ކުރީގެ ކޮންޓްރޯލަރ ޖެނަރަލް އޮފް އިމިގްރޭޝަން މުޙައްމަދު ޝަމްއާން ވަޙީދުގެ މައްޗަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން 3 ދަޢުވާއެއް އުފުލައިފިއެވެ. މި ދަޢުވާތަކުގެ ތެރޭގައި ހިމެނެނީ ފޭރުމުގައި ބައިވެރިވުމުގެ ކުށާއި، ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށާއި، މަނީ ލޯންޑްރިންގގެ ކުށެވެ.
ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި، ފޭރުމުގެ ކުށުގެ ދަޢުވާ ސާބިތުވެއްޖެނަމަ ޝަމްއާންގެ މައްޗަށް 3 އަހަރާއި 2 މަހާއި 12 ދުވަހުގެ ޖަލު ހުކުމެއް އަންނާނެއެވެ. މީގެ އިތުރުން، ބިދޭސީއެއްގެ އަތުން ފޭރިގަނެފައިވާ 500،000 ރުފިޔާއަށްވާ ބަދަލު ނަގައިދިނުމަށްވެސް އެދިފައިވެއެވެ.
ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށުގެ ދަޢުވާ ސާބިތުވެއްޖެނަމަ، ޝަމްއާންގެ މައްޗަށް 1 އަހަރާއި 7 މަހާއި 6 ދުވަހުގެ ޖަލު ހުކުމެއް އަންނާނެއެވެ.
މަނީ ލޯންޑްރިންގގެ ދަޢުވާއާ ގުޅިގެން، ކުށް ސާބިތުވެއްޖެނަމަ 100،000 ރުފިޔާއާއި 1،000،000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުމާއެކު، 5 އަހަރާއި 15 އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުމުގެ އަދަބު ކަނޑައެޅިދާނެއެވެ. ނުވަތަ ކުށުގެ ޢަމަލު ހިންގުމުގައި ބޭނުންކުރި ފައިސާގެ އަދަދުގެ 5 ގުނައަށްވުރެ އިތުރުނުވާ އަދަދަކުން ޖޫރިމަނާކުރުމާއެކު، 5 އަހަރާއި 15 އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުމުގެ އަދަބު ކަނޑައެޅިދާނެއެވެ.
މައްސަލައިގެ ހެކިންނަށް ނުފޫޒު ފޯރުވަފާނެކަމަށް ބެލެވޭތީ، މުޙައްމަދު ޝަމްއާން މިހާރު ހުރީ ޝަރީޢަތް ނިމެންދެން ބަންދުގައެވެ.