އިންޑޯ ސްޕޯޓްސް ކޮމްޕްލެކްސްތަކުން ސްޕޯޓްސް ޓޫރިޒަމް ފުޅާވެ، އިޤްތިޞާދަށް ފައިދާވާނެ: ވަޒީރު ރާފިޢު

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 39ސ
އިންޑޯ ސްޕޯޓްސް ކޮމްޕްލެކްސްތަކުން ސްޕޯޓްސް ޓޫރިޒަމް ފުޅާވެ، އިޤްތިޞާދަށް ފައިދާވާނެ: ވަޒީރު ރާފިޢު

އިންޑޯ ސްޕޯޓްސް ކޮމްޕްލެކްސްތަކުގެ ސަބަބުން ސްޕޯޓްސް ޓޫރިޒަމް ފުޅާކުރުމަށް މަގުފަހިވެ، އިޤްތިޞާދަށް އޭގެ ހެޔޮ އަސަރުކުރާނެ ކަމަށް ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު ވިދާޅުވެއްޖެއެވެ.

ކުޅިވަރު ޤާނޫނަށް ގެނެވުނު އިޞްލާޙުތަކާ ގުޅޭ ގޮތުން ދައުލަތުގެ މީޑިއާއަށް މަޢުލޫމާތު ދެއްވަމުން ވަޒީރު ރާފިޢު ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ތަޞްދީޤު ކުރެއްވި ކުޅިވަރު ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލުގެ ސަބަބުން ޤާނޫނަށް އައި ބަދަލުތަކާއެކު ރާއްޖޭގެ ސްޕޯޓްސް ޓޫރިޒަމް ކުރިއެރުވުމަށް މަގުފަހިވެގެންދާނެ ކަމަށެވެ.

"މުޅި ރާއްޖޭގައި ކުޅިވަރުގެ ވަސީލަތްތައް ޤާއިމުކުރުމަށް ސަރުކާރުން ފަށާފައިވާ މަސައްކަތްތައް ނިންމާލެވުމުން ސްޕޯޓްސް ޓޫރިޒަމް ކުރިއެރުވުމުގެ ސިޔާސަތަށް ކުރިއެރުންތަކެއް އަންނާނެ," ވަޒީރު ރާފިޢު ވިދާޅުވިއެވެ.

އެކި ސަރަޙައްދުތަކުގައި ޤާއިމުކުރަން ނިންމާފައިވާ އިންޑޯ ސްޕޯޓްސް ކޮމްޕްލެކްސްތަކުގެ ސަބަބުން ސްޕޯޓްސް ޓޫރިޒަމް ފުޅާކުރުމަށް މަގުފަހިވެ އިޤްތިޞާދަށް އޭގެ ހެޔޮ އަސަރުކުރާނެ ކަމަށްވެސް ވަޒީރު ފާހަގަކުރެއްވިއެވެ.

ވަޒީރު ރާފިޢު އިތުރަށް ވިދާޅުވީ، "އޭގެ ކުރެހުމާއި އެކަމަށް ބޭނުންވާ އަދަދަށް ސާމާނުވެސް ހޯދުމަށް ފިނޭންސް މިނިސްޓްރީއަށް ހުށަހަޅާ އެސްޓީއޯއާއި ވެސް ހިއްސާކޮށްފައިވާނީ. އިރާދަކުރެއްވިއްޔާ އެސްއޯއީތަކާއި ގުޅިގެން އަދި އަމިއްލަ ފަރާތްތަކާއި ގުޅިގެންވެސް މި މަޝްރޫޢުތައް އަޅުގަނޑުމެންނަށް ކުރިޔަށް ގެންދެވޭނެ. އެހެންވީމަ ވަސީލަތްތައް އިރާދަކުރެއްވިއްޔާ ކުރިޔަށް އޮތްތަނުގައި ދާނީ ޤާއިމުކުރެވެމުން," ކަމަށެވެ.

މި މަޝްރޫޢުތައް ފެށުމުން ރާއްޖޭގެ ކުޅިވަރުގެ ދާއިރާއަށް ބޮޑު ކުރިއެރުމެއް ލިބި، ބައިނަލްއަޤްވާމީ ފެންވަރުގެ މުބާރާތްތައް ބޭއްވުމަށް މަގުފަހިވެގެންދާނެ ކަމަށް އުންމީދުކުރެވެއެވެ. މީގެ އިތުރުން، މި ކޮމްޕްލެކްސްތަކުގެ ސަބަބުން ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު އިތުރުވެ، އިޤްތިޞާދީ ގޮތުން ގިނަގުނަ ފައިދާތަކެއް ލިބިގެންދާނެ ކަމަށްވެސް ބެލެވެއެވެ.

މިއަދު އޮންލައިން