ދިވެހިރާއްޖެއަށް ލިބިފައިވާ ޤުދުރަތީ ރީތިކަމުގެ ނިޢުމަތް ރައްކާތެރިވެވޭނީ، ދިރޭ ތަކެތީގެ ނަސްލު ޙިމާޔަތްކޮށް ދަމަހައްޓައިގެން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
މިއަދު ފާހަގަކުރެވޭ ބައިނަލްއަގުވާމީ ދިރޭތަކެތީގެ ނަސްލުގެ ދުވަހާ ގުޅުވައިގެން ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވެފައިވަނީ، ޤުދުރަތީ ރީތިކަމަކީ ދިވެހިރާއްޖެއަށް ލިބިފައިވާ އެންމެ ބޮޑު ނިޢުމަތްކަމަށެވެ. "އެ އަގުހުރި ނިޢުމަތަށް ރައްކާތެރިވެވޭނީ، ދިރޭ ތަކެތީގެ ނަސްލު ޙިމާޔަތްކޮށް ދަމަހައްޓައިގެން" ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ރާއްޖެއަށް ލިބިފައިވާ އެންމެ ބޮޑު އަދި ހިތްގައިމު، އެންމެ މުއްސަނދި ގުދުރަތީ ނިޒާމަކީ ރާއްޖޭގެ ރަށްތަކާއި ގުޅިފައިވާ މުރަކައިގެ ފަރުތަކެވެ. ރާއްޖޭގެ މުރަކައާއި ފަރުތަކުގެ ނިޒާމު 8900 އަކަ ކިލޯމީޓަރުގެ ސަރަޙައްދެއް ހިއްސާކުރާއިރު، މިއީ ދުނިޔޭގެ މުރަކައާއި ފަރުތަކުގެ 5 އިންސައްތައެވެ. އަދި ދުނިޔޭގެ ނިސްބަތުންވެސް 7 ވަނަ އަށް އެންމެ ބޮޑު މުރަކައާއި ފަރުތަކުގެ ނިޒާމު އޮތީ ރާއްޖޭގައެވެ.
ދޮންވެލި ގޮނޑުދޮށާއި ސާފު ރީތި މޫދަކީވެސް ރާއްޖެއަށް ލިބިފައިވާ ގުދުރަތީ ރީތިކަމެވެ. ރާއްޖެއަށް ދުނިޔޭގެ އެކި ކަންކޮޅުތަކުން ފަތުރުވެރިންވެސް ޒިޔާރަތްކުރަނީ މި ގުދުރަތީ މަންޒަރުތައް ބެލުމަށެވެ. ދުނިޔޭގެ އެކި ޤައުމުތަކުގައި މި ގުދުރަތީ ރީތިކަމުގެ ސަބަބުން ރާއްޖެ މަޝްހޫރުވެފައިވަނީ ދުނިޔެމަތީގެ ސުވަރުގޭގެ ގޮތުގައެވެ.