މާފަރު އިންޓަރނޭޝަނަލް އެއާޕޯޓަށް ގެންނަމުންދާ ތަރައްޤީއާއެކު ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާޢަތް ކުރިއަރައި، ދިވެހިންނަށް އިޤްތިޞާދީ އިތުރު ފުރުސަތުތައް ފަހިވަމުންދާ ކަމަށް އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.
މިދިޔަ އަންގާރަ ދުވަހު މާފަރު އިންޓަރނޭޝަނަލް އެއަޕޯޓުގެ ތާރީޚުގައި ފުރަތަމަ ފަހަރަށް ބޮއިން 777 މަރުކާގެ ވައިޑް ބޮޑީ ފްލައިޓެއް އެ އެއަރޕޯޓަށް ޖައްސާފައިވެއެވެ. މި ޓެސްޓް ފްލައިޓަކީ އެމިރޭޓްސް އެއަރލައިންސްގެ ފްލައިޓެކެވެ.
މި ތާރީޚީ ވަގުތާ ގުޅިގެން ސޯޝަލް މީޑިއާގައި ޕޯސްޓެއް ކުރެއްވި ވަޒީރު ސަޢީދު ވިދާޅުވެފައިވަނީ މި ކާމިޔާބީއަކީ ރާއްޖޭގެ އޭވިއޭޝަން ދާއިރާއަށް ލިބުނު ބޮޑު ކުރިއެރުމެއް ކަމަށެވެ. އަދި މިކަމާއެކު މަތީ ފަންތީގެ ފަތުރުވެރިންނަށް ރާއްޖެއަށް ޒިޔާރަތްކުރުމަށް އިތުރު ފަސޭހަތަކެއް ލިބިގެންދާނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓަކީ ރާއްޖޭގެ އުތުރުގައި ހުޅުވުނު ފުރަތަމަ އިންޓަރނޭޝަނަލް އެއަރޕޯޓެވެ. މި އެއަރޕޯޓް ތަރައްޤީކުރުމާއެކު އުތުރުގެ ރަށްތަކުގެ ފަތުރުވެރިކަމުގެ ސިނާއަތަށް އިތުރު ކުރިއެރުންތަކެއް ލިބި، ސަރަޙައްދީ ތަރައްޤީއަށް މަގުފަހިވެގެންދާނެ ކަމަށް ވަޒީރު ސަޢީދު ފާހަގަކުރެއްވިއެވެ.
އެއަރޕޯޓުގެ ތަރައްޤީއާއެކު ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތް އިތުރަށް ކުރިއަރައި، ދިވެހިންނަށް އިޤްތިޞާދީ އިތުރު ފުރުސަތުތައް ފަހިވެގެންދާނެ ކަމަށްވެސް ވަޒީރު ސަޢީދު ވަނީ ފާހަގަކުރައްވާފައެވެ.