ޢަލީ އިޙްޞާން ފިރާޤް
ދުޅަހެޔޮ ކުއްޖަކު އުފަން ކުރުމަށްޓަކައި ދެމަފިރިން ދުރާލާ ތައްޔާރުވާންޖެހެއެވެ. އެގޮތުން ކުރެވިދާނެ ކަންކަމުގެ ތެރޭގައި ސިއްހަތަށް ފައިދާހުރި ކާނާ ކެއުމާއި ރަނގަޅު މިންވަރަކަށް ބަރުދަން ބެހެއްޓުމާއި ދުންފަތުގެ އިސްތިއުމާލުކުރުމުން ދުރުވުން ހިމެނެއެވެ.
އައިބުތަކުން ސަލާމަތްވެ ދުޅަހެޔޮ ކުއްޖަކު އުފަންކުރުމަށްޓަކައި މައިމީހާ ބައެއް ކަހަލަ މާއްދާތައް ކެއުމުގައި ހިމަނަންޖެހެއެވެ. އޭގެ ތެރެއިން އެންމެ މުހިންމު އެއް މާއްދާއަކީ ފޯލިކްއެސިޑެވެ.
ބަލިވެއިނުމަށް ތައްޔާރުވާއިރު ކޮންމެ ދުވަހަކު 500 މައިކްރޯގްރާމް ފޯލިކް އެސިޑް ބޭނުން ކުރަންވާނެއެވެ. އެގޮތުން ބަލިވެއިނުމުގެ ތިން މަސްދުވަސް ކުރިންނާއި ބަލިވެއިނުމަށްފަހު ތިންމަސްދުވަސް ވަންދެން ފޯލިކް އެސިޑް ގަވައިދުން ބޭނުން ކުރުމުގެ ސަބަބުން ދަރިފުޅަކީ ނުކުޅެދޭ ކުއްޖަކަށް ވުމުގެ ފުރުސަތު ދަށްކޮށްދެއެވެ.
ފޯލިކްއެސިޑް ހަށިގަނޑުގައި މަދުވުމުގެ ސަބަބުން ދިމާވާ އެންމެ ބޮޑު އެއްމައްސަލައަކީ ނިއުރަލް ޓިއުބް ޑިފެކްޓްސް އުފެދުމެވެ. ނިއުރަލް ޓިއުބަކީ ގަރުބަ ގަންނަތާ ދޮޅުމަހެއްހާ ދުވަހުގެ ތެރޭގައި ބެދޭ ހޮޅިއެކެވެ. މި ހޮޅި ބެދުމަށްފަހު ކުއްޖާގެ ސިކުނޑިއާއި މައިބަދަ އުފެދެން ފަށައެވެ. މި ހޮޅި ބެދޭއިރު އުނިކަމެއް އަތުވެއްޖެނަމަ ނުވަތަ ބައެއް ހިސާބުތަކުގައި ނުބެދި ހުރެއްޖެނަމަ, މައްސަލަ ހުރި ހިސާބައެއްގެ ގޮތުން ސިކުނޑިން ނުވަތަ މައިބަދައިން ބައެއް ނުކުމެފައި ހުރެއެވެ. ނުކުޅެދުން ހުރި ކުއްޖަކު ލިބުމުގެ ފުރުސަތު އިތުރުވަނީ މިސަބަބާ ހެދިއެވެ.
އެހެންކަމުން ބަލިވެ އިނުމަށް ތައްޔާރުވުމުގެ ކުރިން ފޯލިކް އެސިޑް ގަވައިދުން ނަގަމުން ގެންދިޔުން ވަރަށް މުހިންމެވެ. ނުވަތަ ބަލިވެއިންކަން އެނގޭ ހިސާބުން ފޯލިކް އެސިޑް ނެގުން ވަރަށް މުހިންމެވެ. ހަމަ މިއާއެކު ފޯލިކް އެސިޑް ހިމެނޭ ކާނާގެ ބާވަތްތައް ގަވައިދުން ބޭނުން ކުރަންޖެހޭނެއެވެ.
- މިއަދުނޫހުގެ ލިޔުންތެރިޔާ ޢަލީ އިޙްޞާން ފިރާޤަކީ ރާއްޖެއިން ބޭރުގައި މެޑިސިން ކިޔަވަމުން އަންނަ ދަރިވަރެކެވެ.