ސައުދީގައި ދިވެހި ހައްޖުވެރިންނަށް ޚާއްޞަ ކްލިނިކެއް ޤާއިމުކުރުމުގެ ހުއްދަދީފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 10ސ
ސައުދީގައި ދިވެހި ހައްޖުވެރިންނަށް ޚާއްޞަ ކްލިނިކެއް ޤާއިމުކުރުމުގެ ހުއްދަދީފި

ރާއްޖޭގެ ހައްޖުވެރިންނަށްޓަކައި ހައްޖު މޫސުމުގައި ޚާއްޞަ ކްލިނިކެއް ހެދުމަށް ސައުދީ ސަރުކާރުން ވަނީ ދިވެހި ހައްޖު މިޝަނަށް ރަސްމީކޮށް ހުއްދަ ދީފައި ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި، ދިވެހި ޙާޖީންނަށް ރަސްމީކޮށް ކްލިނިކް ޤާއިމު ކުރެވިގެންދާނީ މައްކާގެ އަބީރު ހޮސްޕިޓަލާ ގުޅިގެން، ހާޖީން ތިބޭ ހައްޖު ކޯޕަރޭޝަންގެ ހޮޓަލުގައެވެ.

މިއީ މިގޮތަށް ސައޫދީ ހޮސްޕިޓަލަކާ ގުޅިގެން އަދި ރަސްމީކޮށް ކްލިނިކް ޤާއިމު ކުރެވިގެންދާ ފުރަތަމަ ފަހަރެވެ.

"ހައްޖު ކޯޕަރޭޝަނުން ވަނީ ޞިއްޙީ ފުރިހަމަ ނިޒާމެއް ކްލިނިކްގައި ޤާއިމުކޮށްފައެވެ. ބޭސްފަރުވާއާއި ހޮސްޕިޓަލް އެނދު ވެސް ކްލިނިކުގައި ހުންނާނީ ޤާއިމުވެފައެވެ،" މިނިސްޓަރު ވިދާޅުވިއެވެ.

މި ކްލިނިކް ޤާއިމުކުރުމުގެ މަޤްޞަދަކީ ދިވެހި ހައްޖުވެރިންނަށް ފަސޭހައިން އަދި އަވަހަށް ޞިއްޙީ ޚިދުމަތް ފޯރުކޮށްދިނުމެވެ. މީގެ ސަބަބުން ހައްޖުވެރިންނަށް ދިމާވާ ކުދި ބޮޑު ޞިއްޙީ މައްސަލަތަކަށް ވަގުތުން ފަރުވާ ލިބި، ހައްޖުގެ އަޅުކަން ފަސޭހަކަމާއެކު އަދާކުރުމަށް މަގުފަހިވެގެންދާނެ ކަމަށް އުއްމީދު ކުރެވެއެވެ.

ކުރިއަށް އޮތް ހައްޖު މޫސުމުގައި މި ކްލިނިކް ހުޅުވި، ދިވެހި ހައްޖުވެރިންނަށް ޚިދުމަތް ދޭން ފެށޭނެ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފައިވެއެވެ.

މިއަދު އޮންލައިން