މޫސުމީ ބަދަލުތަކުން ކުރިމަތިވާ ޞިއްޙީ މައްސަލަތަކަކީ ރާއްޖޭގެ ޞިއްޙީ ނިޒާމުގައި އެންމެ ގިނަ ބަޔަކަށް ދިމާވާ މައްސަލަ: ވަޒީރު ނާޛިމް

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 24ސ
މޫސުމީ ބަދަލުތަކުން ކުރިމަތިވާ ޞިއްޙީ މައްސަލަތަކަކީ ރާއްޖޭގެ ޞިއްޙީ ނިޒާމުގައި އެންމެ ގިނަ ބަޔަކަށް ދިމާވާ މައްސަލަ: ވަޒީރު ނާޛިމް

މޫސުމީ ބަދަލުތަކުން ކުރިމަތިވާ ޞިއްޙީ މައްސަލަތަކަކީ ރާއްޖޭގެ ޞިއްޙީ ނިޒާމުގައި އެންމެ ގިނަ ބަޔަކަށް ދިމާވާ މައްސަލަ ކަމަށް ޞިއްޙަތާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ ނާޛިމް ވިދާޅުވެއްޖެއެވެ. މިކަން ވަޒީރު ފާހަގަކުރެއްވީ ޖެނީވާގައި ކުރިއަށްދާ 78 ވަނަ "ވޯލްޑް ހެލްތު އެސެމްބްލީ"ގައި ދެއްކެވި ވާހަކަފުޅުގައެވެ.

ވަޒީރު ނާޛިމް ވިދާޅުވި ގޮތުގައި މޫސުމީ ބަދަލުތަކުގެ ސަބަބުން ކުރިމަތިވާ ޞިއްޙީ މައްސަލަތަކުގެ އަސަރު ވަކިވަކިން އޮންނަ ގިނަ ރަށްރަށުގެ ރައްޔިތުން ވަނީ ތަހައްމަލު ކުރަމުންނެވެ. އަދި ގައިންގައިން ނާރާ ބަލިތައް އިތުރުވެ، ޞިއްޙީ ނިޒާމަށް ބުރަބޮޑުވެފައިވާކަން ވެސް ވަޒީރު ފާހަގަކުރެއްވިއެވެ.

"ޞިއްޙީ ނިޒާމަށް ދިމާވެފައިވާ އަދި ދިމާވަމުން އަންނަ ގޮންޖެހުންތަކުން އަރައިގަނެވޭނީ، ހުރިހާ ރަށެއްގެ ޞިއްޙީ ނިޒާމު ވަރުގަދަ ކުރެވިގެން،" ވަޒީރު ވިދާޅުވިއެވެ. މިކަން ހާސިލުކުރުމަށްޓަކައި އާންމުންގެ ޞިއްޙީ ރައްކާތެރިކަން ކަށަވަރު ކުރުމަށް ޤާއިމް ކުރެވިފައިވާ އާސަންދަ ނިޒާމު ފުޅާކޮށް ހަރުދަނާ ކުރައްވާނެކަމުގެ ޔަގީންކަން ވަޒީރު ދެއްވިއެވެ.

ބަދަލުވަމުންދާ ޞިއްޙީ ނިޒާމާއި އެއްވަރަށް ކުރިއެރުން ހޯދުމަށް ރައްޔިތުންނަށް ޞިއްޙީ ރައްކާތެރިކަން ކަށަވަރުކޮށް، ރާއްޖެއިން ޞިއްޙީ ނިޒާމަށް ޒަމާނީ ބަދަލުތައް ގެންނަމުންދާކަން ވެސް ވަޒީރު ފާހަގަކުރެއްވިއެވެ. އަދި ދުންފަތުން ކުރިމަގުގެ ޖީލު ރައްކާކުރުމަށް އެޅި ފިޔަވަޅުތަކުގައި ރާއްޖެ ދެމިއޮންނާނެކަމުގެ ޔަގީންކަން ވެސް ވަޒީރު ދެއްވިއެވެ.

"ޞިއްޙަތަށް އެއް ދުނިޔެ" މި ޝިޢާރުގެ ދަށުން ބޭއްވޭ މި އެސެމްބްލީގައި ދުނިޔޭގެ ގިނަ ޤައުމުތަކުގެ ޞިއްޙީ ވަޒީރުންނާއި އިސް ބޭފުޅުން ބައިވެރިވެ ވަޑައިގަންނަވައެވެ.

މިއަދު އޮންލައިން