658 ފަރާތަކުން ޤައުމީ ޚިދުމަތުގެ ޕްރޮގުރާމްގައި ބައިވެރިވުމަށް އެދިފައި: ރައީސް ޑރ.މުޢިއްޒު

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 26ސ
658 ފަރާތަކުން ޤައުމީ ޚިދުމަތުގެ ޕްރޮގުރާމްގައި ބައިވެރިވުމަށް އެދިފައި: ރައީސް ޑރ.މުޢިއްޒު

ޤައުމީ ޚިދުމަތުގެ ޕްރޮގުރާމްގައި ބައިވެރިވުމަށް މިހާތަނަށް 658 ފަރާތަކުން އެދިފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

"ގޭންގުތަކުން ހިންގާ ކުށްތަކާއި އެނޫންވެސް ނުރައްކާތެރި ކުށްތައް ހުއްޓުވުމުގެ" ބިލު ތަޞްދީޤުކުރެއްވުމަށްފަހު މިއަދު ނޫސްވެރިންގެ ސުވާލުތަކަށް ޖަވާބުދެއްވަމުން ރައީސް މުޢިއްޒު ވިދާޅުވި ގޮތުގައި، މި ޕްރޮގުރާމްގައި ބައިވެރިވުމަށް އެދި ހުށަހެޅުމުގެ ފުރުޞަތު އަންނަ މަހުގެ 1 ވަނަ ދުވަހަށް ހަމަވާއިރު، މިހާތަނަށް 658 ފަރާތަކުން އެޕްލިކޭޝަން ހުށަހަޅާފައިވެއެވެ. އޭގެތެރޭގައި 18 އަހަރުން ދަށުގެ 316 ކުއްޖަކު ބެލެނިވެރިޔާގެ ހުއްދައާއެކު މި ޕްރޮގުރާމްގައި ބައިވެރިވާން އެދި ހުށަހަޅާފައިވާ ކަމަށްވެސް ރައީސް ފާހަގަކުރެއްވިއެވެ.

"މި ޕްރޮގުރާމްގެ ތެރެއިން އަޚުލާޤު ރަނގަޅު، ދީނީ، މަސައްކަތްތެރި ކުދިން ނެރެވޭނެ. ޕްރޮގުރާމް ފުރިހަމަކުރުމަށްފަހު ސިފައިންގެއަށް ނޫނީ ފުލުހުންގެ ޚިދުމަތަށް ވަދެވޭނެ. ބޭނުން ނުވާނަމަ އެހެން ދިމާއަކުންވެސް ކުރިއަށް ދެވިދާނެ. މަގުމަތީގައި ކުށްކުރުމުގައި އުޅޭ ކުދިންގެ ތެރެއިން ވަރަށް ގިނަ ކުދިން މަދުވާނެ." ރައީސް މުޢިއްޒު ވިދާޅުވިއެވެ.

ދިފާޢީ ވުޒާރާއިން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި، މި ޚިދުމަތުގައި ބައިވެރިވުމަށް ކުރިމަތިލެވޭނީ އުމުރުން 16 އަހަރާއި 28 އަހަރާ ދެމެދުގެ ފަރާތްތަކަށެވެ. އަދި 16 އަހަރާއި 18 އަހަރާ ދެމެދުގެ ކުދިން ޤައުމީޤައުމީ ޚިދުމަތާ ގުޅުމަށް ހުށަހަޅާއިރު، އެކަމަށް ބެލެނިވެރިޔާ އިޢުތިރާޒު ނުކުރާކަމުގެ އިޤްރާރެއް ހުށަހަޅަންޖެހޭނެއެވެ.

މި ޕްރޮގުރާމަކީ ޒުވާނުންގެ މެދުގައި ކުށްކުރުން މަދުކޮށް، އެމީހުންނަށް ރަނގަޅު ފުރުޞަތުތަކެއް ހޯދައިދިނުމަށް ސަރުކާރުން ފަށާފައިވާ މުހިންމު މަސައްކަތެއްގެ ގޮތުގައި ބެލެވެއެވެ. މި ޕްރޮގުރާމްގެ ސަބަބުން ޒުވާނުންގެ މެދުގައި ޤައުމީ ލޯބި އުފެދި، އެމީހުންގެ ހުނަރާއި ޤާބިލުކަން އިތުރުވެގެންދާނެ ކަމަށް އުންމީދު ކުރެވެއެވެ.

މިއަދު އޮންލައިން