެ މަގު ފަހިކޮށް، ކާބޯތަކެއްޗާއި ތެލާއި، މެޑިކަލް ސަޕްލައި އެތެރެކުރެވޭނެ އިންތިޒާމު ހަމަޖެއްސުމަށް ގޮވާލައްވާފައިވެއެވެ.

މީގެއިތުރުން، ނަފްސާނީ އެހީތެރިކަމާއި، ކުޑަކުދިންގެ ޞިއްޙަތާ ގުޅުންހުރި މުހިންމު ކަންކަމާއި، ބަލިތަކުން ރައްކާތެރިވުމަށް ވެކްސިން ދެވޭނެ މަގު ފަހިކުރުމުގެ މުހިންމުކަން ވަޒީރު ފާހަގަކުރެއްވިއެވެ. އަދި ޣައްޒާއަށް އެހީތެރިވުމަށް ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާއިން ކުރަމުންދާ މަސައްކަތްތަކަށް ދޭ މާލީ އެހީތެރިކަން އިތުރުކުރުމަށް ދުނިޔޭގެ ޤައުމުތަކަށާއި އެހީދޭ ފަރާތްތަކަށް ގޮވާލައްވާފައިވެއެވެ.

ޣައްޒާއަށް ކުރިމަތިކޮށްފައިވާ އިންސާނިއްޔަތާ ޚިލާފު ހާލަތަށް އަލިއަޅުވާލައްވަމުން، ބައިނަލްއަޤުވާމީ ޤާނޫނުތަކުން ލިބިދޭ ޙިމާޔަތާއި ރައްކާތެރިކަން ޣައްޒާގެ ރައްޔިތުންނަށް ކަށަވަރުވަމުން ނުދާކަމުގެ ކަންބޮޑުވުން ވަޒީރު ވަނީ ފާޅުކުރައްވާފައެވެ.

މިއަދު އޮންލައިން