600 ޒުވާނުން ވަޒީފާގެ ފުރުޞަތުތަކަށް ތަމްރީނުކުރުމަށް އެއްބަސްވުމުގައި ސޮއިކޮށްފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 27ސ
600 ޒުވާނުން ވަޒީފާގެ ފުރުޞަތުތަކަށް ތަމްރީނުކުރުމަށް އެއްބަސްވުމުގައި ސޮއިކޮށްފި

މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާ ބެހޭ ވުޒާރާއިން މިއަދު ވަނީ 600 ޒުވާނުން ވަޒީފާގެ ފުރުޞަތުތަކަށް ތަމްރީނުކުރުމަށްޓަކައި އަމިއްލަ ދެ އިންސްޓިޓިއުޓަކާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ. މި އެއްބަސްވުމުގެ ދަށުން "ފިއުޗަރ-ރެޑީ ޔޫތު ޕްރޮގްރާމް" ގެ ނަމުގައި 18 ދާއިރާއަކުން ކޯސްތައް ހިންގުމަށް ވަނީ ހަމަޖެހިފައެވެ.

މި އެއްބަސްވުމުގައި ސޮއިކުރެވިފައިވަނީ މޯލްޑިވްސް އިންސްޓިޓިއުޓް އޮފް ޓެކްނޮލޮޖީ (އެމް.އައި.ޓީ) އާއި އައިލޭންޑް އިންސްޓިޓިއުޓް އޮފް ޓަރޝަރީ އެޑިޔުކޭޝަން (އައި.އައި.ޓީ.އީ) އާ ދެމެދުގައެވެ. އެމް.އައި.ޓީގެ ފަރާތުން ސޮއިކުރެއްވީ އެ އިންސްޓިޓިއުޓްގެ ޑައިރެކްޓަރ އޮފް ޕްރޮގްރާމްސް، އާދަމް ހަލީމެވެ. އަދި އައި.އައި.ޓީ.އީގެ ފަރާތުން ސޮއިކުރެއްވީ އެ އިންސްޓިޓިއުޓްގެ އެސިސްޓަންޓް ޑިރެކްޓަރ، ފާތިމަތު މައީޝާއެވެ.

މި ޕްރޮގްރާމަކީ "މޯލްޑިވްސް: އެންހޭންސިންގ އެމްޕްލޯޔަބިލިޓީ އެންޑް ރެޒިލިއަންސް އޮފް ޔޫތު ޕްރޮޖެކްޓް" (މީރީ ޕްރޮޖެކްޓް) ގެ ފަރާތުން ފަންޑުކޮށްގެން ކުރިއަށްގެންދާ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމްގެ ދަށުން ހިންގާނީ ޓިވެޓް ދާއިރާގެ އެކި ބާވަތުގެ ކޯސްތަކެވެ.

"ފިއުޗަރ-ރެޑީ ޔޫތު ޕްރޮގްރާމް" ގެ މައިގަނޑު މަޤްޞަދުތަކުގެ ތެރޭގައި ޒުވާނުންނަށް ވަޒީފާގެ ފުރުޞަތުތައް އިތުރުކޮށްދިނުމާއި، ބިދޭސީ މަސައްކަތްތެރިންގެ މައްޗަށް ބަރޯސާވާ މިންވަރު ކުޑަކުރުން ހިމެނެއެވެ. މީގެ އިތުރުން، ބިދޭސީން ގިނަ ދާއިރާތަކުން ދިވެހި ޒުވާނުން ތަމްރީނުކުރުމަކީވެސް މި ޕްރޮގްރާމްގެ މުހިންމު އަމާޒެކެވެ.

 

 

މިއަދު އޮންލައިން