އޭޝިއާ ސަރަހައްދުގެ ޓެކްސް ޓްރާންސްޕޭރެންސީ ފޯރަމް ރާއްޖޭގައި ފަށައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 37ސ
އޭޝިއާ ސަރަހައްދުގެ ޓެކްސް ޓްރާންސްޕޭރެންސީ ފޯރަމް ރާއްޖޭގައި ފަށައިފި

ވިލާ ނޯޓީކާ ރިސޯޓުގައި މިއަދު އޭޝިއާ ސަރަހައްދުގެ ޓެކްސް ޓްރާންސްޕޭރެންސީ އަދި މަޢުލޫމާތު ބަދަލުކުރުމާ ގުޅޭ ޚާއްޞަ ފޯރަމެއް ފަށައިފިއެވެ. މި ފޯރަމަކީ އޯގަނައިޒޭޝަން ފޯ އިކޮނޮމިކް ކޯޕަރޭޝަން އެންޑް ޑިވެލޮޕްމަންޓް (އޯއީސީޑީ)ގެ ގްލޯބަލް ފޯރަމް އޮން ޓްރާންސްޕޭރެންސީ އެންޑް އެކްސްޗޭންޖް އޮފް އިންފޮމޭޝަން ފޯ ޓެކްސް ޕާޕަސަސްގެ ދަށުން ބާއްވާ އޭޝިއާ ސަރަހައްދުގެ 8 ވަނަ ބައްދަލުވުމެވެ.

މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އާ ގުޅިގެން ބާއްވާ މި ފޯރަމުގައި އޭޝިއާ ސަރަހައްދުގެ 17 ޤައުމަކުން ބައިން ބައިވެރިވެއެވެ. ފޯރަމްގެ ކޯ-ޗޗެއަރގެ މަޤާމު އަދާކުރައްވަނީ މީރާގެ ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަން ހަސަން ޒަރީރެވެ.

ފޯރަމްގެ އިފްތިތާހީ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ މާލީ ކަންކަމާއި ތަރައްޤީގެ ރޭވުންތެރިކަމާ ބެހޭ ވަޒީރު މޫސާ ޒަމީރެވެ. މި ރަސްމިއްޔާތުގައި ވަޒީރު ވަނީ "ޓެކްސް ޓްރާންސްޕޭރެންސީ އިން އޭޝިއާ" ރިޕޯޓުގެ ތިންވަނަ އަދަދު އިފްތިތާހުކޮށްދެއްވާފައެވެ.

މި ފޯރަމާ ގުޅޭގޮތުން ޕީއެސްއެމް ނިއުސްއަށް ދެއްވި ބަޔާނެއްގައި ކޮމިޝަނަރ ޖެނެރަލް ހަސަން ޒަރީރު ވިދާޅުވީ، ރާއްޖޭގެ ޓެކްސް ނިޒާމަކީ އެހެން ޤައުމުތަކާ އަޅާބަލާއިރު ކުރު މުއްދަތެއްގެ ތެރޭގައި ގިނަ ކުރިއެރުންތަކެއް ހޯދާފައިވާ ނިޒާމެއް ކަމަށެވެ. އަދި މި ފޯރަމްގެ ކޯ-ޗެއަރކަން ރާއްޖެއަށް ލިބުމަކީ ވަރަށް މުހިންމު ފުރުސަތެއް ކަމުގައިވެސް އޭނާ ފާހަގަކުރެއްވިއެވެ.

މި ފޯރަމްގެ މައިގަނޑު މަޤްޞަދަކީ ޓެކްސް ނިޒާމުގެ ތެރެއިން ޤައުމުތަކުގެ މެދުގައި މަޢުލޫމާތު ބަދަލުކުރުމާއި، ދެފުށް ފެންނަ ނިޒާމެއް ޤާއިމްކުރުމާ ގުޅޭ ގޮތުން މަޝްވަރާކުރުމެވެ. މި ފޯރަމްގެ ސަބަބުން އޭޝިއާ ސަރަހައްދުގެ ޤައުމުތަކުގެ މެދުގައި ޓެކްސް ދާއިރާގައި އެއްބާރުލުން އިތުރުވެ، ހަރުދަނާ ޓެކްސް ނިޒާމެއް ޤާއިމްކުރުމަށް މަގުފަހިވެގެންދާނެ ކަމަށް އުންމީދުކުރެވެއެވެ.

 

މިއަދު އޮންލައިން