މުޅި ރާއްޖެއަށް ހުޅުވާލައިގެން ވައު ދެމުމުގެ މުބާރާތެއް ބޭއްވުމަށް ރޮކްޒީ ސްޕޯޓްސް ކުލަބުން ނިންމައިފިއެވެ. މި މުބާރާތް ބޭއްވުމަށް ހަމަޖެހިފައިވަނީވަނީ އަންނަ މަހުގެ 7 އިން 10 އަށެވެ.
ދައުލަތުގެ މީޑިއާއަށް މަޢުލޫމާތު ދެއްވަމުން ރޮކްޒީ ކުލަބުގެ އިވެންޓް ކޯޑިނޭޓަރ މުޙައްމަދު ފިރުޝާން ވިދާޅުވީ، ކުރީއްސުރެ ދިވެހިން ކުޅެމުން އައި ފޯރިގަދަ ކުޅިވަރުތަކުގެ ތެރެއިން ނެތުމުގެ ބިރު ހީވެފައިވާ އެއް ކުޅިވަރަކީ ވައު ދެމުން ކަމަށެވެ. އެހެންކަމުން މި ކުޅިވަރުގެ ފޯރި އަލުން އިޢާދަކުރުމުގެ ގޮތުން ވައުދެމުމުގެ މުބާރާތް ބޭއްވުމަށް ނިންމީކަމަށް ފިރުޝާން ވިދާޅުވިއެވެ.
"މި މުބާރާތް ބޭއްވުމަށް އަޅުގަނޑުމެން ވަނީ ކުޅިވަރާ ބެހޭ ވަޒީރާ ބައްދަލުކޮށްފައި. މިހާތަނަށް އައިރުވެސް އެންމެ ބޮޑު އެއްބާރުލުމެއް ދޭ އެއް ފަރާތަކީ އެވުޒާރާ. އަދި އެޗްޑީސީއާއި ދިވެހި ރެޑް ކްރެސެންޓާއި ހުޅުމާލެ ޕޮލިހާވެސް ވާނީ ވާހަކަދައްކާފައި." ފިރުޝާން ވިދާޅުވިއެވެ.
މުބާރާތުގައި ވީހާވެސް ގިނަ ބަޔަކު ބައިވެރިވުމަށް ފިރުޝާން ވަނީ އިލްތިމާސްކުރައްވާފައެވެ. ވައުދެމުން ކުރިއަށްދާނީ މުބާރާތް އޮންނަ ކޮންމެ ރެއަކު 20:30 އިން 23:30 އަށެވެ. އަދި މުބާރާތް ފަށާ ދުވަހު ފަންނާނުންގެ ހަރަކާތްތަކެއްވެސް ފެންނާނެކަމަށް ރޮކްޒީ ކުލަބުން ބުނެއެވެ.
މި މުބާރާތަކީ ދިވެހި އާދަކާދަތައް ދިރުވައި އާލާކުރުމަށާއި، ޒުވާނުންގެ މެދުގައި ދިވެހި ކުޅިވަރުތަކަށް ޝައުޤުވެރިކަން އިތުރުކުރުމަށް ބޭއްވޭ މުހިންމު ހަރަކާތެއްކަން ފާހަގަކުރެވެއެވެ. މި މުބާރާތުން ދިވެހި ސަގާފަތާއި ތަރިކަ ދެމެހެއްޓުމަށް އެހީތެރިވެދޭނެކަމަށް އުންމީދުކުރެވެއެވެ.