ގޭންގު ކުށްތައް ހުއްޓުވުމުގެ ބިލާ ގުޅޭ ޤަވާއިދުތައް ހެދުމުގެ މަސައްކަތް ފަށައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 45ސ
ގޭންގު ކުށްތައް ހުއްޓުވުމުގެ ބިލާ ގުޅޭ ޤަވާއިދުތައް ހެދުމުގެ މަސައްކަތް ފަށައިފި

ގޭންގުތަކުން ހިންގާ ކުށްތަކާއި އެނޫންވެސް ނުރައްކާތެރި ކުށްތައް ހުއްޓުވުމުގެ ބިލާ ގުޅިގެން ހަދަންޖެހޭ ޤަވާއިދުތައް ހެދުމުގެ މަސައްކަތް ފަށާފައިވާ ކަމަށް ޕްރޮސިކިއުޓަރ ޖެނެރަލް އައްބާސް ޝަރީފް މިއަދު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ އޮފީހުގައި މިއަދު ބޭއްވުނު ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން، ޕްރޮސިކިއުޓަރ ޖެނެރަލް އައްބާސް ޝަރީފް ވިދާޅުވީ، މި ބިލާ ގުޅިގެން ހަދަންޖެހޭ ޤަވާއިދުތަކުގެ ޑްރާފްޓްގެ މަސައްކަތް ޕީޖީ އޮފީހުން މިހާރު ފަށައިގެން ކުރިއަށްދާ ކަމަށެވެ.

"ބިލު އަޅުގަނޑުމެން އަތަށް ލިބުނީއްސުރެ ބިލަށް 3 މަސްތެރޭގައި ކުރަންޖެހޭ ކަންތައްތަކަށް ތައްޔާރުވަމުންނޭ މިހާރު މިދަނީ. އޮފީހުން ހަދަންޖެހޭ ޤަވާއިދުތަކުގެ ޑްރާފްޓްގެ މަސައްކަތް ފެށިއްޖެ," އައްބާސް ޝަރީފް ވިދާޅުވިއެވެ.

މީގެ އިތުރުން، މި ބިލާ ގުޅޭގޮތުން ދޭންޖެހޭ ތަމްރީންތައް ދެމުންދާނެ ކަމަށްވެސް އައްބާސް ޝަރީފް ފާހަގަކުރެއްވިއެވެ. މި ތަމްރީންތަކުގެ ތެރޭގައި ޕީޖީ އޮފީހުގެ މުވައްޒަފުންނަށް ދޭންޖެހޭ ތަމްރީންތަކުގެ ޕްރޮގްރާމްތައް މިހާރު ފަށާފައިވާ ކަމަށާއި، ފުލުހުންނާ އެކުގައިވެސް ޕްރޮގްރާމްތަކެއް ކުރިއަށްދާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

އަދި ބިލާ ބެހޭގޮތުން އާންމުންނަށް ބޭނުންވާ މަޢުލޫމާތު ދިނުމަށްޓަކައި ފޯރަމްތަކެއް ބޭއްވުމަށް ޕީޖީ އޮފީހުން މަސައްކަތްކުރަމުން ގެންދާ ކަމަށާއި، މާގިނަ ދުވަހެއް ނުވެ މި ފޯރަމްތައް ބާއްވައި ބިލުގައި ހުރި ކަންކަމާ ބެހޭ ގޮތުން އާންމުންނަށް މަޢުލޫމާތު ދެއްވާނެ ކަމަށްވެސް ޕްރޮސިކިއުޓަރ ޖެނެރަލް އައްބާސް ޝަރީފް ވިދާޅުވިއެވެ.

 

ގޭންގުތަކުން ހިންގާ ކުށްތަކާއި އެނޫންވެސް ނުރައްކާތެރި ކުށްތައް ހުއްޓުވުމުގެ ބިލަކީ، ރާއްޖޭގައި އިތުރުވަމުންދާ ގޭންގު ކުށްތަކާއި ނުރައްކާތެރި ކުށްތައް ހުއްޓުވުމަށް އަމާޒުކޮށްގެން ތައްޔާރުކޮށްފައިވާ ބިލެކެވެ. މި ބިލު ތަންފީޒުކުރުމުން، ރާއްޖޭގެ މުޖުތަމަޢުގެ ސަލާމަތާއި ރައްކާތެރިކަން އިތުރުވެގެންދާނެ ކަމަށް ސަރުކާރުން އުންމީދުކުރެއެވެ.

މިއަދު އޮންލައިން