ކަނޑުގެ ދިރުންތަކާއި ރައްޓެހި މަސްވެރިކަމެއް ކުރަމުން ދަނީ ދިވެހިރާއްޖޭގައިކަމަށް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާބެހޭ ވަޒީރު އަޙްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ. މި ވާހަކަ ވަޒީރު ވިދާޅުވީ އިއްޔެ ބޭއްވުނު ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތުގައި ހިމެނޭ ނޫ އިޤްތިޞާދު ކުރިއެރުވުމަށް ބޭއްވި މަޝްވަރާ ބައްދަލުވުމުގައެވެ.
ވަޒީރު ޝިޔާޝިޔާމް ވިދާޅުވި ގޮތުގައި ޒަމާނުއްސުރެ ދިވެހީން ކުރަމުން އައި ތިމާވެއްޓާއި ރައްޓެހި އަދި ދެމެހެއްޓެނިވި ދޮށީގެ މަސްވެރިކަމަށް ބަލާއިރު، މިފަދަ މަސްވެރިކަމެއް އެންމެ ފުޅާދާއިރާއެއްގައި މިއަދު އޮތީވެސް ދިވެހިރާއްޖޭގައެވެ. ނަމަވެސް، ދުނިޔޭގެ ބާޒާރުގައި ދޮށީގެ މަސްވެރިކަމުން ބާނާ މަސް ވިއްކުމާއި އަގު ކަނޑައެޅުމުގެ ބާރު ދިވެހިރާއްޖެއަށް ނެތްކަމަށާއި، މިކަމުގެ ފައިދާ ނަގަމުން އަންނަނީ ވާދަވެރި އެހެން ޤައުމުތަކުންކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.
މި ގޮންޖެހުންތައް ކުޑަކުރުމަށްޓަކައި، ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތަށް ނޫ އިޤްތިޞާދު ތައާރަފްކުރުމުގެ މުހިންމުކަން ވަޒީރު ފާހަގަކުރެއްވިއެވެ. މިގޮތުން، ޓޫނާ ރިންގް ތައާރަފްކޮށް، އިކެޖިމޭ މެތަޑް ތަންފީޒުކޮށްގެން ޔެލޯފިން ޓޫނާގެ އޮންބޯޑް ހެންޑްލިން އިތުރުކޮށް، ކޮލިޓީއާއި އަގު ރަނގަޅުވެފައިވާކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި މޮޑިފައިޑް ބެއިޓް ޓޭންކްތައް ތައާރަފް ކުރުމުން ބެއިޓްގެ ވަސީލަތްތައް ރަނގަޅު ކުރުމަށް އުއްމީދީ ނަތީޖާތަކެއް ލިބިފައިވާކަމަށްވެސް ވަޒީރު ފާހަގަކުރެއްވިއެވެ.
މި މަޝްވަރާ ބައްދަލުވުމުގައި މަސްވެރިކަމުގެ ދާއިރާގެ އިސް ފަރާތްތަކާއި، ސަރުކާރުގެ ކަމާބެހޭ އިދާރާތަކުގެ އިސްވެރިން ބައިވެރިވެ ވަޑައިގެންނެވިއެވެ. ބައްދަލުވުމުގައި ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތު ތަރައްޤީކުރުމަށް ކުރެވިދާނެ އިތުރު މަސައްކަތްތަކާ ގުޅޭގޮތުން މަޝްވަރާކުރެވުނެވެ.