ދިވެހިރާއްޖޭގައި ފަޤީރުން މަދުކުރުމަށް އިޖްތިމާޢީ އަދި އާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއާއި މޯލްޑިވްސް އިސްލާމިކް ބޭންކުން މަޝްވަރާތައް ފަށައިފިއެވެ. މި ޕްރޮގްރާމު ކުރިއަށް ގެންދިއުމަށް އެމްއައިބީގެ އިސް މުއައްސިސުންނާއި އިޖްތިމާޢީ އަދި އާއިލީ ތަރައްޤީއާ ބެހޭ ވަޒީރު ޑރ. ޢާއިޝަތު ޝިހާމް ވަނީ ބައްދަލުކުރައްވާފައެވެ.
އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާގައި ބޭއްވުނު ބައްދަލުވުމުގައި، ފުދުންތެރިކަން ދަށް ޢާއިލާތަކަށް އަދި ނާޒުކު ޙާލަތްތަކުގައި ދިރިއުޅޭ ފަރާތްތަކަށް އަމާޒުކޮށްގެން ޚާއްޞަ ޕްރޮގްރާމެއް ކުރިއަށް ގެންދިއުމާ ގުޅޭގޮތުން މަޝްވަރާކުރެވުނެވެ. މި ޕްރޮގްރާމުގެ ދަށުން އާމްދަނީ އިތުރުކުރުމާއި ވަޒީފާގެ ފުރުޞަތުތައް ފަހިކުރުމާއި، އަސާސީ ޚިދުމަތްތަކަށް ވާޞިލުވުމަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ވަނީ ރޭވިފައެވެ.
މޯލްޑިވްސް އިސްލާމިކް ބޭންކުން ވިދާޅުވެފައިވަނީ، "މިއީ ދިވެހި މުޖުތަމަޢުގައި ތިބި އެންމެ ނިކަމެތި ފަރާތްތަކުގެ ދިރިއުޅުމުގެ ޙާލަތު ރަނގަޅުކުރުމަށް އެހީތެރިވެދޭނެ ޕްރޮގްރާމެއް" ކަމުގައެވެ. އަދި މި މަސައްކަތަކީ ނިކަމެތި އަދި ނާޒުކު ޙާލަތްތަކުގައި ދިރިއުޅޭ ފަރާތްތަކުގެ ޙާލަތު ބަދަލުކުރުމަށް މަގުފަހިވެގެންދާނެ ކަމެއްގެ ގޮތުގައި އެމްއައިބީން ވަނީ ފާހަގަކޮށްފައެވެ.
މީގެއިތުރުން، ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް އެހީތެރިކަން ފޯރުކޮށްދިނުމާއި، އާމްދަނީ ހޯދޭނެ މަސައްކަތްތައް ދަސްކޮށްދީ، ވަސީލަތްތައް ފޯރުކޮށްދިނުމަށްވެސް މި ޕްރޮގްރާމުގެ ދަށުން ވަނީ ރޭވިފައެވެ. މިހާރުވެސް އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއިން ނާޒުކު ޙާލަތްތަކުގައި ދިރިއުޅޭ ފަރާތްތަކާއެކު ގާތުން މަސައްކަތްކުރަމުން ގެންދެއެވެ.
ސަރުކާރުން މާލީ ފުދުންތެރިކަން ނެތް މީހުންނަށް އެހީވުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާއިރު، ޒަކާތު ފަންޑުން ތަޢުލީމް ހާސިލް ކުރުމަށް އެހީތެރިކަން ދިނުމާއި، ފަޤީރުންގެ ލިސްޓުގައި ހިމެނޭ މީހުންގެ ތެރެއިން ވަކި އަދަދެއްގެ މީހުން ކޮންމެ އަހަރަކު ޙައްޖަށް ގެންދިއުމުގެ ކަންކަންވެސް ކުރިއަށް ގެންދެވެއެވެ.